އެމެރިކަން އައިޑޮލްގެ ހޯސްޓް ރަޔަން ސީކްރެސްޓްގެ މައްޗަށް ވެސް ޖިންސީ ގޯނާގެ ތުހުމަތު

މި މަހުގެ 11 ގައި އެމެރިކަން އައިޑޮލްގެ 16 ވަނަ ސީޒަން ފަށަން ތައްޔާރުވަމުން އަންނަ އިރު، މި ދުވަސްކޮޅު އެންމެ ގަދައަށް ދެކެވެނީ އެ ޝޯގެ ހޯސްޓް ރަޔަން ސީކްރެސްޓްގެ ވާހަކަ އެވެ. އޭނާގެ މައްޗަށް ކުރާ ޖިންސީ ގޯނާގެ ތުހުމަތު މިހާރު ކުރިއަށް ވުރެ ގަދަވެއްޖެ އެވެ.


އާދީއްތަ ދުވަހު ބާއްވާ 90 ވަނަ އޮސްކާ އެވޯޑް ހަފުލާގެ ރެޑް ކާޕެޓް އިވެންޓްގައި ރަޔަންއާ ހަވާލުކޮށްފައިވާ ޒިންމާތަކުން ވެސް އޭނާ ބޭރު ކުރުމަށް ބައެއް މީހުން އަންނަނީ ގޮވައިލަމުންނެވެ. އަނެއްކޮޅުން އެމެރިކަން އައިޑޮލް ފެށުމާ އެކު، އެ ޕްލެޓްފޯމްގައި ވެސް އޭނާއާ ދެކޮޅަށް ހޯބޯނުލަވާނެ ކަމެއް ނޭނގެ އެވެ.

ރަޔަންގެ ބޮލުގައި ޖިންސީ ގޯނާގެ ތުހުމަތު އަޅުވާފައި ވަނީ އޭނާ ޗެނެލް "އީ ނިއުސް" ގައި މަސައްކަތް ކުރި ދުވަސްވަރު، ސްޓައިލިސްޓެއްގެ ގޮތުގައި މަސައްކަތް ކުރި ސުޒީ ހާޑީ އެވެ.

ސުޒީ ބުނި ގޮތުގައި 2007-2013 އާ ހަމައަށް ރަޔަންއާ އެކު މަސައްކަތް ކުރި އިރު، ތަކުރާރުކޮށް އޭނާ އަށް ޖިންސީ ގޯނާކޮށްފައިވެ އެވެ. އެ ވާހަކަ އޭނާ ވަނީ ވެރައިޓީ އަށް ވަރަށް ތިލަކޮށް ކިޔައި ދީފަ އެވެ.

ރަޔަން ސީކްރެސްޓް "އެމެރިކަން އައިޑޮލް 16" ގެ ތިން ޖަޖުންނާ އެކު.

ސުޒީ ބުނި ގޮތުގައި ރަޔަންއާ އެކު މަސައްކަތް ކުރި ދުވަސްވަރުގެ ތެރޭގައި އޭނާގެ ފަރާތުން ރަޔަން ނެގީ ނާޖާއީޒު ފައިދާތަކެވެ. އެކަމަކު ވަޒީފާގައި ގިނަ ދުވަސްތަކެއް ވަންދެން ކެތްކޮށްލައިގެން ހުރީ އެކަނިވެރި މަޔަކަށްވެފައި، ދަރިފުޅު ބަލަހައްޓަން ފައިސާ ބޭނުންވާތީ ކަމަށް ސުޒީ ބުންޏެވެ.

ނަމަވެސް ފަހުން ވަޒީފާ ދޫކޮށްލީ އަމިއްލަ ނަފުސާއި އިއްޒަތުގެ ރައްކާތެރި ކަމަށްޓަކައި ކަމަށް އޭނާ ބުންޏެވެ. މި މައްސަލާގައި ރަޔަންގެ މައްޗަށް ދައުވާކުރަން ވެސް ސުޒީ ވަނީ ނިންމައިފަ އެވެ.

މިކަމާ ބެހޭ ގޮތުން ރަޔަން ވަނީ އޭނާގެ މައްޗަށް ކުރާ ތުހުމަތަމަށް ތަކުރާރުކޮށް އިންކާރުކޮށްފަ އެވެ. އަދި މި މައްސަލާގައި "އީ" އިން ހިންގި މިނިވަން ތަހުގީގަށް ފަހު، ރަޔަންގެ ފަރާތުން، ސުޒީ އަށް އެއްވެސް ބޭއަދަބީ އަމަލެއް ހިންގާފައިކާވާކަން ސާބިތުވާން ނެތް ކަމަށް މިދިޔަ އަހަރުގެ ފެބްއަރީގެ މަހުގެ ތެރޭގައި ވަނީ ބުނެފަ އެވެ.

އަނެއްކޮޅުން ރަޔަން އާއި އޭނާގެ ވަކީލު ތުހުމަތު ކުރާ ގޮތުގައި ސުޒީގެ ބޭނުމަކީ ދަނޑިވަޅުގެ ބޭނުން ހިފައި، އޭނާގެ އަތުން ފައިސާތަކެއް އަތުލައި ގަތުމެވެ. އެގޮތުން ސުޒީ 15 މިލިއަން ޑޮލަރަށް ޑިމާންޑް ކުރަމުންދާ ކަމަށް ބުނެފައިވެ އެވެ.

"އެމެރިކަން އައިޑޮލް 16" ގެ ޕްރޮމޯއެއް.

ރަޔަން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި ޖިންސީ ފުރައްސާތަކާ ދެކޮޅަށް ހިންގާ މީޓޫ އާއި ޓައިމްސް އަޕް ފަދަ ހަރަކާތްތަކަށް އޭނާ ވެސް ވަރަށް ތާއީދެވެ. އެކަމަކު އޭގެ ނާޖާއީޒު ފައިދާ ބައެއް އަންހެނުން ނަގަން މަސައްކަތް ކުރަމުންދާ ކަމަށާއި އެކަމާ ހިތާމަ ކުރާ ކަމަށް ބުންޏެވެ.

"އަހަރެން ހަމަ ކުރިން ވެސް ބުނިހެން އަހަރެންގެ މައްޗަށް ކުރަނީ އަސްލެއް ނެތް ދޮގު ތުހުމަތެއް. އެކަމަށް އިންކާރު ކުރަން،" އެމެރިކަން އައިޑޮލް ހޯސްޓްކޮށްގެން ބޮޑު މަޝްހޫރު ކަމެއް ހޯދި ރަޔަން، 43، ބުންޏެވެ.

ރަޔަން ހޯސްޓް ކުރާ އަދި އޭބީސީން މި ފަހަރު ގެނެސްދޭ "އެމެރިކަން އައިޑޮލް 16" ގެ ޖަޖުންނަކީ ކޭޓީ ޕެރީ، ލައިނަލް ރިޗީ އަދި ލޫކް ބްރަޔަން އެވެ.