"ސްނޯ" އަށް ސޯނަމް ކަޕޫރްގެ ބަދަލުގައި ސޮނާކްޝީ ސިންހާތަ؟

ނިކިލް އަދުވާނީ ޑައިރެކްޓްކުރަން ހަމަޖެހިފައިވާ ފިލްމު "ސްނޯ" ގެ ބަތަލާގެ ރޯލް ސޮނާކްޝީ ސިންހާ އަށް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.


ނަމަވެސް ފިލްމަށް ސޮއިކުރިކަން ކަށަވަރުކޮށް ދޭން ސޮނާކްޝީ ވަނީ އިންކާރުކޮށްފަ އެވެ.

"އަހަރެން ސޮއިކުރާ ފިލްމެއްގެ ވާހަކަ އޭގެ ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުން ރަސްމީކޮށް މީޑިއާތަކާ ހިއްސާކުރުމުގެ ކުރިން އަހަރެން އެ ފިލްމެއްގެ ވާހަކައެއް ދައްކައެއް ނޫޅެން،" ނޫސްވެރިން ސުވާލު ކުރުމުން އޭނާ ބުންޏެވެ. "އަހަރެން ގަބޫލުކުރާ ގޮތުގައި އެ ވާހަކަ ފުރަތަމަ ދެއްކުމުގެ ހައްގު އޮންނާނީ ޕްރޮޑިއުސަރާއި ޑައިރެކްޓަރަށް."

ކްރައިމް ތުރިލާ "ސްނޯ" ސޮނާކްޝީ އަށް ހުށަހެޅި ކަމުގެ އަޑުތަކެއް ފެތުރިފައި މި ވަނީ އެ ފިލްމުގެ ބަތަލާގެ ރޯލުން ފެންނާނީ ސޯނަމް ކަޕޫރް ކަމަށް ދާދި ފަހުން މީޑިއާތަކުން ރިޕޯޓްކޮށްފައި ވަނިކޮށެވެ. މި ފިލްމަކީ ނިކިލް ހަދަން ހިތުލައިގެން އުޅޭތާ މިހާރު އަހަރުތަކެއްވެފައިވާ ފިލްމެކެވެ

"ސްނޯ" އަކީ އަންހެން ފުލުހެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. ރިޕޯޓްތައް ބުނާ ގޮތުން ނިކިލް މިހާރު ހަދަމުން އަންނަ ފިލްމު "ބަތުލާ ހައުސް" އަށް ފަހު އޭނާ ދެން ޑައިރެކްޓް ކުރާނީ "ސްނޯ" އެވެ.

ޖޯން އަބްރަހަމް އާއި މުރްނާލް ތާކޫރް ލީޑް ރޯލް ކުޅޭ "ބަތުލާ ހައުސް" ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އޮގަސްޓ، 15، 2019 ގަ އެވެ.

ސޮނާކްޝީގެ ކުރިއަށް އޮތް ފިލްމަކީ ބޮޑު ކާސްޓަކާ އެކު އަންނަ އަހަރުގެ އެޕްރީލް 19 ގައި ރިލީޒް ކުރާ އަބީޝެކް ވަރްމަންގެ ޕީރިއަޑް ޑްރާމާ "ކަލަންކް" އެވެ. އަދި އޮގަސްޓް 15 ގައި ރިލީޒް ކުރާ "މިޝަން މަންގަލް" އިން ވެސް އޭނާ ފެނިގެން ދާނެ އެވެ.

ސޮނާކްޝީ އެންމެ ފަހުން ފެނިފައި ވަނީ އޮގަސްޓް މަހު ރިލީޒް ކުރި "ހެޕީ ޕިރް ބާގް ޖާއޭގީ" އިންނެވެ.

މި އަހަރު "ޕެޑްމޭން" އާއި "ސަންޖޫ" ގެ އިތުރުން "ވީރޭ ދީ ވެޑިން" އިން ފެނިގެން ދިޔަ ސޯނަމް ދެން އެންމެ އަވަހަށް ފެނިގެން ދާނީ އަންނަ ފެބްރުއަރީ 1 ގައި ރިލީޒް ކުރާ "އޭކް ލަޅްކީ ކޮ ދޭކާ ތޮ އޭސާ ލަގާ" އިންނެވެ. އޭނާގެ ކުރިއަށް ހުރި އިތުރު ފިލްމުތަކުގެ ތެރޭގައި "ޒޯޔާ ފެކްޓާ" ފާހަގަކޮށްލެވެ އެވެ.