މިދިޔަ އަހަރު "ނޭދެން ވަކިވާކަށް" ގެނެސް ދިން ޑައިރެކްޓަރު/ޕްރޮޑިއުސަރު މުހައްމަދު (މާއެނބޫ) އަބޫބަރު "ކާކު؟" ކިޔާ ބިރުވެރި ފިލްމެއްގެ މަސައްކަތް ހދ. ކުޅުދުއްފުށީގައި ފަށައިފި އެވެ.

މި މަހުގެ 26 ވަނަ ދުވަހު ޝޫޓިން ފެށި ފިލްމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށް މާއެބޫ ބުންޏެވެ. "ކާކު؟" އަކީ "ނޭދެން ވަކިވާކަށް" ގެ ވެސް ސްކްރީންޕްލޭ ލިޔުނު މަހުދީ އަހުމަދުގެ ސްކްރިޕްޓަކަށް ހަދާ ބިރުވެރި ފިލްމެކެވެ. އެކަމަކު މީގެ ވާހަކަ ލިޔުނީ މާއެނބޫ އެވެ.

ފިލްމުގެ މުހިއްމު ރޯލުތަކުން ފެނިގެން ދާނީ ފިލްމު "އެ ދަތުރު" އާއި ގިނަ އަދަދެއްގެ ވީޑިއޯ ލަވަތަކުން ފެނިފައިވާ އިބްރާހީމް (ކުޑަ ސޮބާ) ސޮބާ އާއި މާއެނބޫ މީގެ ކުރިން ގެނެސް ދިން ފިލްމެއް ކަމަށްވާ "ހިތް ވިންދާ ނުލާ" ގެ ބަތަލު ޝާފިއު މުހައްމަދުގެ އިތުރުން އަލަށް ތައާރަފުވާ ޔާސިރާ އާއި އިރްފާނާ (އިރޫ) އިބްރާހީމެވެ.

އިރޫއަކީ އަންނަ އަހަރު ރިލީޒް ކުރާ "40+" އާއި ވީ މީޑިއާ އިން ހަދާ ފުރަތަމަ ފީޗާ ފިލްމު "ދައުވަތު" ގެ ކާސްޓްގައި ވެސް ހިމެނޭ ބަތަލާއެކެވެ. އަދި "ކާކު؟" ގެ ވަރަށް ހާއްސަ ރޯލަކުން ހާމިދު އަލީ ވެސް ފެނިގެން ދާނެ އެވެ.

މާއެނބޫ ބުނީ "ކާކު؟" އަށް ކާސްޓުން ނެގީ ފިލްމުގެ ރޯލްތަކަށް އެންމެ ފިޓްވާ އެކްޓަރުންނަށް ބަލައިފައި ކަަމަށެވެ. އެގޮތުން މި ފިލްމަކީ ބެލުންތެރިން ބަލާ ހިތްވާ ކަހަލަ ވަރުގަދަ ބިރުވެރި ފިލްމަކަށް ވާނެ ކަމަށް ބުންޏެވެ.

"ކާކު؟" ގެ ޝޫޓިންގެ ތެރެއިން: ވިއްސަކަށް ދުވަހުގެ ތެރޭގައި ޝޫޓިން ނިންމައިލެވޭނެ.
"ކާކު؟" ގެ ޝޫޓިންގެ ތެރެއިން: ވިއްސަކަށް ދުވަހުގެ ތެރޭގައި ޝޫޓިން ނިންމައިލެވޭނެ.

"މައިގަނޑު ކާސްޓުންގެ އިތުރުން ކުޅުދުއްފުށީގެ ބައެއް މީހުން ވެސް ފިލްމުގެ ސަޕޯޓިން ރޯލްތަކުން ފެނިގެން ދާނެ،" ތިން ލަވަ ހިމެނޭ ފިލްމާ ބެހޭ ގޮތުން މާއެނބޫ ބުންޏެވެ. "ވަރަށް ބާރަށް ޝޫޓިން ކުރިއަށްދާ އިރު، ވިއްސަކަށް ދުވަހުގެ ތެރޭގައި މުޅި ފިލްމުގެ ޝޫޓިން އެއްކޮށް ނިންމައިލެވޭނެ. ކުޅުދުއްފުށިން އަހަރެމެން މާލެ ދާ އިރު، ފިލްމުގެ ޝޫޓިން އެއްކޮށް އޮންނާނީ ނިމިފައި."

މާއެނބޫގެ ފިލްމު ކުންފުނި މީ ޕްރޮޑަކްޝަނުން ހަދާ "ކާކު؟" ސިނަމާ އަށް ގެންނަން ނިންމާފައި ވަނީ އަންނަ އަހަރު އެވެ. އެކަމަކު އަދި ވަކި ތާރީހެއް ނުނިންމަ އެވެ.

"އިރާދަކުރެއްވިއްޔާ އަންނަ އަހަރުގެ ތެރޭގައި ބެލުންތެރިންނަށް ފިލްމު ފެންނާނެ." މާއެނބޫ ބުންޏެވެ.