މީޑިއާތަކުން ކުރިން ބުނި ގޮތާ ހިލާފަށް "ކޭލް" ގެ ބަދަލުގައި "ޗެހެރޭ" ގެ ނަމާ އެކު ރޫމީ ޖެފްރީގެ އާ ފިލްމުގެ ޝޫޓިން ހުކުރު ދުވަހު ފަށައިފި އެވެ.

މި ސަސްޕެންސްް ތުރިލާގެ މައިގަނޑު ތަރިންނަކީ އަމީތާބް ބައްޗަން، އިމްރާން ހާޝިމީ، ކްރިތީ ކަރްބަންދާ އަދި ރިއާ ޗަކްރަބަތީ އެވެ. އަދި ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި އައްނޫ ކަޕޫރް، ސިދާންދު ކަޕޫރް، ދުރިތިމަން ޗެޓަޖީ އަދި ރަގްބީރު ޔާދަވް ހިމެނެ އެވެ.

ސަސްޕެންސް ތުރިލާއެއްގެ ގޮތުގައި ގެނެސްދޭ "ޗެހެރޭ" ސިނަމާތަކަށް އަންނާނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހު އެވެ.

ސްކްރީން ރައިޓަރެއްގެ ގޮތުގައި މަގަބޫލުކަން ހޯދި ރޫމީ އެންމެ ފަހުން ޑައިރެކްޓްކޮށް، ބެލުންތެރިންނަށް ގެނެސް ދިން ފިލްމަކީ 2012 ގެ "ގަލީ ގަލީ ޗޯރު ހޭ" އެވެ.

"ޗެހެރޭ" އަކީ އޭނާގެ ތިން ވަނަ ޑައިރެކްޝަނެވެ.

"ދޭ ދޭ ޕިޔާރު ދޭ" ގެ އާ ލަވައެއް

އަންނަ ހުކުރު ދުވަހު ރިލީޒް ކުރާ އަދޖޭ ދޭވްގަންގެ އާ ފިލްމު "ދޭ ދޭ ޕިޔާރު ދޭ" ގެ އާ ލަވައެއް ދައްކާލައިފި އެވެ.

އާއިލާ ގެޓް-ޓްގެދާއެއްގެ މަންޒަރުތައް ދައްކުވައިދޭ ލަވައިިން ފިލްމުގެ ލީޑް ތަރިން ކަމަށްވާ އަޖޭ އާއި ތައްބޫގެ އިތުރުން ރަކުލް ޕްރީތު ސިންގް ވެސް ފެނިގެން ދެ އެވެ.

"މުކްދޭ ވޭކް ދޭ" ގެ ނަން ދީފައިވާ މި ލަވަ ކިޔާފައި ވަނީ މިކާ ސިންގާއި ދުވާނީ ބަނުޝާލީ އެވެ.

އާކިވް އަލީ ޑައިރެކްޓްކޮށްފައިވާ "ދޭ ދޭ ޕިޔާރު ދޭ" އަކީ ދުވަސްވީ ފިރިހެނަކާއި ޒުވާން އަންހެނަކާ ދެމެދު އުފެދޭ ލޯބީގެ ގުޅުމެއްގެ ސަބަބުން ދިމާވާ މަޖާ ކަންތައްތަކެއް ކިޔައިދޭ ރޮމޭންޓިކް ކޮމެޑީއެކެވެ.

ބަނީތާ އަށް ހޮލީވުޑުން ޕްރޮޖެކްޓެއް

މިދިޔަ އަހަރު ވަރުން ދަވަންއާ އެޖު ފިލްމު "އޮކްޓޯބާ" އިން ބޮލީވުޑަށް ތައާރަފުވި ބަތަލާ ބަނީތާ ސަންދޫ އަށް ހޮލީވުޑްގެ ޓީވީ ސިލްސިލާއަކުން ފުރުސަތު ލިބިއްޖެ އެވެ.

އޭނާ އަށް ފުރުސަތު ލިބިފައި ވަނީ މި ވަގުތު ބަލްގޭރިއާގައި ޝޫޓް ކުރަމުން އަންނަ ސައިންސް-ފިކްޝަން ޑްރާމާ "ޕެންޑޯރާ" އިންނެވެ. މި ވާހަކަ ބަނީތާ ޓްވިޓާގައި ހިއްސާ ކުރުމުން، ވަރުން ވަނީ މަރުހަބާ ވެސް ކިޔާފައިވެ އެވެ.

ދައްކަން ފަށާނެ އިރެއް އަދި އިއުލާން ނުކުރާ "ޕެންޑޯރާ" ގެ ކާސްޓުންގެ ތެރޭގައި ޕްރިސީލާ ކްއިންޓީނާ، ބެން ރޭޑްކްލިފް، ރައެޗްލެ ބަނޯ، އޮލިވާ ޑެންޗް، ޓޮމީ އާލް ޖެންކިންސް، ޖޯން ހާލަން ކިމް، ތެހުމީނާ ސަނީ އަދި ފިލް ލެންގޯން ހިމެނެ އެވެ.

ސުޝާންތާއި ރިއާ އެކުގައި

އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތު "ކޭދަރުނާތު" ގެ ބަތަލާ ސާރާ އަލީ ހާނާ ގުޅުންތަކެއް ބާއްވާ ކަމަށް މީޑިއާތަކުން ދާދި ފަހުން ރިޕޯޓްކޮށްފައި ވަނިކޮށް، ސުޝާންތު މި ވަގުތު ރައްޓެހިވެގެން އުޅެނީ ރިއާ ޗަކްރަބީއާ ކަމަށް ބައެއް ރިޕޯޓްތައް ބުނެފި އެވެ.

ހުކުރު ދުވަހު ޝޫޓިން ފެށި "ޗެހެރޭ" ގެ ބަތަލާ ރިއާ އާއި ސުޝާންތު ރައްޓެހިވެގެން އުޅޭތާ ދުވަސްތަކެއްވެފައިވާ ކަމަށް ޕިންކްވިލާ އިން ބުންޏެވެ. އެ ނޫހުން ބުނި ގޮތުގައި ދެ ތަރިން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ނަމަވެސް އެ ގުޅުން އަދި ކުރިއަށް ގެންދަނީ ވަރަށް ސިއްރުންނެވެ.

ސުޝާންތަކީ މި އަހަރު ރިލީޒް ކުރި "މަނިކަރްނިކާ: ދި ކްއީން އޮފް ޖާންސީ" ގެ ރޯލަކުން ބޮލީވުޑަށް ތައާރަފުވި ޓީވީ ބަތަލާ އަންކިތާ ލޯކަންދޭގެ ކުރީގެ ލޯބިވެރިޔާ އެވެ. އެ ދެ މީހުންގެ ގުޅުން 2016 ގައި ނިމުމަކަށް އައީ ކައިވެނި ވެސް ކުރަން ނިންމާފައި ވަނިކޮށެވެ.

ރިޕޯޓްތައް ބުނާ ގޮތުން ސުޝާންތު ވަނީ އޭނާ އެކު 2017 ގެ "ރާބްތާ" ކުޅުނު ކްރިތީ ސެނަންއާ ވެސް ލޯބީގެ ގުޅުމެއް ބާއްވައިފަ އެވެ.