ވިޝްކާގައި ރިޝްމީގެ ކެރެކްޓާއަކީ "ދަ ގުޑް"

ޔާރާ ޕްރޮޑަކްޝަނުން އަންނަ މަހު ރިލީޒް ކުރާ ފިލްމް "ވިޝްކާ" ގެ ޕްރޮމޯޝަން މިހާރު އަންނަނީ ތަފާތު ގޮތްގޮތަށް ހިންގަމުންނެވެ. ހާއްސަކޮށް ސޯޝަލް މީޑިއާގަ އެވެ.


ފިލްމުގެ ފުރަތަމަ ޓްރެއިލާ ވެސް މިހާރު ވަނީ ދައްކާލައިފަ އެވެ.

ކްރައިމް ތުރިލާ "ވިޝްކާ" އަކީ މައިގަނޑު ތިން ކެރެކްޓާއަކަށް ބިނާވާ ފިލްމެކެވެ. ޓައިޓްލް ރޯލުން ފިލްމުގެ ޕްރޮޑިއުސަރު ރިޝްމީ ރަމީޒް ފެނިގެންދާ އިރު، އޭނާ އާ އެކު ދެން ފެނިގެން ދާނީ ރަވީ ފާރޫގައި އަހުމަދު ސައީދެވެ.

އެ ތިން ތަރިންގެ ކެރެކްޓާތައް ބެލުންތެރިންނަށް ތައާރަފުކޮށް ދޭން މިހާރު ވަނީ ހާއްސަ ޕޯސްޓަރުތަކެއް ގެނެސް ދޭން ފަށައިފަ އެވެ. މި ފަހަރު މިއޮތީ ރިޝްމީގެ ކެރެކްޓާ ތައާރަފުކޮށްދޭ ޕޯސްޓަރެކެވެ.

"ވިޝްކާ" ގައި ރިޝްމީ ފެނިގެން ދާނީ ވަރަށް އިންޑެޕެންޑެންޓް، ވަރަށް މައުސޫމް އަންހެން ކުއްޖެއްގެ ރޯލުންނެވެ. އެކަމަކު އޭނާގެ ހަޔާތް ވަރަށް އަނދިރި އެވެ. ލޯބިވެވޭ މީހެއްގެ ސަބަބުން ހަޔާތުގެ ވަރަށް އަނދިރި ގޮޅިއަކަށް އޭނާ ފެތެ އެވެ.

ރިޝްމީގެ ތައާރަފުކޮށްދޭ ޕޯސްޓަރުގައި އޭނާ ސިފަކޮށް ދެނީ "ދަ ގުޑް" ގެ ގޮތުގަ އެވެ. ޓްރެއިލާ އަށް ބަލާލުމުން ރިޝްމީގެ "ވިޝްކާ" ގެ ކެރެކްޓާއަކި އޭނާ އަށް ޖެހޭ ހާލާ ހެދި ބެލުންތެރިންގެ ހަމްދަރުދީ އާއި ލޯބި ވަރަށް ބޮޑަށް ދަމައިގަންނާނެ ކަހަލަ ކެރެކްޓާއެއް ކަމަށް ގަބޫލު ކުރެވެ އެވެ.

"ވިޝްކާ" ގެ ޓްރެއިލާ

ރިޝްމީ ބުނީ ފިލްމް ރިލީޒް ކުރުމާ ހަމައަށް އަންނަ އިރު "ވިޝްކާ" ގެ މައިގަނޑު ތިން ކެރެކްޓާގެ ތަފާތު ތިން ލުކެެއް ބެލުންތެރިންނާ ހަމައަށް ގެނެސް ދޭނެ ކަމަށެވެ.

މި ފިލްމުގެ ވާހަކަ ލިޔެފައި ވަނީ އަބްދުﷲ ވިޝާމެވެ. އަދި ސްކްރީންޕްލޭ ލިޔެފައި ވަނީ މަހުދީ އަހުމަދެވެ.

ރަވީ ޑައިރެކްޓްކޮށްފައިވާ "ވިޝްކާ" އަންނަ މަހު އަޅުވަން ނިންމި ނަމަވެސް، އަދި ވަކި ތާރީހެއް އިއުލާނެއް ނުކުރެ އެވެ.

އެހެން ނަމަވެސް އަންނަ މަހުގެ ކުރީކޮޅު ޝްވެކް ސިނަމާގައި ފިލްމް އަޅުވާނެ އެވެ.