ރިތިކް ރޯޝަނަކީ ވެސް ބޮލީވުޑުން ބޮއިކޮޓްކުރަން ޖެހޭ މީހެއް: ކަންގަނާ ރަނާވަތު

ފުރައްސާރަތަކުގެ ވާހަކަ ދައްކާ ނަމަ، ރިތިކް ރޯޝަނަކީ ވެސް ބޮލީވުޑުން ބޮއިކޮޓްކުރަން ޖެހޭ މީހެއް ކަމަށް ބުނެ ކަންގަނާ ބަހުގެ ހަމަލާތަކެއް ފޮނުވައިފި އެވެ.


ކަންގަނާ އަށް އެންމެ މޮޅު ބަތަލާގެ ނެޝަނަލް އެވޯޑް ލިބުނު ފިލްމު ކްއީން (2014) ގެ ޑައިރެކްޓަރު ވިކާސް ބަލް އަށް ޖިންސީ ގޯނާގެ ތުހުމަތު ކުރުމަށް ފަހު، ކަންގަނާ ބުނީ ވިކާސްއެކޭ އެއްގޮތަށް، ރިތިކަކީ ވެސް މުޅި ބޮލީވުޑް މަސައްކަތެއް ނުދީ ބޮއިކޮޓްކުރަން ޖެހޭ ފެންވަރުގެ މީހެއް ކަމަށެވެ.

ލޯބީގެ މައްސަލައެއްގައި ރިތިކާއި ކަންގަނާއާ ދޭތެރޭ މައްސަލަތައް ޖެހި މީޑިއާގައި ވަރުގަދަ ހަނގުރާމައެއް ވެސް ކޮށްފައިވެ އެވެ. ކަންގަނާ ބުނެފައިވާ ގޮތުގައި ރިތިކް އޭނާއާ ލޯބީގެ ގުޅުމެއް ބާއްވައި ކައިވެނި ކުރާނެ ކަމުގެ ވައުދު ވެސް ވި އެވެ.

އެކަމަކު ރިތިކް ވަނީ އެ ވާހަކަތައް ދޮގުކޮށް، ކަންގަނާއާ ދުވަހަކު ވެސް ލޯބީގެ ގުޅުމެއް ނުބާއްވާ ކަމަށާއި އޭނާ އުޅުނީ މަތިންބައިން ޖެހިގެން ކަމަށް ބުނެފަ އެވެ. މި މައްސަލަގަނޑު ހޫނުވެ، ދެ މީހުން އެކަކު އަނެކަކަށް ފޮނުވި ކަމަށް ބުނާ އީމެއިލްތަކެއް ވެސް ލީކްކޮށްފައިވެ އެވެ.

"ކްރިޝް"

ޒީ ނިއުސް އަށް ދިން އިންޓަވިއުއެއްގައި ކަންގަނާ ބުނީ ރިތިކް ފަދަ މީހުންނަކީ ކައިވެނިކޮށްގެން ތިބެ، ޒުވާން އަންހެން ކުދިންގެ ފަރާތުން ނާޖާއީޒު ފައިދާ ނަގާ ބައެއް ކަމަށެވެ. އަދި އެފަދަ މީހުން ސިފަ ކުރެވޭނީ ޝިކާރަވެރިންގެ ގޮތުގައި ކަމަށް ބުންޏެވެ.

"މީހުންނާ އިނދެ ދަރިން ލިބުނީމަ ވެސް އަނބިމީހާ ޓްރޮފީއެއްހެން ވާނުވާގައި ބަހައްޓާފައި އެހެން އަންހެނުން ހައްލައިގެން އެ މީހުންގެ ފަހަތުން ދުވުމަކީ ވެސް ހަމަ އަންހެނުންނަށް ފުރައްސާރަ ކުރުން ގޯނާ ކުރުން. މިފަދަ އަމަލުތައް ހިންގާ މީހުން ބޭޒާރުކޮށް އެ މީހުންނަށް ހައްގު އަދަބު ވެސް ދޭން ޖެހޭނެ،" ކަންގަނާ ބުންޏެވެ.

ކައިވެންޏަށް ދެ ދަރިން ލިބިފައި ވަނިކޮށް ރިތިކާއި ސުޒޭން ހާންގެ ކައިވެނި ރޫޅުނީ 2013 ގަ އެވެ. މީޑިއާތަކުން އޭރު ބުނި ގޮތުގައި ކައިވެނި ރޫޅެން ދިމާވީ ރިތިކް ކުޅުނު ފިލްމު "ކައިޓްސް" ގެ މެކްސިކޯގެ ބަތަލާ ބާބަރާ މޯރީ އާއި ރިތިކްގެ ލޯބީގެ ކުޅިގަނޑު ފަޅާއަރައި، އެ މައްސަލަ ގޯހުން ގޯހަށް ގޮސްގެންނެވެ.

ރިތިކްގެ ޓްވީޓެއް.

"ކައިޓްސް" ގެ ކާސްޓުންގެ ތެރޭގައި ކަންގަނާ ވެސް ހިމެނެ އެވެ. އަދި އޭނާ ވަނީ ރިތިކްއާ އެކު 2013 ގެ "ކްރިޝް 3" ގައި ވެސް މަސައްކަތްކޮށްފަ އެވެ. ކަންގަނާ ބުނި ގޮތުގައި ރިތިކް އޭނާއާ ލޯބީގެ ގުޅުމެއް ބާއްވަން ފެށީ އެ ފިލްމުތަކުގެ މަސައްކަތް ކުރި ދުވަސްވަރު އެވެ.

އަންނަ އަހަރުގެ ޖެނުއަރީ، 25 ގައި ރިލީޒް ކުރަން ނިންމާފައިވާ ރިތިކްގެ އާ ފިލްމު "ސުޕަ 30" ގެ ޑައިރެކްޓަރަކީ ވިކާސް އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކާ ގުޅިގެން ވިކާސް އަށް ފިލްމުން އެއްވެސް ކްރެޑިޓެއް ނުދޭން ވަނީ ނިންމައިފަ އެވެ. އަދި "ސުޕަ 30" ރިލީޒްކޮށްގެން ނުވާނެ ކަމަށް ވިކާސް އަށް ޖިންސީ ގޯނާގެ ތުހުމަތުކޮށްފައިވާ "ކްއީން" ގެ ކާސްޓުންގެ ތެރޭގައި ހިމެނޭ ނަޔާނީ ޑިކްސިޓް ބުނެފައިވެ އެވެ.