ޔާރާގެ "ވިޝްކާ" އޮގަސްޓްގައި ސްކްރީނަށް

ފިލްމެއްގެ މަސައްކަތް ކުރިއަށް ގެންދާކަން ވެސް ކުރިން ނާންގައި ޔާރާ ޕްރޮޑަކްޝަންސް އިން "ވިޝްކާ"ގެ ނަމުގައި ފިލްމެއް ނިންމައި، އަންނަ އޮގަސްޓް މަހުގެ ތެރޭގައި ރިލީޒް ކުރަން ހަމަޖައްސައިފި އެވެ.


ފިލްމުގެ ޝޫޓިން ވެސް އެއްކޮށް ނިންމައި ފިލްމް ރަސްމީކޮށް ލޯންޗްކުރަން މިއަދު ސަލްސާ ރޯޔަލް ރެސްޓޯރަންޓްގައި ބޭއްވި ނޫސް ކޮންފަރެންސްގައި ވަނީ ފިލްމުގެ ފުރަތަމަ ޓީޒާ ވެސް ދައްކާލައިފަ އެވެ.

ފިލްމް އޮގަސްޓްގައި ސިނަމާ އަށް ގެންނަން ނިންމި ނަމަވެސް، ރިލީޒް ކުރާނެ ވަކި ތާރީހެއް އަދި ނުނިންމަ އެވެ. އަދި އޮލިމްޕަހުގެ ބަދަލުގައި ފިލްމް ރިލީޒްކުރަން ހަމަޖެހިފައި ވަނީ ޝްވެކް ސިނަމާގަ އެވެ.

"ވިޝްކާ" ގެ ވާހަކަ އެނބުރެނީ މައިގަނޑު ތިން ކެރެކްޓާއެއްގެ މައްޗަށެވެ. އެގޮތުން ފިލްމުން ފެނިގެން ދާނީ ރަވީ ފާރޫގާއި އައިޝަތު ރިޝްމީ ރަމީޒާއި އަހުމަދު ސައީދެވެ.

ޔާރާ ޕްރޮޑަކްޝަންގެ ފަރާތުން ރިޝްމީ މިއަދު ވާހަކަދައްކަނީ. -- ފޮޓޯ: މުހައްމަދު ޝަރުހާން

"ވިޝްކާ" ވެގެން ދާނީ ރަވީ އާއި ރިޝްމީ އެކުގައި ބޮޑު ސްކްރީނުން ފެންނަ ފުރަތަމަ ފިލްމަށެވެ. ރަވީ ޑައިރެކްޓްކޮށް މިދިޔަ އަހަރު ނެރުނު "މިކޮއެ ބައްޕަ ބައޭބައޭ" އަކީ ބަތަލާއަކީ ވެސް ރިޝްމީ އެވެ.

"ވިޝްކާ" ގެ ޑައިރެކްޓަރު ރަވީ ބުނީ މި ފިލްމަކީ ވަކި ބަތަލެއް އުޅޭ ފިލްމެއް ނޫން ކަމަށެވެ. އޭނާ ބުނީ މި ފިލްމަކީ "ޕޮލިޓިކަލީ ޗާޖްޑް ކްރައިމް ޑްރާމާއެއް" ކަމަށެވެ.

"މިއީ ވަރަށް ސެންސިޓިވް ތީމަކަށް ހަދާ ފިލްމެއް. ސީންތަކަށް ވަރަށް ބޮޑަށް މަޝްވަރާކޮށްފައި މީތި ގެނެސް ދީފައި ހުންނާނީ. ފުލުހުންނާއި އެމްއެންޑީއެފް އަދި ރެޑްކްރެސެންޓުގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބުނު. ފަހަރުގައި އަޅުގަނޑުމެންނަށް މައްސަލައަކަށް ނުވެފައި، ފުލުހުންނަށް ވެސް މައްސަލައަކަށް ނުވިޔަސް އާންމު ރައްޔިތު މީހާއަށް ވެދާނެ މައްސަލައަކަށް. އެހާވެސް ސެންސިޓިވް ތީމެއް މިއީ،" ރަވީ ބުންޏެވެ.

ރަވީ ބުނީ ފިލްމުގައި އެއްވެސް "ހީރޯއެއް" ނޫޅޭނެ ކަމަށެވެ.

"މީގައި އުޅޭނީ ހުސް އެންޓި ހީރޯއިން،" އިނގިލި ފަދަ މޮޅެތި ފިލްމް ހަދާފައިވާ ރަވީ ބުންޏެވެ. ފިލްމާ ބެހޭ ގޮތުން ސައީދު ބުނީ ފިލްމުގެ މައިގަނޑު ތިން ކެރެކްޓާއަކީ ވަރަަށް ވަރުގަދަ ތިން ކެރެކްޓާ ކަމަށާއި ބެލުންތެރިންނަށް ފިލްމް ބަލާލުން އެކަން އެނގޭނެ ކަމަށެވެ.

ރަވީ ބުނީ މިހާރު އެޑިޓިން މަރުހަލާގައި އޮތް "ވިޝްކާ" ގެ ޝޫޓިންތަކަށް ވަރަށް ގިނަ ބައެއްގެ އެހީތެރިކަން ލިބިފައިވާ ކަމަށެވެ. އޭގެ ތެރޭގައި އެމްއެންޑީއެފާއި ފުލުހުންގެ އިތުރުން ރެޑް ކްރެސެންޓް ހިމެނެ އެވެ. ރިޝްމީގެ އާއިލީ ފިލްމް ކުންފުނި ޔާރާ ޕްރޮޑަކްޝަނުން އެންމެ ފަހުން ބެލުންތެރިންނަށް ގެނެސް ދިން ފިލްމަކީ 2012 ބަނަ އަހަރު އަހުމަދު އަޒްމީލް ޑައިރެކްޓް ކުރި "ހިތް ޔާރާ ދީފާ" އެވެ.

ގިނަ އަދަދެއްގެ ވީސީޑީ ވެސް ނެރެފައިވާ ޔާރާގެ އިތުރު ފިލްމްތަކުގެ ތެރޭގައި "ހުކުރު ވިލޭރޭ" އަދި "ފަނާ" ހިމެނެ އެވެ.