ބޮކްސް އޮފީހުގައި ވެރިކަންކުރަނީ "ބޮސް ބޭބީ"

މިދިޔަ މަހުގެ 23 ގައި ރިލީޒް ކުރި ޑްރީމް ވާކްސްގެ އެނިމޭޓެޑް ފިލްމް "ބޮސް ބޭބީ" ބޮޑެތި އެހެން ފިލްމުތަކުގެ މައްޗަށް ކުރި ހޯދައި ނޯތު އެމެރިކާގެ ބޮކްސް އޮފީހުގެ ވެރިކަންކުރަން ފަށައިފި އެވެ.


ޓޮމް ގްރެތު ޑައިރެކްޓްކޮށްފައިވާ މި ފިލްމަށް މިހަފު ބަންދުގައި ވަނީ 49 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފަ އެވެ. ފިލްމަށް މިހާތަނަށް ވަނީ ޖުމްލަ 108 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފަ އެވެ.

ބޮކްސް އޮފީހުގައި "ބޮސް ބޭބީ" ގަދަފަދަކަން ދައްކަމުން އަންނަ އިރު، މި ފިލްމްވެގެން ގޮސްފައި ވަނީ ކްރިޓިކުންނަށް ވެސް ވަރަށް ކަމުދިޔަ ފިލްމަކެށެވެ. ގިނަ ކްރިޓިކުން ވަނީ މީގެ ކޮންސެޕްޓަށާއި، ކެރެކްޓާތަކަށް އަޑު އަޅައި ދީފައިވާ ފަންނާނުންނަށް ވަރަށް ބޮޑަށް ތައުރީފްކޮށްފަ އެވެ.

ހާއްސަ ޓައިޓްލް ކެރެކްޓާ ބޭބީ ބޮސްގެ އަށް އަޑު އަޅައި ދިން، އެލެކް ބޯލްޑްވިން ތައުރީފް އޮއްސާލައިފައިވެ އެވެ.

"ބޮސް ބޭބީ" އަށް އަޑު އަޅައި ދީފައިވާ ފަންނާނުންގެ ތެރޭގައި މަޝްހޫރު ޓީވީ ހޯސްޓް ޖިމީ ކިމެލް، ސްޓީވް ބުސޭމީ އަދި ޓޮބީ މެގްއާ ހިމެނެ އެވެ.

މި ފިލްމުގެ ފަހަތުން ބޮކްސް އޮފީހުގެ ދެވަނާގައި އޮތީ ޑިސްނީގެ "ބިއުޓީ އެންޑް ދަ ބީސްޓް" އެވެ. ފެބްރުއަރީ މަހުގެ 23 ގައި ރިލީޒް ކުރި މި ފިލްމަށް، މި ހަފުތާ ބަންދުގައި އެކަނި ވެސް 47.9 މިލިއަން ޑޮލަރު ލިބިފައިވާ އިރު، ފިލްމުގެ އާމްދަނީ މިހާރު ވަނީ 395.5 މިލިއަން ޑޮލަރަށް އަރައިފަ އެވެ.

ޗާޓްގެ ތިން ވަނާގައި އޮތީ ސްކާލެޓް ޖޮހަސަންގެ "ގޯސްޓް އިން ދަ ޝެލް" އެވެ. ޕެރަމައުންޓް މިދިޔަ މަހުގެ 16 ގައި ރިލީޒް ކުރި މި ފިލްމް ޗާޓްގެ ތިން ވަނާގައި އޮތީ 19 މިލިއަން ޑޮލަރުގެ އާމްދަނީއަކާ އެކުގަ އެވެ.

"ބޮސް ބޭބީ" ގެ ޓްރެއިލާއެއް.

ނައޯމީ ސްކޮޓާއި އެލިޒަބަތު ބޭންކްސް ފަދަ ތަރިން ފެނިގެންދާ "ޕަވަ ރޭންޖާސް" ޗާޓްގެ ހަތަރު ވަނާގައި އޮތީ 14.5 މިލިއަން ޑޮލަރުގެ އާމްދަނީއަކާ އެކުގަ އެވެ.

ޓޮމް ހިޑެލްޓަންގެ "ކޮން: ދަ ސްކަލް އައިލެންޑް" ރިލީޒް ކުރިތާ ހަތަރު ހަފުތާވީ އިރު، މި ފިލްމް ޗާޓްގެ ހަތަރު ވަނާގައި އޮތީ މި ހަފުތާ ބަންދުގައި ލިބުނު 8.8 މިލިއަން ޑޮލަރާ އެކުގަ އެވެ. މި ފިލްމަށް މިހާތަނަށް ވަނީ 477.3 މިލިއަން ޑޮލަރު ލިބިފަ އެވެ.