ފާތިމާ ސަނާ ޝެއިހް: "ތަގްސް އޮފް ހިންދުސްތާން" އިން ފެނިގެން ދާނެ.
21 އެޕްރީލް 2018 - 06:42
މި އަހަރު ރިލީޒް ވާން ހުރި ފިލްމްތަކުގެ ތެރެއިން "ތަގްސް އޮފް ހިންދުސްތާން" އަކީ އަހަރުގެ އެންމެ ބޮޑު ފިލްމްގެ ގޮތުގައި ބެލެވިދާނެ އެވެ. ފިލްމްގެ ކާސްޓުންގެ ތެރޭގައި އާމިރް ހާނާއި އަމީތާބް ބައްޗަން އާއި ކެޓްރީނާ ކައިފްގެ އިތުރުން ފާތިމާ ސަނާ ޝެއިހް އެވެ.
"ތަގްސް އޮފް ހިންދުސްތާން" އަކީ 2013 ގައި އާމިރާއި ކެޓްރީނާއާ އެކު "ދޫމް 3" ގެނެސް ދިން ވިޖޭ ކްރިޝްނާ އަޗަރިއާ (ވިކްޓާ) ލިޔެ، ޑައިރެކްޓް ކުރާ ފިލްމެކެވެ. މި ފިލްމްގައި ތަރިން ފެނިގެން ދާނެ ގޮތުގެ ބައެއް ފޮޓޯތައް މީޑިއާތަކަށް ލީކްވެފައިވާ އިރު، ގިނަ ބަޔަކު ބުނެފައި ވަނީ ޖޮނީ ޑެޕްގެ ފިލްމް "ޕައިރޭޓްސް އޮފް ދަ ކެރީބިއަން" ގެ ބައެއް ކެރެކްޓާތަކާއި "ތަގްސް" ގެ ކެރެކްޓާތައް ފެންނަ ފެނުމުގައި އެއްގޮތް ކަމެއް ހުރި ކަމަށެވެ.
މީގައި ދައްކުވައި ދޭނީ އިނގިރޭސީންގެ އަޅުވެތިކަމުގައި އިންޑިއާ އަށް ދުވަސްވަރުގެ ކަންތައްތަކެކެވެ. ފިލްމްގެ މައިގަނޑު ވާހަކަ ބިނާކޮށްފައި ވަނީ ފިލިޕް މެޑޯ ޓޭލާ 1839 ގައި ނެރުނު ހިޔާލީ ވާހަކަ "ކޮންފެޝަންސް އޮފް އަ ތަގް" އަށެވެ.
އާމިރާއި ސަނާ.
އާމިރް ބުނީ މި އެކްޝަން-އެޑްވެންޗާ ސްކްރީނުން ބަލައިލަން ލިބުމުން "ޕައިރޭޓްސް" އާ އެއްގޮތް ކަމެއް ނުހުންނާނެކަން ކަށަވަރުކޮށްދޭ ކަމަށެވެ. އަދި އޭނާ ވަނީ އެ ވާހަކަތަކާ އެކު "ތަގްސް އޮފް ހިންދުސްތާން" ގެ ޝައުގުވެރި ބައެއް ވާހަކަތައް ހިއްސާ ވެސް ކޮށްފަ އެވެ.
އާމިރް ބުނި ގޮތުގައި އޭނާ އާއި އަމީތާބްގެ ފިލްމްގެ ކާސްޓުންގެ ތެރޭގައި ހިމެނުނަސް މީގެ އަސްލު ތަރިއަކީ ފާތިމާ އެވެ. އޭނާއަކީ 2016 ގައި ރިލީޒް ކުރި "ޑަންގަލް" ގައި އާމިރްގެ ދަރިއެއްގެ ރޯލް ކުޅުނު ބަތަލާއެކެވެ.
"ތަގްސް ސެންޓްރަލް ކެރެކްޓާއަކީ ފާތިމާ ކުޅޭ ރޯލް. ފިލްމްގެ މުޅި ވާހަކަ އެނބުރޭނީ އޭނާގެ ވަށައިގެން،" ކަނޑުމަތީގެ ގިނަ މަންޒަރުތަކެއް ފެނިގެންދާ އަދި މޯލްޓާގައި ވަރަށް ބޮޑު ބައި ޝޫޓްކޮށްފައިވާ ފިލްމާ ބެހޭ ގޮތުން އާމިރް ބުންޏެވެ. "ފާތިމާގެ ކެރެކްޓާގައި ވަރަށް ގިނަ ޝޭޑްސްތައް ވެސް އެކުލެވޭނެ. ބެލުންތެރިން ވަރަށް ގަޔާވާނެ ރޯލަކުން އޭނަ ފެނިގެން ދާނީ."
އަމިއްލަ ރޯލާ ބެހޭ ގޮތުން އާމިރް ބުނީ "ތަގްސް އޮފް ހިންދުސްތާން" ގައި އޭނާ ފެނިގެން ދާނީ ހަމައެއް ލަމައެއް އުސޫލެއް ނެތި މީހުންގެ މުދަލަށް ވެސް އަރައި ގަންނަ ފޭރޭ މީހެއްގެ ރޯލުން ކަމަށެވެ.
އާމިރް ކެޓްރީނާ އާއި ފާތިމާއާ އެކު.
"ލޫޓްވުމާއި މާރާމާރީ ހިންގުމާއި އެއްވެސް ގޮތެއްފޮތެއް އުސޫލަކަށް ތަބާ ނުވާ މީހެއްގެ ރޯލުން އަހަރެން ފެނިގެން ދާނީ. އެ ކެރެކްޓާއަކީ ލާރި އަށް ޓަކައި މަންމަ ވެސް ވިއްކައިލާނެ މީހެއް،" އާމިރް ބުންޏެވެ.
އެހެންވެ އާމިރް ބުނީ "ތަގްސް އޮފް ހިންދުސްތާން" އަކީ އެ ބަލައިގެން އެއްވެސް އިބުރަތެއް ލިބޭނެ ފިލްމަކަށް ނުވާނެ ކަމަށެވެ.
"މިއީ އެއްގޮތަކަށް ވެސް ވަކި ކަހަލަ މެސެޖެއް ފޯރުކޮށް ދޭނެ ފިލްމެއް ނޫން. ސިނަމާގައި އެންޖޯއިކޮށްލާ ކަހަލަ ކޮމާޝަލް ފިލްމެއް މިއީ،" އޭނާ ބުންޏެވެ.
ޔާޝް ރާޖް ފިލްމްސް (ވައިއާރްއެފް) އިން 210 ކްރޯޑް ރުޕީސްގެ ބަޖެޓަކުން ހަދާ "ތަގްސް އޮފް ހިންދުސްތާން" ސިނަމާތަކަށް އަންނާނީ މި އަހަރުގެ ނޮވެމްބަރު މަހުގެ 7 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy