ސީޒަންގެ "ފިނިފެންމާ: ގައްދާރުވީ ކާކު؟" މަޑުޖައްސާލާފައި

މި އަހަރު ސިނަމާ އަށް ގެންނާނެ ކަމަށް ބުނެ، އެކްޓަރު އަލީ ސީޒަން އިއުލާން ކުރި ފިލްމު "ފިނިފެންމާ: ގައްދާރުވީ ކާކު؟" ގެ މަސައްކަތް މި ވަގުތަށް މަޑުޖައްސާލައި އިތުރު އެހެން ޕްރޮޖެކްޓްތަކަށް ތައްޔާރުވަމުން އަންނަ ކަމަށް ސީޒަން ބުނެފި އެވެ.


އޭނާ ބުނީ ރައީސް އަބްދުﷲ ޔާމީން ދަތުރު ކުރެއްވި "ފިނިފެންމާ" ލޯންޗް ގޮއްވައިލި ހާދިސާ އަށް ބިނާކޮށް ހަދަން ނިންމި ފިލްމު އަދިވެސް އޮތީ ސްކްރިޕްޓިން މަރުހަލާގައި ކަމަށެވެ.

"އެ ހާދިސާގެ ތަހުގީގުތަކެއް އަދި ކުރިއަށް ވެސް ހުރިކަން އެނގިފައި އޮތީމަ މި ވަގުތަށް ފިލްމު އޮތީ މަޑުޖައްސާލާފައި. ބޭނުންވަނީ އެ ހާދިސާގެ ވަރަށް ވެސް ގިނަ އިންފޮމޭޝަންތައް ލިބިގެން، ރިސާޗްތަކެއް ވެސް ހަދައިގެން ފިލްމު ހަދަން،" 2016 ގައި "ވަތާފެރި ކެހިވެރިޔާ" ގެނެސް ދިން ޑައިރެކްޓަރު ބުންޏެވެ. "ބޭނުމެއް ނޫން ކުޅޭކުޅޭ ގޮތަކަށް މި ފިލްމު ހަދާކަށް."

ސީޒަން ބުނި ގޮތުގައި "ފިނިފެންމާ: ގައްދާރުވީ ކާކު؟" ގެ މަސައްކަތް ފަށާނީ އޭގެ ސްކްރިޕްޓް ބޭނުންވާ ފެންވަރަށް ފައްކާ ކުރެވެމުންނެވެ.

"އެހެންވީމަ ފިލްމުގެ އަމަލީ މަސައްކަތް ފެށޭނެ އިރެއް ބުނާކަށް އަސްލު ނޭނގޭ. ހަގީގަތުގައި މިއީ އަހަރެން ވަރަށް ހަދަން ބޭނުންވާ ފިލްމެއް. އެހެންވީމާ އެކަމަށް ވަރަށް ބޮޑަށް ތައްޔާރުވެގެން މަސައްކަތް ފަށައިގަންނާނީ،" އަންނަަ އަހަރު ރިލީޒް ކުރާ "40+" އެކްޓަރު ބުންޏެވެ. "ކޮންމެ ގޮތެއް ވިޔަސް އެބަޖެހޭ ފިނިފެންމާ ހާދިސާގެ ތަހުގީގަށް ވާ އެއްޗެއް ބަލަން ވެސް. މި ހުރިހާ ކަމަކަށް ބަލައިފައި ފިލްމު ހެދީމަ ނޫނީ މީތި އެއްޗަކަށް ނުވާނެ ކަންނޭނގޭ."

ސީޒަން ކުރިން ބުނެފައިވާ ގޮތުގައި ބޮޑު ބަޖެޓަކުން ހަދާ "ފިނިފެންމާ: ގައްދާރުވީ ކާކު؟" މި އަހަރުގެ ރޯދައިގެ ފަހުން ރަސްމީކޮށް ލޯންޗްކޮށް، އަހަރުގެ ފަހުކޮޅު ސިނަމާ ގެންނާނެ އެވެ.

"މި ފިލްމަށް ވަރަށް ވަގުތު ވެސް ނަގާނެތީ، މިއަށް މަޑުކޮށްގެން ނުހުރެ އިތުރު ޕްރޮޖެކްޓްތަކެއް ވެސް ފަށަން ތައްޔާރުވަމުން މި އަންނަނީ،" އޭނާ ބުންޏެވެ. "ބައެއް މަސައްކަތްތައް މިހާރު ވެސް ކުރިއަށް އެބަދޭ. އެކަމަކު އަދި މީޑިއާ ޝެއާ ކުރަން ތަންކޮޅެއް އަވަސް."