"ވީރޭ ދީ ވެޑިން" ގެ މަންޒަރެއްގައި ކަރީނާ އާއި ސޯނަމް: ފިލްމް ވަރަށް ކާމިޔާބު.
15 ޖޫން 2018 - 08:13
މި ޒަމާނުގެ ޒުވާން ހަތަރު އަންހެނެއްގެ ވާހަކަ ކިޔައިދޭ ފިލްމް "ވީރޭ ދީ ވެޑިން" އަށް އާންމުންގެ ފަރާތުން ލިބުނު ބޮޑު ތަރުހީބާ އެކު، މީގެ ދެވަނަ ބައެއް ހަދަން ނިންމައިފި އެވެ.
މި ފިލްމަކީ މަޝްހޫރު ޕްރޮޑިއުސަރު އެކްތާ ކަޕޫރާއި ފިލްމްގެ ކާސްޓުންގެ ތެރޭގައި ސޯނަމް ކަޕޫރްގެ ކޮއްކޮ ރިއާ ކަޕޫރް ޕްރޮޑިއުސް ކުރި ފިލްމެކެވެ. މީޑިއާތަކުން ރިޕޯޓް ކުރަމުން އަންނަ ގޮތުގައި އެކްތާ އާއި ރިއާ ވަނީ ފިލްމްގެ ބޮޑު ކާމިޔާބީއާ އެކު މީގެ ދެވަނަ ބައެއް ހަދަން ވަރަށް ސީރިއަސްކޮށް ނިންމައިފަ އެވެ.
އެކަމަކު މިކަމާ ބެހޭ ގޮތުން އެ މީހުން އަދި ރަސްމީކޮށް އެއްވެސް ވާހަކައެއް އަދި ނުދައްކަ އެވެ.
ފިލްމްގެ މުހިއްމު ރޯލްތައް ކުޅުނު ކަރީނާ ކަޕޫރާއި ސޯނަމް އަދި ރިއާ މި ވަގުތު އަންނަނީ ލަންޑަންގައި ޗުއްޓީ ހޭދަ ކުރަމުންނެވެ.
#VeereDiWedding is TRENDING WELL on weekdays... [Week 2] Fri 3.37 cr, Sat 4.51 cr, Sun 4.84 cr, Mon 2.03 cr, Tue 1.97 cr. Total: ₹ 73.68 cr. India biz.
— taran adarsh (@taran_adarsh) June 13, 2018
ތަރަންގެ ޓްވީޓެއް.
ޝަޝަންކާ ގޯޝް ޑައިރެކްޓް ކުރި ފިލްމްގެ ކާސްޓުންގެ ތެރޭގައި ދެން ހިމެނެނީ ސްވަރާ ބާސްކަރާއި ޝިކާ ތަލްސާނިއާ އެވެ.
މި މަހުގެ 1 ގައި ރިލީޒް ކުރި "ވީރޭ ދީ ވެޑިން" އިންޑިއާ އާއި އިންޑިއާ އިން ބޭރުގެ މާކެޓްތަކުގައި ދައްކައިގެން ލިބުނު އާމްދަނީ މިހާރު ވަނީ 122.12 ކްރޯޑް ރުޕީސް އަށް އަރައިފަ އެވެ. އިންޑިއާ އިން އެކަނި ވެސް ފިލްމަށް ލިބުނު އާމްދަނީ މިހާރު ވަނީ 80 ކްރޯޑް ރުޕީސްއާ ގާތްކޮށްފަ އެވެ.
ފިލްމަށް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ލިބުނަސް، ވަރަށް ގިނަ ބައެއްގެ ފާޑު ކިޔުންތައް "ވީރޭ ދީ ވެޑިން" އަށް އަމާޒުވެފައިވެ އެވެ.
އެގޮތުން ފިލްމްގެ ބައެއް ޑައިލޮގްތަކުގެ ބަހުރުވަ ހަޑިކަމުން، ޕާކިސްތާން ފަދަ ގައުމުތަކުގައި "ވީރޭ ދީ ވެޑިން" ދެއްކުން މަނާކޮށްފައިވެ އެވެ. އަދި މި ފިލްމްގައި ސްވަރާ ކުޅުނު ކެރެކްޓާގައި ބޮޑު ސްކްރީންގައި މީގެ ކުރިން ބަތަލާއެއްގެ ފަރާތުން ފެނިފައި ނުވާ ކަހަލަ "ދަށު ދަރަޖައިގެ" އަމަލެއް ހިންގާ ތަން ދައްކާތީ އަމާޒުވެފައިވާ ފާޑު ކިޔުންތައް ވެސް ގިނަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy