ސާޖިދު އަދި ފަރްހާދު.
17 އޮކްޓޯބަރ 2018 - 07:01
ޖިންސީ ގޯނާގެ ތުހުމަތުތަކަށް ފަހު، "ހައުސްފުލް 4" ސާޖިދު ހާން ލައްވައި ޑައިރެކްޓް ނުކުރުވަން ނިންމައި، އެ ފިލްމުގެ ޑައިރެކްޝަން ފަރުހާދު ސަމްޖީއާ ޕްރޮޑިއުސަރު ސާޖިދު ނަދިއަދްވާ ހަވާލުކޮށްފި އެވެ.
ފަރްހާދަކީ 2016 ގައި ރިލީޒްކުރި "ހައުސްފުލް" ފްރެންޗައިޒްގެ ތިން ވަނަ ފިލްމުގެ ޑައިރެކްޝަންގައި ވެސް ހިއްސާވި މީހެކެވެ. އެ ފިލްމު ލިޔެ، ޑައިރެކްޓްކޮށްފައި ވަނީ އޭނާ އާއި ސާޖިދު ސަމްޖީ އެވެ. ފަރްހާދާއި ސާޖިދު މަޝްހޫރުވެފައި ވަނީ ސްކްރީން ރައިޓަރުންގެ ގޮތުގަ އެވެ.
އެ ދެ މީހުން އެކުގައި މަސައްކަތްކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި އެންޓަޓައިންމަންޓް (2014) އާއި ޗެންނައި އެކްސްޕްރެސް (2013) އަދި މިދިޔަ އަހަރުގެ "ގޯލްމާލް އެގެއިން" ފަދަ ފިލްމުތައް ހިމެނެ އެވެ.
IT'S OFFICIAL... Nadiadwala Grandson Entertainment official statement: "#Housefull3 director Farhad Samji will now direct #Housefull4."
— taran adarsh (@taran_adarsh) October 13, 2018
ފިލްމު ކްރިޓިކް ތަރަންގެ ޓްވީޓެއް.
ޖިންސީ ގޯނާގެ ތުހުމަތަކާ ގުޅިގެން "ހައުސްފުލް 4" ގެ ޑައިރެކްޝަނުން ސާޖިދު ވަކިކުރި އިރު، އެ ފިލްމުގެ ޝޫޓިންގެ ބޮޑު ބައެއް ވަނީ ނިމިފަ އެވެ. އަދި ފިލްމުގެ ކާސްޓުންގެ ތެރޭގައި ޖިންސީ ފުރައްސާރައިގެ ތުހުމަތު އެޅުވިފައިވާ ނާނާ ޕަޓޭކަރް ވެސް ހިމެނެ އެވެ. އޭނާ މިހާރު ވަނީ އަމިއްލަ އަށް ފިލްމުން ވަކިވެފަ އެވެ.
ނާނާ ޕަޓޭކަރަށް ތަނުޝްރީ ދައްތާ ޖިންސީ ގޯނާގެ ތުހުމަތުކޮށްފައިވާ އިރު، ސާޖިދަށް ދެ ބަތަލާއަކާއި ނޫސްވެރިޔަކު ޖިންސީ ގޯނާގެ ތުހުމަތުކޮށްފައިވެ އެވެ.
— Sajid Khan (@SimplySajidK) October 12, 2018
ސާޖިދުގެ ޓްވީޓެއް.
"ހައުސްފުލް 4" ގެ ކާސްޓްގައި ހިމެނޭ އަކްޝޭ ކުމާރު ވަނީ ތުހުމަތުތައް އެޅިފައިވާ މީހުންނާ ބެހޭ ގޮތުން ދެކެވޭ ވާހަކަތަކަށް ގާނޫނީ ގޮތުން ހައްލެއް ނުލިބޭހާ ހިނދަކު އެފަދަ މީހުންނާ އެކު ދެން މަސައްކަތް ނުކުރާނެ ކަމަށް ބުނެފަ އެވެ.
މި ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި ބޮބީ ޑިއޯލް، ރިތޭޝް ދޭޝްމުކް، ކިރިތީ ސެނަން، ޕޫޖާ ހެގްޅޭ އަދި ކިރިތީ ކަރްބަންދާ ހިމެނެ އެވެ.
"ހައުސްފުލް 4" ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އޮކްޓޯބަރު، 25، 2019 ގަ އެވެ.
މި ސީރީޒްގެ ފުރަތަމަ ދެ ފިލްމު ޑައިރެކްޓްކޮށްފައި ވަނީ މަޝްހޫރު ކޮރިއޮގްރާފަރު އަދި ޑައިރެކްޓަރު ފަރާ ހާންގެ ކޮއްކޮ ސާޖިދު އެވެ. އެއީ 2010 އާއި 2012 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy