މުނިފޫހިފިލުވުން / ސްޓްރީމިން ޓީވީ

ސަލްމާންގެ "އަންތިމް" އާއި އަޖޭގެ "މައިދާން" ވެސް ޑިޖިޓަލް ޕްރީމިއާއަކަށް؟

އިންޑިއާގައި ކޮވިޑްގެ ހާލަތު ގޯސްވުމުން ބޮލީވުޑްގެ ފިލްމީ ކަލަންޑަރު މި އަހަރު ވެސް އޮތީ އޮޅުންބޮޅުންވެފައި

މި މަހުގެ 13 ވަނަ ދުވަހު ރިލީޒްކުރި ސަލްމާންގެ "ރާދޭ" އަށް ސްޓްރީމިން ޕްލެޓްފޯމްތަކުގައި ލިބެމުން އަންނަ ބޮޑު ތަރުހީބާ ގުޅިގެން ޒީ ސްޓޫޑިއޯ އިން އިތުރު ބޮޑު ދެ ފިލްމެއް ޑިޖިޓަލް ޕްރީމިއަކަށް ގެންނަން މަސައްކަތްކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި މީގެ ތެރެއިން އެއް ފިލްމަކީ މިދިޔަ އަހަރު ޝޫޓިން ނިންމާފައި އޮތް ސަލްމާންގެ "އަންތިމް: ދަ ފައިނަލް ޓްރުތު" އެވެ. އެކްޓަރު މަހޭޝް މަންޖްރޭކަރް ޑައިރެކްޓްކޮށްފައިވާ އެ ފިލްމަކީ ސަލްމާނާ އެކު ޅިޔަނު އާޔޫޝް ޝަރުމާ ވެސް ފެނިގެންދާނެ ފިލްމެކެވެ.

ދެހާސް އަށާރައިގައި ރިލީޒްކުރި މަރާޓީ ފިލްމު "މުލްޝީ ޕެޓާން" އަސްލަކަށް ބަލައިގެން ހަދާފައިވާ "އަންތިމް" ގައި ސަލްމާން ކުޅެފައި ވަނީ ފަގުޑި އެޅި ފުލުހެއްގެ ރޯލެވެ. އާޔޫޝް އަކީ ގޭންގްސްޓާރެކެވެ. މި ފިލްމުގެ ޓީޒާ ޓްރެއިލާއެއް ވެސް މިދިޔަ އަހަރުގެ ފަހުކޮޅު ދައްކާލާފައި އިރު މި އަހަރު ފިލްމު ގެނެސްދޭނެ ކަމަށް ބުނެފައިވެ އެވެ. އެކަމަކު ސިނަމާތަކުގައި ފިލްމު އަޅުވާނެ ތާރީހެއް އޮތީ އިއުލާންނުކޮށެވެ.

ރިޕޯޓްތައް މިހާރު ބުނާ ގޮތުން "ރާދޭ" ރިލީޒްކުރި ގޮތަށް "އަންތިމް" ވެސް ގެނެސްދޭން ޒީ ސްޓޫޑިއޯސް އިން ބޭނުންވެ އެވެ. "ރާދޭ" އަކީ އިންޑިއާގައި ކޮވިޑްގެ ހާލަތު އެހާ ގޯސް ނޫން ބައެއް ދިމަދިމާލުގެ ސިނަމާތަކުގެ އިތުރުން ޒީ5 އާއި ޒީ ޕްލެކްސް އިން ޕްރީމިއާކުރި ފިލްމެކެވެ. އަދި ޑިޖިޓަލް ޕްރީމިއާ އަށް އުންމީދުނުކުރާ ވަރުގެ ބޮޑު ތަރުހީބެއް ލިބިފައިވެ އެވެ.

ޒީ ސްޓޫޑިއޯ އިން ޑިޖިޓަލްކޮށް ރިލީޒްކުރަން މަސައްކަތްކުރާ ކަމަށް ބުނާ އަނެއް ފިލްމަކީ އެ ސްޓޫޑިއޯ އިން ޕްރޮޑަކްޝަން ހައުސްއެއްގެ ގޮތުގައި ވެސް ބައިވެރިވާ އަޖޭ ދޭވްގަންގެ "މައިދާން" އެވެ. ބޯނީ ކަޕޫރް ވެސް ޕްރޮޑިއުސަރެއްގެ ގޮތުގައި ހިއްސާވާ މި ފިލްމަކީ އަމިތު ޝަރުމާ ޑައިރެކްޓްކުރާ ފިލްމެކެވެ. "މައިދާން" އޮތީ އޮކްޓޯބަރު 15 ސިނަމާތަކަށް ގެންނަން ތާވަލުކޮށްފަ އެވެ. އެކަމަކު ސިނަމާތަކުގައި ފިލްމު ފުޅާކޮށް ފިލްމު ރިލީޒްކުރެވޭނީ އެހާތަނަށް އަންނަ އިރު ކޮވިޑްގެ ހާލަތު އޮތް ގޮތަކުންނެވެ.

