ސާރާ އަލީ ހާނަކީ ވަރަށް މޮޅު ބަތަލާއެއް ކަމަށާއި އޭނާއާ އެކުގައި މަސައްކަތް ކުރަން ވަރަށް ފަސޭހަ ކަމަށް ސުޝާންތު ސިންގް ރާޖްޕޫތު ބުނެފި އެވެ.

އެ ދެ މީހުން އެކުގައި ކުޅޭ ފުރަތަމަ ފިލްމް "ކެދަރްނާތު" ގެ ޝޫޓިން ނިންމާލައި، އެކަމުގެ އުފަލުގައި ވަނީ ޕާޓީއެއް ބާއްވައިފަ އެވެ. އެ ހަފުލާގެ ތެރޭގައި މީޑިއާތަކާ ވާހަކަ ދައްކަމުން ސުޝާންތު ވަނީ ސާރާ އަށް ވަރަށް ބޮޑަށް ތައުރީފުކޮށްފަ އެވެ.

އަންނަ ނޮވެމްބަރު މަހުގެ 30 ގައި ރިލީޒް ކުރަން ނިންމާފައިވާ "ކެދަރްނާތު" އަކީ ސައިފް އަލީ ހާނާއި ކުރީގެ ބަތަލާ އަމްރިތާ ސިންގްގެ އަންހެން ދަރިފުޅު ބޮލީވުޑަށް ތައާރަފު ކުރާ ފިލްމެވެ. މި ފިލްމްގެ ޑައިރެކްޓަރަކީ "ރޮކް އޯން" ގެނެސް ދިން އަބީޝެކް ކަޕޫރެވެ.

ޓީވީ ސިލްސިލާތައް ކުޅެފައި ބޮލީވުޑަށް ފުންމައިލި ސުޝާންތު ބުނި ގޮތުގައި ސާރާ، 24، އަކީ އެކްޓިން އެނގިގެން ކެމެރާއާ ކުރިމަތިލި އުންމީދީ ބަތަލާއެކެވެ.

"އޭނަ މޮޅުކަމުން އަހަންނަށް ވެސް ވަރަށް ފަސޭހަވި އެކުގައި މަސައްކަތްކޮށްލަން. ހިއެއް ނުވޭ މި ފިލްމަކީ ސާރާ މަސައްކަތް ކުރާ ފުރަތަމަ ފިލްމްހެނެއް ވެސް،" އޭނާ ބުންޏެވެ. "އަހަންނަށް އޭނަގެ ފަރާތުން އެންމެ ބޮޑަށް ފާހަގަ ކުރެވުނު އަނެއް ކަމަކީ ވަރަށް ޔަގީންކަމާއި އަމިއްލަ ނަފުސަށް އޮންނަ އިތުބާރާ އެކު، ސީންތަކަށް އެޕްރޯޗް ކުރާކަން. އެއީ އަސްލު މޮޅެތި އެކްޓަރުންގެ ފަރާތުން ފެންނަ ކޮލިޓީއެއް."

ސުޝާންތު ބުނި ގޮތުގައި "ކެދަރްނާތު" ބަލައިފައި ބެލުންތެރިން ސާރާ ދެކެ ލޯބި ވާނެ އެވެ. އަދި މިފިލްމުން އެތައް ބައެއްގެ ހިތްތައް އޭނާ އަތުލާނެކަމާ ދޭތެރޭ އެއްވެސް ޝައްކެއް ނެތް ކަމަށް ބުންޏެވެ.

"އަހަރެން ފިލްމް ކުޅެން ފަށައިގަތް އިރު، އަބަދު ވެސް ބޭނުންވި ވަރަށް މޮޅަށް އަދި ވަރަށް ފުރިހަމަ އަށް އަދި ޑައިރެކްޓަރު އެންމެ ބޭނުންވާ ގޮތަށް މަސައްކަތް ކުރާ ކަހަލަ މީހަކަށް ވާން. ސާރާގެ ފަރާތުން ވެސް އަހަންނަށް އެކަން ފެނުނީމަ ކެރިއަރުގެ ކުރީކޮޅު އަހަރެން އުޅުނު ގޮތް ވެސް ހަނދާންވި،" އޭނާ ބުންޏެވެ. "އަހަރެން ބުނާނީ ސާރާއަކީ ވަރަށް އުޖާލާ ކުރިމަގެއް އޮތް ބަތަލާއެކޭ. އަހަރެން ފަހުރުވެރިވަން ސާރާގެ ފުރަތަމަ ފިލްމްގެ ހިއްސާއަކަށް ވެވުނީމަ. އަދިމި ފުރުސަތު ދިނީތީ އަބީޝެކަށް ވެސް ޝުކުރުވެރިވަން."

ސުޝާންތެކޭ އެއްގޮތަށް ސާރާއާ ދޭތެރޭ މުޅި އިންޑިއާގެ ވެސް އުންމީދުތައް ބޮޑެވެ. ވަކިން ހާއްސަކޮށް އޭނާ ނިސްބަތް ވަނީ ވަރުގަދަ ފިލްމީ އާއިލާއަކަށްވާތީ، ހުނަރު ދައްކައިލެވެނީ ކިހާ ވަރަކަށްތޯ ބަލައިލަން ގިނަ ބަޔަކު މިހާރު ވެސް "ކެދަރްނާތު" ގެ އިންތިޒާރީގަ އެވެ.

މި ފިލްމްގެ އިތުރުން މި އަހަރުގެ ޑިސެމްބަރުގައި ރިލީޒް ކުރާ ރޯހިތު ޝެޓީގެ "ސިމްބާ" އިން ވެސް ސާރާ ފެނިގެން ދާނެ އެވެ. އެ ފިލްމްގެ ބަތަލަކީ ރަންވީރް ސިންގް އެވެ.

ކަރަން ޖޯހަރް ޕްރޮޑިއުސް ކުރާ "ސިމްބާ" މިހާރު ޝޫޓް ކުރަމުން އަންނަ އިރު، ފިލްމް ސިނަމާތަކަށް އަންނާނީ ޑިސެމްބަރު މަހުގެ 28 ގަ އެވެ.