ދެހާސް ފަނަރާގައި ރިލީޒް ކުރި "ސްޓާ ވޯސް: ފޯސް އެވޭކަންސް" އަށް ފަހު، ޖޭޖޭ އަބްރަމްސް ޑައިރެކްޓް ކުރާ މި ސީރީޒްގެ ދެވަނަ ފިލްމް "ސްޓާ ވޯސް: އެޕިސޯޑް 9" ގެ ސްކްރިޕްޓް މިހާރު ނިމިފައިވާ ކަމަށާއި އަންނަ ޖުލައި މަހުގެ ތެރޭގައި ފިލްމްގެ ޝޫޓިން ފަށާނެ ކަމަށް ޖޭޖޭ ބުނެފި އެވެ.

ސީބީއެސްގެ ދަ ލޭޓް ޝޯގައި ބުދަ ދުވަހު ޖޭޖޭ ބުނީ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ދުރާލައި ސްކްރިޕްޓް ނިންމައިލެވުން ކަމަށާއި ބެލުންތެރިން އުންމީދު ކުރާ ވަރުގަދަ އެއްޗަކަށް މި ފަހަރުގެ ސްކްރިޕްޓް ވާނެކަމާ ދޭތެރޭ ޝައްކެއް ނެތް ކަމަށެވެ.

ސްކްރިޕްޓް އެކުލަވައިލުމުގައި ޖޭޖޭއާ އެކު، ކްރިސް ޓެރިއޯ މަސައްކަތްކޮށްފައިވެ އެވެ. އޭނާއަކީ އާގޯ (2012) އާއި ބެޓްމޭން ވާސަސް ސްޕަމޭން: ޑޯން އޮފް ޖަސްޓިސް (2016) ފަދަ ފިލްމްތަކުގެ ސްކްރީންރައިޓަރެވެ.

"އަހަރެން ބުނާނީ ހިތްހަމަޖެހޭ ވަރުގެ ސްކްރިޕްޓެއް ފިލްމްގެ މަސައްކަތް ފެށުމުގެ މާ ކުރިން ނިންމައިލެވުމަކީ ވަރަށް ހިތްހަމަޖެހޭ އަދި އެހާމެ އުފާވެރި އިހުސާސްތަކެއް ގެނުވައިދޭ ކަމެކޭ. އެހެންވެ މިއީ ނަސީބެކޭ ބުނާނީ،" އޭނާ ބުންޏެވެ. "އަނެއްކާ އަހަންނާ އެކު ކްރިިސް މަސައްކަތް ކުރުމަކީ ލިބުނު ބަރަށް ބޮޑު ކުރިއެރުމެއް އަދި ހިތްވަރެއް ވެސް މެ. އޭނާއަކީ އާދަޔާހިލާފު ހުނަރުވެރިއެއް." ކް

ޖޭޖޭ ބުނީ "ސްޓާ ވޯސް" ގެ ފިލްމެއް ހަދާ އިރު، އެންމެ ބޮޑު އިސްކަމެއް ދެނީ ބެލުންތެރިން އުންމީދު ކުރާ ވަރުގެ ވަރުގަދަ

އެއްޗެއް ގެނެސް ދޭން ކަމަށެވެ. އެހެންވެ ފޭނުން މާޔޫސް ވާން ނުޖެހޭނެ ކަމަށް ބުންޏެވެ.

"އަބަދު ވެސް ސިކުނޑީގައި އިންނަ އެއްޗެއް އަނެއްކާ މި ފިލްމް ބެލުންތެރިންނަށް ކަމުދާނެތޯ ނޫންތޯ. އެ ބިރު ސްޓާ ވޯސްއާ އެކު އަހަރެންގެ އޮވޭ،" އޭނާ ބުންޏެވެ. "އެކަމަކު ޔަގީންކަން ދެން ފޭނުން މާޔޫސްކޮށް ނުލާނެ ކަމަށް."

ބެލުންތެރިނަށް ޖޭޖޭ ދިން އުފާވެރި އަނެއް ހަބަރަކީ "ސްޓާ ވޯސް: އެޕިސޯޑް 9" އިން ވެސް "ފޯސް އެވޭކަންސް" ގެ މުހިއްމު ތަރިން ފެނިގެން ދާނެ ކަމެވެ. އޭގެ ތެރޭގައި ޖޯން ބޮޔެގާ، އެޑަމް ޑްރައިވާ، އޮސްކާ އިސާކް އަދި ޑެއިޒީ ރިޑްލީ ހިމެނެ އެވެ.

"ސްކްރިޕްޓް ވެސް ނިމި، ކާސްޓުން ވެސް މިހާރު އެއްކޮށްހެން ފައިނަލްވެފައިވާތީ ޖުލައި މަހުގެ ފަހުކޮޅު ފިލްމްގެ ޝޫޓިން ފަށާނަން،" ޖޭޖޭ ބުންޏެވެ. "އަހަރެންގެ ނެތް މި ފަހަރު މާ ބޮޑު ހާސްކަމެއް. ސަބަބަކީ ސްޓާ ވޯސްގައި މަސައްކަތްކޮށްލަން އަބަދު ވެސް އެކުގައި ވަރުގަދަ ޓީމެއް އޮންނާތީ."

ނަމަވެސް ފިލްމް ސިނަމާތަކަށް އަންނާނީ އެންމެ ފުރަތަމަ އިއުލާން ކުރި ތާރީހަށް ވުރެ އަހަރު ދުވަސް ފަހުންނެވެ. މިހާރު ތާވަލްކޮށްފައި އޮތް ގޮތުން ސްޓާ ވޯސް: އެޕިސޯޑް 9" ރިލީޒް ކުރާނީ ޑިސެމްބަރު، 20، 2019 ގަ އެވެ. ޖޭޖޭ ކޯ-ޕްރޮޑިއުސަރެއްގެ ޒިންމާ ވެސް ނަގާ ފިލްމް ކުރިން ގެނެސް ދޭން ތާވަލު ކުރީ މި އަހަރުގެ ޑިސެމްބަރުގަ އެވެ.

ސްޓާ ވޯސްގެ ސީރީޒްގެ ތެރެއިން އެންމެ ފަހުން ބެލުންތެރިންނާ ހަމައަށް އައީ މިދިޔަ އަހަރު ރިލީޒް ކުރި "ލާސްޓް ޖެޑާއީ" އެވެ. އެ ފިލްމް ލިޔެ، ޑައިރެކްޓް ކުރީ ރިއަން ޖޯންސަން އެވެ.