"ކުޗް ތޯ ގަޅުބަޅު ހޭ" އަކީ ސޮނީ ޓީވީގެ "ސިއައިޑީ" ބަލާ މީހުން އެންމެ ފަރިތަވާނެ އެއް ޑައިލޮގެވެ. މި ޝޯއަކީ އިންޑިއާގައި ހިނގާ އެކި ކަހަލަ ކުށްތައް ތަހުގީގު ކުރަން ފުލުހުންގެ ޓީމަކުން ކުރާ ވަރަށް ޝައުގުވެރި މަސައްކަތްތަކެއް ދައްކުވައިދޭ ޝޯއެކެވެ.

"ސީއައިޑީ" ގެ އަހުލުވެރިންނަށް އޮތް ހިތާމަވެރި ޚަބަރަކީ މި މަހުގެ 27 ގައި މި ޝޯ އަށް ނިމުމެއް ގެންނަން ސޮނީން ނިންމާފައިވާ ކަމެވެ. މިކަމާ ގުޅިގެން ގިނަ އަދަދެއްގެ ފޭނުން އަންނަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ޝޯގެ އެންމެ ވަރުގަދަ ތިން ތަނބުގެ ތެރެއިން އެންމެ އިސްކޮށް ހުންނަ އަދި ޝޯގައި އެސިސްޓަންޓް ކޮމިޝަނަރު އޮފް ޕޮލިސް (އޭސީޕީ) ޕްރަދިއުމަންގެ ރޯލް ކުޅޭ، ޝިވާޖީ ސަތަމް، 68، ބުނީ "ސީއައިޑީ" ހުއްޓައިލުން، ވަރަށް ގާތް ރައްޓެއްސަކު ވަކިވުން ފަދަ ކަމަށެވެ.

އޭނާ ބުނި ގޮތުގައި އެ ޝޯއަކީ ފާއިތުވި 20 އަހަރު އޭނާގެ ހަޔާތުގެ ވަރަށް މުހިއްމު ބައެކެވެ.

"ހަމަ ޔަގީނުން ވެސް ޝޯގެ މަސައްކަތްތައް ވަރަށް މިސްވާނެ. އަދި އެކުގައި އެހާ ގިނަ ދުވަހު މަސައްކަތް ކުރި ޓީމާ ވެސް ވަކިވާން ޖެހުމަކީ ވަރަށް ހިތްދަތި ވާނެ ކަމެއް،" ވާސްތާވް އާއި ޕުކާރް އަދި ގަރްވް ފަދަ ބޮލީވުޑްގެ ފިލްމުތަކުގައި ވެސް މަސައްކަތްކޮށްފައިވާ އެކްޓަރު ބުންޏެވެ. "އެކަމަކު ސޮނީގެ ނިންމުމަށް އަހަރެމެން އިހުތިރާމު ވެސް ކުރަން."

"ސީއައިޑީ" އަކީ 1998 ގައި ސޮނީން ދައްކަން ފެށި ޝޯއެކެވެ. މި ޝޯގެ 1،540 އަށް ވުރެ ގިނަ އެޕިސޯޑް މިހާތަނަށް ގެނެސް ދީފައިވެ އެވެ.

ޝިވާޖީއާ އެކު "ސީއައިޑީ" ގެ މުހިއްމު ރޯލްތަކުން ދެން ފެންނަ އާންމު ދެ މޫނަކީ ސީނިއާ އިންސްޕެކްޓަރު ދަޔާގެ ރޯލް ކުޅޭ ދަޔަނަންދު ޝެޓީ އާއި ސީނިއާ އިންސްޕެކްޓަރު އަބިޖީތުގެ ރޯލް ކުޅޭ އަދިތިޔާ ޝްރިވަސްތާވް އެވެ.

"ސީއައިޑީ" ގެ ފަހު އެޕިސޯޑް މި މަހުގެ 27 ގައި ދެއްކުމަށް ފަހު، އެ ޝޯ ފުރަމުން ދިޔަ ގަޑިތަކުގައި ކުރިއަށް އޮތް ތަނުގައި ސޮނީން ގެނެސް ދޭން ނިންމާފައި ވަނީ އެ ޗެނެލްގެ ހަމަ ދުވަސްވީ ބިރުވެރި ޝޯ "އާހަތު" އެވެ.

ބިރުވެރި އެކި ހާދިސާތައް ގެނެސް ދިން "އާހަތު" އަކީ 1996-2015 އަށް ކުރިއަށް ގެންދިޔަ ޝޯއެކެވެ.