ރިލީޒް ކުރުމުގެ ކުރިން ރަޖުނީކާންތުގެ "2.0" ހަރަދުގެ ބޮޑު ބައެއް ކަވަރުކޮށްފި

ބޮޑު ބަޖެޓަކުން ހަދައި މި މަހުގެ 8 ވަނަ ދުވަހު ރިލީޒްކުރި ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ "ތަގްސް އޮފް ހިންދުސްތާން" އަށް ބޮކްސް އޮފީހުގައި ކުރިމަތިލާން ޖެހުނު މާލީ ދަތިކަމާ އެކު، ގިނަ ބަޔަކު މިހާރު ތިބީ ރަޖްނީކާންތުގެ "2.0" އަށް ވާނެ ގޮތަކާ ދޭތެރޭ ސުވާލު އުފައްދައިގެންނެވެ.


ޝަންކަރު ޑައިރެކްޓްކޮށްފައިވާ މި ސައިންސް ފިކްޝަން ފިލްމަކީ އިންޑިއާގައި މިހާތަނަށް ހެދި އެންމެ އަގު ބޮޑު ފިލްމެވެ.

ފިލްމުގެ ޓްރެއިލާ ލޯންޗް ކުރަން ބޭއްވި ހަފުލާގައި ރަޖްނީކާންތު ބުނީ "2.0" އަށް 600 ކްރޯޑް ރުޕީސްއާ ގާތްކުރާ އަދަދެއްގެ ބަޖެޓެއް ހަރަދުވި ކަމަށެވެ. އެކަމަކު ފިލްމުގެ ރަސްމީ ބަޖެޓްގެ ގޮތުގައި ވިކިޕީޑިއާގައި ހިމަނާފައި ވަނީ 543 ކްރޯޑް ރުޕީސް (75 މިލިއަން ޑޮލަރު) އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ފިލްމު ސިނަމާތަކުގައި ރިލީޒްކޮށްގެން، އުންމީދުކުރާ ވަރުގެ އާމްދަނީއެއް ނުލިބުނަސް، "2.0" ގެ ޓީމަށް މިހާރު މާ ބޮޑު ހާސްކަމެއް ނެތެވެ. އެއީ ފިލްމަށް ކުރި ހަރަދުން ދެބައިކުޅަ އެއްބަޔަށް ވުރެ ބޮޑުބައި މިހާރު ވެސް ކަވަރުވެފައި އޮތުމެވެ.

އަކްޝޭގެ ޓްވީޓެއް.

އެގޮތުން ފިލްމުގެ ސެޓްލައިޓް ރައިޓްސް 120 ކްރޯޑް ރުޕީސް އަށް ވިއްކާލައިފައިވާ އިރު، ޑިޖިޓަލް ރައިޓްސް ވިއްކައިލީ 60 ކްރޯޑަށެވެ. މީގެ އިތުރުން އިންޑިއާގެ އުތުރުގައި ދައްކަން "2.0" ގެ ޑިސްޓްރިބިއުޝަން ރައިޓްސް 80 ކްރޯޑް ރުޕީސް އަށް ވިއްކައިލި އިރު، އަންދުރަޕްރަދޭޝް އާއި ތެލަންގަނާ ސްޓޭޓަށް ފިލްމުގެ ޑިސްޓްރިިބިއުޝަން ރައިޓްސް ވިއްކައިލީ 70 ކްރޯޑަށެވެ.

މީގެ އިތުރުން ކަރުނަޓާކާ އަށް 25، ކްރޯޑަށް ޑިސްޓްރިބިއުޝަން ރައިޓްސް ވިއްކައިލި އިރު، ކެރެލާގެ ރައިޓްސް ދޫކޮށްލީ 15 ކްރޯޑަށެވެ. މި ހުރިހާ އަދަދެއް އެއްކޮށްލުމުން، ރިލީޒް ކުރުމުގެ ކުރިން "2.0" އަށް ވަނީ ޖުމްލަ 370 ކްރޯޑް ރުޕީސް ލިބިފަ އެވެ.

އެހެންވެ ސިނަމާތަކުގައި ދައްކައިގެން ފިލްމަށް މިހާރު ހޯދަން މަޖުބޫރު ވަނީ ބާކީ އިން 173 ކްރޯޑެވެ. ޔަގީންވާ ކަމަކީ އެ ވަރުގެ އާމްދަނީ "2.0" އަށް ހޯދަން މާ ބޮޑު ކަމަކަށް ނުވާނެ އެވެ.

"2.0" ގެ ޓްރެއިލާ.

އެކަމަކު ފާހަގަ ކުރަން ޖެހޭ ކަމަކީ މި މަހުގެ 29 ގައި ރިލީޒް ކުރާ މި ފިލްމުގެ ފުރަތަމަ ޝޯ ބަލައިފައި ކްރިޓިކުންނާއި އާންމުން ދައްކާ ވާހަތަކުން ފިލްމުގެ ވިޔަފާރި ކުރިއަށް ދާނެ ގޮތް ލަފާކޮށްލެވޭ ކަމެވެ. އެހެންވެ މުޅި އިންޑިއާ މިހާރު އޮތީ 29 ގައި "2.0" ކުރިމަތިލާން އިމްތިހާނުން ނެރޭ ނަތީޖާއަކީ ކޮބައިކަން ބަލަން ކެތްމަދުވެފަ އެވެ.

އާމިރު ހާނާއި އަމީތާބް ބައްޗަން އެކުގައި ކުޅުނު ފުރަތަމަ ފިލްމު "ތަގްސް އޮފް ހިންދުސްތާން" ކުރިމަތިލާން ޖެހުނު ފަދަ ލަދުވެތިކަމަކުން ސަލާމަތްވާން "2.0" ގެ ޓީމުން މިހާރު އަންނަނީ ލައްކަ މަސައްކަތް ކުރަމުންނެވެ. އެގޮތުން ފިލްމު ޕްރޮމޯޓް ކުރަން ސޯޝަލް މީޑިއާގައި ކުރާ ކެމްޕޭންތައް ގިނަ އެވެ.

"2.0" އަކީ 2010 ގައި ޝަންކަރު، ރަޖްނީކާންތާއި އައިޝްވާރިޔާ ރާއީ ލީޑް ރޯލަށް ލައިގެން ގެނެސް ދިން އެންދިރަމް (ރޮބޮޓް) ގެ ދެވަނަ ބައެވެ.

މި ފަހަރު ފިލްމުގެ މައިގަނޑު ތަރިންނަކީ ރަޖްނީކާންތާއި އަކްޝޭ ކުމާރާއި އެމީ ޖެކްސަން އެވެ. އަދި ފިލްމުގެ ހާއްސަ ފެނިލުމަކުން އައިޝްވާރިޔާ ވެސް ފެނިގެން ދާނެ އެވެ.