މަޝްހޫރު ނަންތަކާ އެކު ވެލިދޫ އީދު ކުޅިވަރު ފޯރި ގަދަ ވާނެ

ކުރިއަށް އޮތް ބޮޑު އީދު ފާހަގަކުރަން، މަޝްހޫރު މޫނުތަކަކާ އެކު ނ. ވެލިދޫގައި ކުޅިވަރުތަކާއި މިއުޒިކް ޝޯތަކެއް ބާއްވަން ތައްޔާރުވެއްޖެ އެވެ.


އެ ރަށުގައި "އެމްއެޗް އީދު ކުޅިވަރު 1439" ބާއްވަނީ އެމްއެޗާއި ވެލިދޫ ޖަމިއްޔާއެއް ކަމަށްވާ ބާއޮކަލޯގެ އިތުރުން ވެލިދޫ ކައުންސިލް ގުޅިގެންނެވެ.

މޯލްޑިވިއަން އައިޑޮލްގެ އެކި ސީޒަންތަކުން ވިދާލި ފަންނާނުން ޝޯތަކުގައި ބައިވެރިވާނެ އެވެ. އޭގެ ތެރޭގައި ޝަލަބީ، ބަރޯ، މައިޝާ، ޝަހްދާން، ޒަކިއްޓެ ފަދަ ލަވަކިޔުންތެރިން ހިމެނެ އެވެ.

މީގެ އިތުރުން ނެށުންތެރިޔާ ޖާދުﷲ (ޖާދު) އިސްމާއީލްގެ ޑާންސް ގްރޫޕްތަކާ އެކު ނިއުމާ މުހައްމަދުގެ ވަދާއީ ފިލްމު "ނިވައިރޯޅި" ޓީމްގެ މެމްބަރުންގެ ހަރަކާތްތައް ވެސް ވެލިދޫގެ އީދު ކުޅިވަރު ހަރަކާތްތަކުގެ ތެރެއިން ފެނިގެން ދާނެ އެވެ.

އެގޮތުން ފިލްމީ ތަރިން ކަމަށްވާ އައްޒަ، ޖުމާ އަދި މަލް ފަދަ ތަރިންގެ ނެށުންތައް ވެސް ފެނިގެން ދާނެ އެވެ.

އެމްއެޗުން ބުނީ މި މަހުގެ 20 އިން ފެށިގެން ކުރިއަށް އޮތް ހަފުތާ އެއްކޮށް ވެލިދޫގައި ހަވީރާއި ރޭގަނޑު އެކި ކަހަލަ ހަރަކާތްތައް ކުރިއަށްދާނެ ކަމަށެވެ. އެގޮތުން ދެ ޖިންސްގެ މީހުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ވާދެމުން، އަންހެނުންގެ މަސް ރޭސް، ކުޅި ސަމާ އަދި ބައިސްކަލް ރޭސް ފަދަ އެކި ހަރަކާތްތައް ހިމެނެ އެވެ.

މި ކަންކަމުގެ އިތުރުން އީދު ފެންކުޅި މުބާރާތެއް ވެސް ވެލިދޫގައި ކުރިއަށް ގެންދަން ވަނީ ރާވައިފަ އެވެ.

އީދުގެ ހަރަކާތްތަކާ ބެހޭ ގޮތުން އެމްއެޗްގެ އޮފިޝަލަކު ބުނީ މީގެ ކުރިން ވެލިދުއަކީ އެހާ ފޯރި ގަދަކޮށް އީދު ފާހަގަ ކުރާ ރަށެއް ނޫން ކަމަށެވެ.

"އެކަމަކު މިއީ މިހާ ފޯރިގަދަ އެތައް ބަޔަކު ބައިވެރިވާ ގޮތަށް އީދު ފާހަގަ ކުރާ ފުރަތަމަ ފަހަރު،" އޭނާ ބުންޏެވެ. "އަނެއްކާ މި ފަހަރު ވަރަށް ގިނަ އަދަދެއްގެ މެހުމާން ރަށަށް ޒިޔާރަތް ކުރާނެ."

ވެލިދު އަށް ދާ މެހުމާނުންނަށް މަރުހަބާ ކިޔުމުގެ ގޮތުން ހާއްސަ އީދު ލަވައެއް ވެސް ވަނީ ތައްޔާރުކޮށްފަ އެވެ. ކުޑައިއްބެގެ މިއުޒިކަށް ހަދާފައިވާ ލަވަ ކިޔާފައި ވަނީ އަޝްފާ އެވެ. އެ ލަވައިގެ ޅެން ހެދީ އޭނާގެ ފިރިމީހާ އަދި ލަވަކިޔުންތެރިޔާ ތޭރަވާ އެވެ.

"މެހުމާނުން ރަށަށް ޒިޔާރަތް ކުރާ ދުވަހުން ފެށިގެން މި ލަވަ ރަށުގައި ޖަހަމުން ގެންދާނެ،" އެމްއެޗުން ބުންޏެވެ.