މީގެ 18 އަހަރު ކުރިން ރިޑްލީ ސްކޮޓް ގެނެސް ދިން ތާރީހީ ފިލްމު "ގްލޭޓިއާ" ގެ ދެވަނަ ބައެއް ގެނެސް ދޭން ނިންމައިފި އެވެ.

ޕެރަމައުންޓް ޕިކްޗާޒްއާ ގުޅިގެން "ގްލޭޑިއޭޓާ" ގެ ދެވަނަ ބައެއް ގެނެސް ދޭން ނިންމާފައިވާ އިރު، މީގެ ސްކްރީންޕްލޭ ހަވާލުކޮށްފައި ވަނީ 2020 ގައި ރިލީޒް ކުރާ ޓޮމް ކްރޫޒްގެ "ޓޮޕް ގަން" ގެ ދެވަނަ ބައި "ޓޮޕް ގަން: މެވެރިކް" ގެ ސްކްރީންޕްލޭ ވެސް ލިޔުނު ޕީޓާ ކްރެއިގްއާ އެވެ. އޭނާއަކީ 2010 ގައި ބެން އެފްލެކް ޑައިރެކްޓްކޮށް، މުހިއްމު ރޯލެއް ވެސް ކުޅުނު ފިލްމު "ދަ ޓައުން" ގެ ސްކްރީން ރައިޓަރު ވެސް މެ އެވެ.

ވެރައިޓީން ބުނި ގޮތުގައި "ގްލޭޑިއޭޓާ" ގެ ދެވަނަ ބައެއް ގެނެސްދޭ އިރު، މި ފިލްމުން މި ފަހަރު ވެސް ރަސަލް ކްރޯ ފެންނާނެ ކަމެއް އަދި ކަށަވަރެއް ނުވެ އެވެ. ސަބަބަކީ ފުރަތަމަ ބައިގައި އޭނާ ކުޅުނު މެކްސިމަސްގެ ކެރެކްޓާ މަރުވެފައިވުމެވެ. އަދި ފިލްމާ ބެހޭ މާ ބޮޑު ތަފުސީލެއް ވެސް މިހާތަނަށް އަދި ހާމައެއް ނުކުރެ އެވެ.

ދެހާސް ވަނަ އަހަރު ރިލީޒްކޮށް، އެ އަހަރުގެ އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމުގެ ތެރޭގައި ވެސް ހިމެނޭ "ގްލޭޑިއޭޓާ" އަށް ބޮކްސް އޮފީހުގައި 460.5 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. ޑްރީމް ވޯކްސް އާއި ޔުނިވާސަލް ޕިކްޗާޒުން ޑިސްޓްރިބިއުޓް ކުރި ފިލްމު ހަދަން ހަރަދު ކުރީ 103 މިލިއަން ޑޮލަރެވެ.

"ގްލޭޑިއޭޓާ" އަށް ވަނީ 73 ވަނަ އޮސްކާ އެވޯޑްގައި އެންމެ މޮޅު ފިލްމު، އެންމެ މޮޅު އެކްޓަރު (ރަސަލް)، އެންމެ މޮޅު ވިޝުއަލް އިފެކްޓްސް، އެންމެ މޮޅު ކޮސްޓިއުމް އަދި އެންމެ މޮޅު ސައުންޑް މިކްސިންގެ އޮސްކާ ވެސް ލިބިފަ އެވެ. މީގެ އިތުރުން 58 ވަނަ ގޯލްޑެން ގްލޯބްސްގެ ދެ އެވޯޑަކާއި ހަތަރު ބަފްޓާ އެވޯޑް ލިބިފައިވެ އެވެ.

"ޕްރޮމީތިއަސް" އާއި "އޭލިއެން" އަދި "ބްލޭޑް ރަނާ" ފަދަ މޮޅެތި ފިލްމުތައް ގެނެސް ދިން ރިޑްލީ، 80، އެންމެ ފަހުން ބެލުންތެރިންނަށް ގެނެސް ދިނީ މިދިޔަ އަހަރު ރިލީޒް ކުރި "އޯލް ދަ މަނީ އިން ދަ ވޯލްޑް" އެވެ.