އެމްއެފްއޭގެ ޗެއާޕާސަންގެ މަގާމަށް ސީޒަނާއި މާސްކޭ ވާދަކުރަނީ

މޯލްޑިވްސް ފިލްމު އެސޯސިއޭޝަން (އެމްއެފްއޭ) ގެ އާ ބޯޑަށް މެމްބަރުން ހޮވަން އިންތިހާބަށް ހުޅުވާލައި، ވާދަކުރަން ދިން ސުންގަޑި ހަމަވި އިރު އެކްޓަރު އަލީ ސީޒަނާއި ކެމެރާމަން ޝިވާޒް (މާސްކޭ) އަބްދުﷲ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލައިފި އެވެ.


ވައިސް ޗެއާޕާސަންގެ މަގާމަށް ވެސް ދެ މީހަކު ކުރިމަތިލައިފައިވާ އިރު، އޭގެ ތެރެއިން އެކަކީ ދައުރުވި ހަމަވި ބޯޑުގެ ވައިސް ޗެއާގެ މަގާމުގައި ހުރި އެކްޓަރު އަބްދުﷲ (މުއާ) މުއާޒާއި ކުރިން ވައިސް ޗެއާގެ މަގާމުގައި ހުރުމަށް ފަހު، ވަގުތު ދެވެން ނެތިގެން މަގާމުން އިސްތިއުފާ ދިން މަޝްހޫރު ބަތަލާ ނިއުމާ މުހައްމަދެވެ.

އެމްއެފްއޭގެ ބޯޑުގެ ވައިސް ޗެއާއަކަށް މުއާ އޭރު އިންތިހާބުވީ މިދިޔަ އަހަރު ނިއުމާ މަގާމުން އިސްތިއުފާ ދިނުމުން މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ބައި-އިލެކްޝަން ބާއްވަން ނިންމައި ކުރިމަތިލާން ހުޅުވައިލުމުން މުއާ އާއި ޕްރޮޑިއުސަރު/ޑައިރެކްޓަރު ފާތުމަތު ނަހުލާ ނަން ހުށަހެޅުމަށް ފަހު، ނަހުލާ ނަން ނެގުމާ ގުޅިގެންނެވެ.

އާ ބޯޑްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ކުރިމަތިލާފައި ވަނީ އެންމެ މީހެކެވެ. އެއީ މަޝްހޫރު އެކްޓަރު (ޔޫއްޕެ) ޝަފީއު އެވެ. އެ މަގާމަށް އޭނާ އެކަނި ކުރިމަތިލާފައިވާތީ އިންތިހާބަކާ ނުލައި ޔޫއްޕެ އަށް މިހާރު ވެސް ވަނީ އެ މަގާމު ކަށަވަރުވެފަ އެވެ.

ޔޫއްޕެ ވަނީ އެމްއެފްއޭގެ އާ ބޯޑްގެ އެސްޖީއަކަށް އިންތިހާބުވެފައި.

ބޯޑްގެ އިތުރު މަގާމުތަކަށް ބަލާ އިރު ހަޒާންދާރުގެ މަގާމަށް ވެސް ދެ މީހަކު ވަނީ ކުރިމަތިލައިފަ އެވެ. އެއީ ކުރީގެ ބޯޑްގެ ބޯޑް މެމްބަރުންގެ މަގާމު އަދާކުރި އެކްޓަރު/ފެޝަން ޑިޒައިނަރު ޖާދުﷲ (ޖާދު) އިސްމާއީލާއި އިބްރާހީމް (ރިޔާ) ރިޔާޒް އެވެ.

ބޯޑު މެމްބަރުންނަށް މި ފަހަރު ކުރިމަތިލާފައިވާ މެމްބަރުންނަކީ އެކްޓަރު އަހުމަދު ޒިޔާ، ކުރީގެ ބަތަލާ ވަލީދާ ވަލީދު، ކުރިން ވެސް ބޯޑު މެމްބަރުންގެ ތެރޭގައި ހިމެނުނު އެކްޓަރު މުހައްމަދު މަނިކުގެ އިތުރުން އަލީ ޝާނީޒް އެވެ.

އެމްއެފްއޭގެ އާ ބޯޑަށް މެމްބަރުން ހޮވަން ބާއްވާ އިންތިހާބު އޮންނާނީ މި މަހުގެ 27 ވަނަ ދުވަހުގެ ރޭގަ އެވެ. އިންތިހާބުގައި ވާދަ ކުރަން މި މަހުގެ 5 ގައި ހުޅުވާލައި، ކުރިމަތިލާން ދިން މުއްދަތު ހަމަވީ މި މަހުގެ 15 ވަނަ ދުވަހު އެވެ.

އެމްއެފްއޭގެ އިންތިހާބު މި ފަހަރު ބާއްވަނީ އެކަމަށް އެކުލަވައިލި ފަސް މެމްބަރުންގެ ކޮމިޓީއެއްގެ ބެލުމުގެ ދަށުންނެވެ.

އެ ކޮމިޓީގައި ހިމެނެނީ ފިލްމީ ތަރި މުހައްމަދު (ދަރާ) ރަޝީދު އާއި މަޝްހޫރު ކެމެރާމަން ހަސަން (ކޮކޯ) ހަލީމާއި އިބްރާހީމް (ބުރޯ) ރަޝީދު އާއި މަޝްހޫރު ފޮޓޯގްރާފަރު ނިޝާން (މިލްޒީރޯ) އަދި ކަޅުއޮށް ނަސީރެވެ.

ދައުރު ހަމަވި ބޯޑްގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު (މުހައްމާ) އަބްދުﷲ އެވެ.