މި އަހަރު ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ފުރަތަމަ ފިލްމަކަށް މަޝްހޫރު ވީޑިއޯ ގޭމް ކުންފުނި ނިންޓެންޑޯގެ ގޭމަށް ބިނާކޮށް އުފައްދާފައިވާ އެނިމޭޓެޑް ފިލްމު "ދަ ސުޕަ މާރިއޯ ގެލެކްސީ މޫވީ" ވެއްޖެ އެވެ.
ޔުނިވާސަލް ޕިކްޗާސް އާއި އިލްމިނޭޝަން ސްޓޫޑިއޯ އަދި ނިންޓެންޑޯ ގުޅިގެން ނެރުނު އެ ފިލްމަށް ފާޑުކިޔުންތެރިންގެ ފަރާތުން އެކި ކަހަލަ ހިޔާލުތައް ލިބުނު ނަމަވެސް، ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދައި ބޮޑު ކާމިޔާބީއެއް ވަނީ ހާސިލުކޮށްފަ އެވެ.
ހޮލީވުޑް ރިޕޯޓާގައި ބުނި ގޮތުގައި، އެ ފިލްމަށް މިހާތަނަށް އެމެރިކާގެ ބޮކްސް އޮފީހުގައި އެކަނި ވެސް 428.5 މިލިއަން ޑޮލަރު ލިބިފައިވާއިރު، ދުނިޔޭގެ ބޮކްސް އޮފީހުގައި 571.5 މިލިއަން ޑޮލަރު ލިބިފައިވެ އެވެ.
އެއާ އެކު، އެ ފިލްމު ވެފައި ވަނީ ތާރީހުގައި ވެސް ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ހޯދި ވީޑިއޯ ގޭމް އެޑަޕްޓޭޝަނަށެވެ. އެ ލިސްޓުގެ އެއްވަނައިގައި އޮތީ، 1.36 ބިލިއަން ޑޮލަރާ އެކު، 2023 ވަނަ އަހަރު ނެރުނު މީގެ ކުރީގެ ފިލްމު "ދަ ސުޕަ މާރިއޯ ބްރަދާސް މޫވީ" އެވެ.
އެ ދެ ފިލްމާ އެކު ސުޕަ މާރިއޯ ފްރެންޗައިޒް ވަނީ ދުނިޔޭގެ އެންމެ ކާމިޔާބު އެނިމޭޓެޑް ފްރެންޗައިޒްތަކުގެ ނުވަ ވަނައަށް އަަރައިފަ އެވެ. އެ ދެ ފިލްމުން ޖުމްލަ 2.3 ބިލިއަން ޑޮލަރުގެ ޓިކެޓް ވަނީ ވިކިފަ އެވެ. ދުނިޔޭގެ އެންމެ އާމްދަނީ ބޮޑު އެނިމޭޓެޑް ފްރެންޗައިޒްގެ ގޮތުގައި އަދިވެސް އޮތީ 5.64 ބިލިއަން ޑޮލަރާ އެކު "ޑެސްޕިކަބަލް މީ" އެވެ.
"ދަ ސުޕަ މާރިއޯ ގެލެކްސީ މޫވީ" ބިނާކޮށްފައި ވަނީ މާރިއޯ އާއި އޭނާގެ ބައިވެރިން ކަމަށްވާ ލުއީޖީ، ޔޯޝީ، ބައުޒާ އަދި ޕްރިންސަސް ޕީޗް، ބައުޒާ އަދި އޭނާގެ ދަރިފުޅު ބައުޒާ ޖޫނިއާގެ ކިބައިން ޕްރިންސަސް ރޮސާލީނާ ސަލާމަތްކުރުމަށް ފަށާ ފަޒާގެ ދަތުރެއްގެ މައްޗަށެވެ.
މާރިއޯގެ ރޯލަށް އަޑު އަޅާފައި ވަނީ ހޮލީވުޑްގެ އެކްޓަރު ކްރިސް ޕްރެޓެވެ. އަދި ޕްރިންސަސް ޕީޗުގެ ރޯލަށް އަޑު އަޅާފައި ވަނީ އަންޔާ ޓޭލާ-ޖޯއި އެވެ.
އެ ފިލްމު ޑައިރެކްޓްކޮށްފައި ވަނީ އެއަރޮން ހޯވަތު އަދި މައިކަލް ޖެލެނިކް އެވެ. އަދި ސްކްރީންޕްލޭ ލިޔެފައި ވަނީ މެތިއު ފޯގަލް އެވެ.
ލަޔަންސްގޭޓް އާއި ޔުނިވާސަލް ގުޅިގެން އުފައްދާފައިވާ މައިކަލް ޖެކްސަންގެ ބަޔޮޕިކް ފިލްމު "މައިކަލް" ވެސް މިހާރު އަންނަނީ އެއް ބިލިއަން ޑޮލަރުގެ އާމްދަނީއަކާ ގާތްކުރަމުންނެވެ. އެ ފިލްމަށް މިހާތަނަށް ދުނިޔޭގެ ބޮކްސް އޮފީހުގައި 888 މިލިއަން ޑޮލަރު ލިބިފައިވެ އެވެ.