"މައިދާން" އަކީ އަދިވެސް ޝޫޓިން ނިންމައިނުލެވި އޮތް ފިލްމެކެވެ. މި ފިލްމުގެ ބާކީ ހުރި ބައެއް މަންޒަރުތައް ނަގަން ހަދާފައިވާ ސެޓެއް ވެސް މި ހަފުތާގެ ތެރޭގައި އިންޑިއާ އަށް އެރި ތޫފާނުގެ ތެރޭގައި ވަރަށް ބޮޑަށް ހަލާކުވެފައިވެ އެވެ.

"މައިދާން" އަކީ އިންޑިއާގެ މި ޒަމާނުގެ ފުޓްބޯޅައިގެ ބައްޕަ ސައީދު އަބްދުއްރަހީމްގެ ވާހަކަ ކިޔައިދޭ ބައޮގްރަފިކަލް ސްޕޯޓްސް ފިލްމެކެވެ. ބޯނީ ދާދި ފަހުން ބުނެފައިވާ ގޮތުގައި މި ފިލްމަކީ އިންޑިއާ ފަހުރުވެރިވާނެ ފަދަ ފިލްމެކެވެ.

"މައިދާން" ޑިޖިޓަލް ޕްރީމިއާއަކަށް ގެންނަން މަސައްކަތްކުރާ އިރު އަޖޭގެ އެހެން ފިލްމެއް ވެސް އެގޮތަށް ރިލީޒްކުރަން އޮތީ ނިންމައިފަ އެވެ. އެއީ ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރީމިއާކުރަން ނިންމާފައިވާ "ބޫޖް: ދަ ޕްރައިޑް އޮފް އިންޑިއާ" އެވެ. އެކަމަކު އަދި ވަކި ތާރީހެއް އިއުލާނެއް ނުކުރެ އެވެ.

އިންޑިއާގެ ކޮވިޑް ހާލަތު އޮތް ގޮތުން ސިނަމާތަކާ މެދު މި އަހަރު ވެސް މާ ބޮޑު އުންމީދެއް ނެތުމުން މިހާރު ވެސް އެތައް ފިލްމެއް ވަނީ ރިލީޒްކުރުން ފަސްކޮށްފަ އެވެ. އަދި ބައެއް ފިލްމުތައް ޑިޖިޓަލްކޮށް ރިލީޒްކުރަން ނިންމާފައިވެ އެވެ. އޭގެ ތެރޭގައި އަންނަ މަހުގެ ތެރޭގައި އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރީމިއާކުރާ ވިދިޔާ ބާލަންގެ "ޝޭރްނީ" ހިމެނެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ސައިފް އަލީ ޚާނާއި އަރުޖުން ކަޕޫރާއި ޖެކްލިން ފެނަންޑޭޒްގެ އިތުރުން ޔާމީ ގޯތަމްގެ ހޮރޯ-ކޮމެޑީ "ބޫތު ޕޮލިސް" ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރީމިއާކުރަން މިހާރު އަންނަނީ ވާހަކަ ދެކެވެމުންނެވެ. އެ ފިލްމު އޮތީ ސެޕްޓެމްބަރު 10 ގައި ސިނަމާތަކަށް ގެންނަން ތާވަލުކޮށްފަ އެވެ.

މި އަހަރުގެ މިހާތަނަށް ޑިޖިޓަލްކޮށް ޕްރީމިއާކުރި ބޮޑު ފިލްމުތަކުގެ ތެރޭގައި މި މަހުގެ 18 ގައި ނެޓްފްލިކްސް އިން ޕްރީމިއާކުރި އަރުޖުން އާއި ރަކުލް ޕްރީތު ސިންގްގެ "ސަރުދާރު ކާ ގްރޭންޑްސަން" އާއި އެޕްރީލް މަހުގެ ތެރޭގައި ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރީމިއާކުރީ އަބީޝެކް ބައްޗަންގެ "ދަ ބިގް ބުލް" އާއި ފެބްރުއަރީ މަހުގެ ތެރޭގައި ނެޓްފްލިކްސް އިން ގެނެސްދިން ޕަރިނީތީ ޗޯޕްރާގެ "ދަ ގާލް އޮން ދަ ޓްރެއިން" ފާހަގަކޮށްލެވެ އެވެ.

ސިނަމާތަކުގައި ނޫނީ ރިލީޒްނުކުރަން ނިންމާފައިވާ ބޮޑެތި ފިލްމުތަކުގެ ތެރޭގައި މިދިޔަ އަހަރުން ފެށިގެން ފަސްކޮށްފައި އޮތް އަކްޝޭ ކުމާރުގެ "ސޫރިޔާވަންޝީ" އާއި ރަންވީރު ސިންގްގެ "83" ގެ އިތުރުން ސައިފާއި ރާނީ މުކަރްޖީގެ "ބަންޓީ އޯރް ބަބްލީ 2" އާއި އަމީތާބް ބައްޗަނާއި އިމްރާން ހާޝްމީގެ "ޗެހެރޭ" އާއި ކަންގަނާ ރަނާވަތުގެ "ތަލައިވީ" ފަދަ ފިލްމުތައް ހިމެނެ އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454