އެމެރިކަން އައިޑޮލް ސީޒަން 16 ގެ ގަދަ 3 ކަށަވަރުވެއްޖެ

ގްރޭންޑް ފިނާލޭ އޮންނާނީ މި މަހުގެ 21 ގައި.

މޯލްޑިވިއަން އައިޑޮލް ސީޒަން ތިނެއް ނިމި ފޯރި ކެނޑުނު އިރު އެމެރިކަން އައިޑޮލް ސީޒަން 16ގެ ގަދަ 3 ކަށަވަރުވެ މިހާރު އޮތީ އެންމެ ފޯރިގަދަ ހިސާބުގަ އެވެ.


މާޗް މަހުގެ 11 ވަނަ ދުވަހު ފެށި ސީޒަން 16 ގަދަ ތިނެއް ކަށަވަރުވީ އާދީއްތަ ދުވަހު އެވެ. އެ ދުވަހު ޝޯގެ ގަދަ 5 ގެ ހުށަހެޅުންތަކަށް ފަހު ގަދަ ތިނަކަށް ދަތުރުކުރީ ޑަލަސް އަށް އުފަން ކެލެބް ލީ ހަޗިންސަން، 19، އާއި ކްލާކްސްވިލްގެ މެޑީ ޕޯޕް، 22، އަދި ޕިޓްސްބާގްގެ ގެރީ ބެރެޓް، 18، އެވެ.

ޝޯ ފެށުނީއްސުރެ ވަރުގަދަކަން ދައްކަމުން އައި މި ތިން ބައިވެރިންނާ އެކު ޝޯގެ ފިނާލޭ ވަރަށް ވެސް ވަރަށް ފޯރި ގަދަ ވާނެ ކަމަށް ގަބޫލު ކުރެވެ އެވެ.

ގަދަ 5 ގައި މެޑީ ލަވަ ކިޔަނީ.

ގްރޭންޑް ފިނާލޭގެ ނަތީޖާ އިއުލާން ކުރުން އޮންނާނީ މި މަހުގެ 21 ވަނަ ދުވަހު އެވެ. އޭގެ ކުރިން ގަދަ ތިން ބައިވެރިންގެ ވާދަވެރި ހުށަހެޅުންތައް މި މަހުގެ 20 ވަނަ ދުވަހު ފެނިގެން ދާނެ އެވެ.

މި ފަހަރު އޭބީސީން ގެނެސްދޭ އެމެރިކަން އައިޑޮލް 16 ގެ ޖަޖުންނަކީ ލައިނަލް ރިޗީ، ކޭޓީ ޕެރީ އަދި ލޫކް ބްރަޔަން އެވެ.

ގަދަ 5 ގައި ކެލެބް ލަވަ ކިޔަނީ.

ކުރިން ފޮކްސް އިން ގެނެސް ދިން ފްރެމެންޓެލް މީޑިއާގެ މި ޝޯ އޭބީސީން ގެނެސް ދޭން ފެށުމުން އާންމުންގެ ފަރާތުން ލިބެން ފެށި ބޮޑު ތަރުހީބާ އެކު، ޝޯގެ އިތުރު ސީޒަނެއް ވެސް ގެނެސް ދޭން އޭބީސީން މިހާރު ވަނީ ނިންމައި އެކަން އިއުލާންކޮށްފަ އެވެ.

ގަދަ 5 ގައި ގެބީ ލަވަ ކިޔަނީ.

އެމެރިކަން އައިޑޮލްގެ ހޮސްޓޯކީ ފޮކްސް އިން ވެސް ޝޯ ގެނެސް ދިން އިރު ހޯސްޓް ކުރި ރަޔަން ސީކްރެސްޓް އެވެ.

ދެހާސް ސޯޅައިގައި ގެނެސް ދިން އެމެރިކަން އައިޑޮލް ސީޒަން 15 ކާމިޔާބުކޮށްފައި ވަނީ ޓްރެންޓް ހާމަން އެވެ.

އެމެރިކަން އައިޑޮލްއަކީ 2002 އިން ފެށިގެން ބާއްވަމުން އަންނަ ޝޯއެކެވެ. މި ޝޯ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި ފްރެންޗައިޒެއްގެ ގޮތުގައި ބާއްވަ އެވެ.