ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދި، 2017 ގެ ކާމިޔާބު އެނިމޭޓެޑް ފިލްމު "ދަ ބޮސް ބޭބީ" ގެ ސީކްއެލް "ދަ ބޮސް ބޭބީ: ފެމިލީ ބިޒްނަސް" ރިލިޒްކުރުން ފަސްކޮށްފި އެވެ.
މިކަން ހިއްސާކޮށް ޑްރީމްވޯކްސް އެނިމޭޝަނާއި ޔުނިވާސަލް ޕިކްޗާއިން ބުނީ ކުރިން އަންނަ މާޗް މަހުގެ 26 ގައި ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި އޮތް ފިލްމު، ބެލުންތެރިންނާ ހަމައަށް އަންނާނީ ސެޕްޓެމްބަރު 17 ގައި ކަމަށެވެ.
"ދަ ބޮސް ބޭބީ: ފެމިލީ ބިޒްނަސް" ރިލީޒްކުރުން ފަސްކުރި މައިގަނޑު އެއް ސަބަބަކީ ކޮވިޑް-19 ގެ ސަބަބުން ހުއްޓުމަކަށް އައި ސިނަމާތަކުގެ ވިޔަފާރި މަޑުމަޑުން މިހާރު ހިނގަން ފެށި ނަމަވެސް ބަލީގެ ހާލަތު މުޅި ދުނިޔޭގައި އަދިވެސް ގޯސްކޮށް އޮތުމެވެ. އެހެންވެ އަހަރުގެ ފަހުކޮޅަށް ފިލްމު ތާވަލުކުރުމުން ހާލަތަށް އަންނަ ބަދަލުތައް ވަޒަންކޮށްލަން ގިނަ ވަގުތު ޔުނިވާސަލް އާއި ޑްރީމްވޯކްސް އެނިމޭޝަނަށް ލިބޭނެ އެވެ.
އެ ފިލްމު ރިލީޒްކުރުން ފަސްކުރި އިރު ޔުނިވާސަލް އިން ވަނީ ސެޕްޓެމްބަރު 17 އަށް ތާވަލުކޮށްފައި އޮތް "ބޭޑް ގާއިޒް" އަންނަ އަހަރަށް ފަސްކޮށްފަ އެވެ. އެކަމަކު އަދި ސީދާ ވަކި ތާރީހެއް ނުނިންމަ އެވެ.
ދެހާސް ސަތާރައިގައި ގެނެސްދިން "ދަ ބޮސް ބޭބީ" އަކީ އޮސްކާ އެވޯޑްސްގެ އެންމެ މޮޅު އެނިމޭޓެޑް ފިލްމަށް ވެސް ވާދަކުރި ފިލްމެކެވެ. އޭގެ ކާމިޔާބީއާ ގުޅިގެން ސީކްއެލް ވެސް ގެނެސްދެނީ ފުރަތަމަ ބައި ޑައިރެކްޓްކުރި ޓޮމް މެކްގްރެތެވެ.
"ދަ ބޮސް ބޭބީ" ގެ ޓައިޓްލް ކެރެކްޓާ އަށް އަޑު އަޅައިދިނީ އެލެކް ބޯލްޑްވިން އެވެ. ""ދަ ބޮސް ބޭބީ: ފެމިލީ ބިޒްނަސް" އިން ވެސް އޭނާގެ އަޑު އިވިގެން ދާނެ އެވެ. ކުރީގެ ފިލްމަށް އަޑު އަޅައިދިން ފަންނާނުންގެ ތެރޭގައި މަޝްހޫރު ހޯސްޓް ޖިމީ ކިމެލް އާއި "ފްރެންޑްސް" ގެ ބަތަލާ ލީޒާ ކުޑްރޯ، ސްޓީވް ބުޒެމީ، ކޮންރެޑް ވާނަން އަދި ވޯލްޓް ޑޯން ފަދަ ފަންނާނުން ހިމެނެ އެވެ.
"ދަ ބޮސް ބޭބީ" އަކީ ބޮކްސް އޮފީހުގައި 528 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ފިލްމެކެވެ. ފިލްމު ހެދީ 125 މިލިއަން ޑޮލަރުގެ ބަޖެޓަކުންނެވެ.
"ބޮސް ބޭބީ" އަށް ލިބުނު ތަރުހީބާ ގުޅިގެން "ދަ ބޮސް ބޭބީ: ބެކް އިން ބިޒްނެސް" ގެ ނަމުގައި ޑްރީމްވޯކްސް އެނިމޭޝަން ޓީވީން ސީރީޒެއް ހަދައި ހަތަރު ސީޒަނަކަށް އެ ސީރީޒް 2018 ގައި ނެޓްފްލިކްސް އިން ގެނެސްދީފައިވެ އެވެ. އޭގައި ޖުމްލަ 50 އެޕިސޯޑް ހިމެނެ އެވެ.