ޒޭން މާލިކާއި ޖިޖީ ހަޑީޑް އަނެއްކާ ވެސް ގުޅިއްޖެ

އިނގިރޭސިވިލާތުގެ ލަވަކިޔުންތެރިޔާ ޒޭން މާލިކާއި އެމެރިކާގެ މަޝްހޫރު މޮޑެލް ޖިޖީ ހަޑީޑްގެ ލޯބީގެ ގުޅުމަކީ ހަމަ އަރަތެއް ކަހަލަ ކަމެކެވެ. އެންމެ ފަހުން މި ދެ މީހުން އަމިއްލަ އަށް ލޯބީގެ ގުޅުން ނިމުމަކަށް ގެނައިކަން އިއުލާން ކުރީ މިދިޔަ މާޗް މަހުގެ 14 ގަ އެވެ.


ޒޭން އާއި ޖިޖީގެ ޓްވިޓާގައި ވަކިވަކިން ބުނީ މި ދެ މީހުންގެ ގުޅުން ނިމުމަކަށް ގެނައީ އަމިއްލަ އަށް ބޭނުންވެގެން ކަމަށެވެ. މީގެ ކުރިން 2016 ގައި ވެސް މި ދެ މީހުން ރުޅިގެން އެ ވާހަކަ މީޑިއާތަކުގައި ވަރަށް ގަދަ އަށް ރިޕޯޓް ކުރި އެވެ.

އެކަމަކު މިހާރު އަނެއްކާ ވެސް ދެ މީހުންގެ ގުޅިއްޖެ ކަމުގެ ކަމުގެ އަޑުތައް ވަނީ ގަދަވެފަ އެވެ. ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ނިއު ޔޯކްގައި ހުންނަ ޖިޖީގެ އެޕާޓްމަންޓުން އާދީއްތަ ދުވަހު ޒޭން ނުކުންނަކިކޮށް ފެނިފައިވެ އެވެ. އަދި ހޯދަ ދުވަހު ޒޭން އާއި ޖިޖީ ނިއު ޔޯކްގެ މަގެއްގެ މަތީގައި ވަރަށް ގައިގޯޅިކޮށް އުޅެނިކޮށް ނަގާފައިވާ ފޮޓޯތަކެއް ބައެއް ނޫސްތަކުގައި ޖަހާފައިވެ އެވެ.

މިކަމާ ގުޅިގެން މީޑިއާތަކުން ބުނަނީ އަނެއްކާ ވެސް ދެ މީހުން ގުޅުނީ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. އަދި މިދިޔަ މަހުގެ 23 ގައި ފާހަގަ ކުރި ޖިޖީގެ 23 ވަނަ އުފަން ދުވަހު ޒޭން، ރަތް ފިނިފެންމާބޮނޑިއެއް ވެސް ޖިޖީ އަށް ފޮނުވާފައިވެ އެވެ.

މީޑިއާތަކުން ސިފަ ކުރާ ގޮތުގައި "ކޫސަނި" ކަންކަމާ ހެދި ގުޅުމުގައި ދޭތެރެ ދޭތެރެ އިން ކުނި ޖެހުނަސް ޒޭން އާއި އާއި ޖިޖީ އަށް ވަކިން އުޅެވޭނެ ކަމަކަށް ނުބެލެވެ އެވެ. އަނެއްކޮޅުން ޖިޖީގެ އާއިލާއާ ޒޭންއާ އޮންނަ ގުޅުން ވެސް ވަރަށް ބަދަހި އެވެ.

އެހެންވެ މި ދެ މީހުން އަލުން ގުޅުމަކީ އެހާ ބޮޑަށް ހައިރާންވާން ޖެހޭ ސަބަބެއް ނޫން ކަމަށް މީޑިއާތަކުން ބުނެ އެވެ.