އަންނަ އެޕްރީލް މަހުގެ 21 ގައި އޮލިމްޕަސް ސިނަމާގައި އަޅުވަން ނިންމާފައިވާ ފިލްމް "ތިޔަ ލޯތްބާ ދުރަށް" ގެ ޓިކެޓް ބުކްކޮށް ދޭން ފަށައިފި އެވެ.

ފިލްމް އަޅުވަން އަދި ތިން މަހެއްހާ ދުވަސް އޮތް ނަމަވެސް، "ތިޔަ ލޯތްބާ ދުރަށް" ގެ ޓީމުން ވަނީ އެސްއެމްއެސް މެދުވެރިކޮށް ޓިކެޓް ބުކް ކުރުމުގެ ފުރުސަތު ދުރާލައި ހުޅުވާލައިފަ އެވެ.

މި ފިލްމަކީ ވާހަކަ ލިޔުންތެރިޔާ މަރިޔަމް މޫސާ (މަރީ) ގެ ލޯބީގެ އަސަރު ގަދަ ވާހަކައަކަށް އޭނާ ޑައިރެކްޓްކޮށްފައިވާ ފުރަތަމަ ފީޗާ ފިލްމެވެ. ސްރީ ލަންކާގައި ޝޫޓްކޮށްފައިވާ ފިލްމްގެ ލީޑް ރޯލުން ފެނިގެން ދާނީ އަހުމަދު އަޒްމީލް (އަޒޭ) އާއި މަލީހާ ވަހީދު (މަލް) އެވެ. "ދިޔަ ލޯތްބާ ދުރަށް" އަކީ 2016 ގައި ރިލީޒް ކުރި "ނޭނގި ޔާރު ވަކިވީ" އަށް ފަހު ޒުވާން ބަތަލާ މަލް ފެނިގެންދާ ހަތަރު ވަނަ ފީޗާ ފިލްމަށެވެ.

މި ފިލްމްގެ ރޯލަކުން ލަންކާގެ ބަތަލާ އުދޭނީ ވެސް ފެނިގެން ދާނެ އެވެ.

ފިލްމްގެ އިތުރު ކާސްޓުންގެ ތެރޭގައި އަހުމަދު އަމަން (ޓޮމް) އާއި އޭނާގެ އަންހެނުން މަރިޔަމް ޝަހްޒާ ހިމެނެ އެވެ.

"ތިޔަ ލޯތްބާ ދުރަށް" އަކީ މަރީގެ ފިރިމީހާ އަދި ކުރީގެ ޑައިރެކްޓަރު/ޕްރޮޑިއުސަރު ހުސައިން އާދިލްގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް ޓެކްނޯ މީޑިއާ އިން އުފައްދާފައިވާ ފިލްމެކެވެ.