އިނގިރޭސި ލަވަކިޔުންތެރިޔާ ޒޭން މާލިކާއި މޮޑެލް ޖިޖީ ހަޑީޑްގެ ގުޅުމަކީ އަޖައިބެއް ކަހަލަ ގުޅުމެކެވެ. މި ދެ މީހުން ވަރަށް ލޯބިން އުޅެއުޅެފައި، 2015 ގެ މެދުތެރޭގައި ރުޅިވެ، އަނެއްކާ ވެސް މާ ގިނަ ދުވަސްތަކެއް ނުވެ އަލުން ސުލްހަވި އެވެ.
އޭގެ ފަހުން ދެ މީހުން އުޅެމުން އައީ ވަރަށް ލޯބިންނެވެ. ދެ މީހުންގެ އާއިލާގެ ތެރޭގައި ވެސް ކުރިއަށް ވުރެ މި ފަހަރު އޮތީ ގުޅުން ބަދަހިކޮށެވެ. ވަކިން ހާއްސަކޮށް ޖިޖީގެ އާއިލާ އާއި ޒޭންއާ އޮންނަ ގުޅުން ވަރަށް ރަނގަޅުކަން ދެ މީހުން އިސްޓަގްރާމްގައި ހިއްސާކުރާ ޕޯސްޓްތަކުން ވެސް އެނގެ އެވެ.
އެހެންވެ ބެލެވިފައި އޮތީ ގުޅުމާ ދޭތެރޭ ޒޭން، 25، އާއި ޖިޖީ، 22 ވެސް ވަރަށް ސީރިއަސްކަމާއި މާ ގިނަ ދުވަސްތަކެއް ނުވެ ކައިވެނި ވެސްކޮށްފާނެ ކަމަށެވެ. އެކަމަކު އެ ހުރިހާ ކަމެއް މިހާރު އަނެއްކާ ވެސް ނިމުމަކަށް އައީ އެވެ. ދެ މީހުންގެ ލޯބީގެ ގުޅުމަކަށް އައިކަން މި ވަނީ ސޯޝަލް މީޑިއާގައި ރަސްމީކޮށް އިއުލާން ވެސް ކޮށްފަ އެވެ.
ޒޭން އާއި ޖިޖީ ވެސް ވަނީ ޓްވިޓާގައި މިއަދު ހިއްސާ ކުރި ޕޯސްޓްތަކެއްގައި ދެ މީހުން ވަކިވިކަން ކަށަވަރުކޮށް ދީފަ އެވެ. ނަމަވެސް ވަކިވާން ނިންމި ސަބަބެއް ދެ މީހުން ވެސް ހާމަކޮށްފައެއް ނުވެ އެވެ. ދެ މީހުންގެ ޓްވީޓްގައި ވެސް އެކަކު އަނެކަކު ދެކެވީ ލޯތްބަށް އިހުތިރާމް ކުރާ ކަމަށާއި އެކުގައި ހޭދަ ކުރި އުފާވެރި ވަގުތަކުގެ ހަނދާންތައް އާކޮށް، ޝުކުރު އަދާކޮށްފައިވެ އެވެ.
މިކަމާ ގުޅިގެން ޒޭން އާއި ޖިޖީގެ ފޭނުން ވެސް ދަނީ ސޯޝަލް މީޑިއާގައި ޝުއޫރުތައް ފާޅު ކުރަމުންނެވެ. ބައެއް މީހުން ބުނެފައިވާ ގޮތުގައި އެ ދެ މީހުން ވަކިވިކަން ގަބޫލު ކުރަން ދައްޗެވެ. އަދި ބައެއް މީހުން ބުނެފައި ވަނީ ޒޭން އާއި ޖިޖީ ދޭތެރެއަކުން މިކޮށްލާކަމުން ލޯބީގެ ގުޅުންތަކަށް އޮންނަ އިތުބާރު ވެސް މިހާރު ގެއްލިފައިވާ ކަމަށެވެ.