ކަޕިލް ޝަރުމާގެ މަގުބޫލު ޝޯ "ދަ ކަޕިލް ޝަރުމާ ޝޯ" އާ އެކު އޭނާ މިހާރު އަންނަނީ ބެލުންތެރިން ހެއްވަމުންނެވެ. މިދިޔަ މަހުގެ 29 ވަނަ ދުވަހުގެ ރޭ ދައްކަން ފެށި، މި ޝޯގެ އާ ސީޒަނާ އެކު، ވަރަށް ގިނަ ބަޔަކު އަންނަނީ ކަޕިލްގެ އެނބުރި އައުމަށް ތައުރީފު ކުރަމުންނެވެ.

އެގޮތުން ކަޕިލްގެ ޝޯ ކުއްލި ގޮތަކަށް ހުއްޓައިލަން ޖެހުމުން އަހަރަކަށް ވުރެ ގިނަ ދުވަހަށް، ފޫހިވެފައި ތިބި އޭނާގެ އެތަކެއް މިލިއަން ފޭނުންގެ މޫނުމައްޗަށް "ދަ ކަޕިލް ޝަރުމާ ޝޯ" އިން އަލުން ވަނީ ހިނިތުންވުން ގެނެސް ދީފަ އެވެ. މި ޝޯ އަށް ބަލާ އިރު، މިހާރު ވެސް ގެނެސްދެނީ ހަމަ ކުރީގެ ފޯމެޓަށެވެ.

ތަފާތަކީ ޝޯގައި ކުރިން އުޅުނު ބައެއް މޫނުތައް މިހާރު ނެތުމެވެ. އޭގެ ތެރޭގައި ކުރިން "ދަ ކަޕިލް ޝަރުމާ ޝޯ" ގައި ޑރ. މަޝްހޫރު ގުލާޓީގެ ކެރެކްޓާގެ އިތުރުން ވެސް ތަފާތު ކެރެކްޓާތަކުން ބެލުންތެރިން ލޯބި ހޯދި ސުނިލް ގްރޯވާ އާއި ނާނީގެ ރޯލް ކުޅުނު އަލީ އަސްގަރު ހިމެނެ އެވެ.

މި ފަހަރު ޝޯގައި ވެސް ކަޕިލްއާ އެކު ކުރިން ވެސް ފެނުނު ކިކޫ ޝްރަދާ، ޗަންދަން ޕްރަބާކަރް އަދި ސުމޯނާ ޗަކްރަވަތީ ފަދަ ފަންނާނުން ފެނިގެން ދެ އެވެ. އަދި މި ފަހަރު ބާރުތީ ސިންގް އާއި ކުރުޝްނާ އަބީޝެކް ވެސް ޝޯގެ ފަޅުކަން އަންނަނީ ފިލުވައި ދެމުންނެވެ.

ހަމަމިއާ އެކު ޝޯގެ ސްޓޭޖް ކުރިމަތީގައި "ތަހުތަކަށް ވެޑުވިގެން" ހޭން އިންނަ ކުރީގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ އަދި ޕަންޖާބްގެ ލޯކަލް ގަވަރަމަންޓްގެ ޓޫރިޒަމް، ކަލްޗްރަލް އެފެއާޒް އެންޑް މިއުޒިއަމް މިނިސްޓަރު ނަވްޖޯތު ސިންގް ސިދޫ ވެސް އަންނަނީ ބައިވެރިވަމުންނެވެ. އެހެންވެ މި ހުރިހާ އެންމެންނާ އެކު ކަޕިލްގެ ޝޯ ބެލުންތެރިން ވަނީ ބަލައިގެންފަ އެވެ.

ކޮންމެ ހަފުތާއެއްގެ ހޮހިނިރާއި އާދީއްތަ ދުވަހުގެ ރޭ "ދަ ކަޕިލް ޝަރުމާ ޝޯ" ގެ އެޕިސޯޑްތަކެއް ސޮނީ ޓީވީން ގެނެސް ދޭނެ އެވެ.

ދެން އޮތީ ސުނިލްގެ ޝޯގެ ވާހަކަ އެވެ.

އޭނާ މިހާރު އަންނަނީ "ކާންޕޫރް ވާލޭ ކުރާނާސް" ގެ ނަމުގައި ސްޓާ ޕްލަސް އިން ކޮމެޑީ ޝޯއެއް ގެނެސް ދެމުންނެވެ. މިދިޔަ މަހުގެ 15 ދައްކަން ފެށި މި ޝޯއަކީ ކަޕިލްގެ ޝޯއާ ދާދި ހަމަ އެއްކަހަލަ ގޮތަކަށް ގެނެސްދޭ ޝޯއެކެވެ. ޝޯގެ ސެޓިން ވެސް ހަމަ ދާދި އެއްގޮތެވެ. މީގެ މުހިއްމު ބައިވެރިންނަށް ބަލާއިރު އަލީ އާއި "ދަ ކަޕިލް ޝަރުމާ ޝޯ" ގައި އުޅުނު އުޕަސާނާ ސިންގް އަދި ސުގަންދާ މިޝްރާ ސުނިލްގެ ޝޯ އިން ފެނިގެން ދެ އެވެ.

ޝޯގެ ޕްރެޒެންޓަރަކީ އެކްޓަރު އަޔޫޝްމަން ކުރާނާގެ ކޮއްކޮ އަދި އެކްޓަރު އަޕަރްޝަކްތީ ކުރާނާ އެވެ.

ކަޕިލްގެ ޝޯގައި ސިދޫ އިންނަ ގޮތަށް ސުނިލްގެ ޝޯގައި ސޯފާއަކަށް ފެތިގެން ހޭން އިންނަނީ މަޝްހޫރު ޑައިރެކްޓަރު/ކޮރިއޮގްރާފަރު ފަރާ ހާނެވެ.

ކަޕިލްގެ ޝޯ ފެށުމުގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން ސުނިލްގެ ޝޯ ފެށި ނަމަވެސް، "ދަ ކަޕިލް ޝަރުމާ ޝޯ" ފެށުމާ އެކު، "ކާންޕޫރް ވާލޭ ކުރާނާސް" ގެ މަގުބޫލުކަން ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ.

އަނެއްކޮޅުން ދެ ޝޯ ވެސް ގެނެސް ދެނީ ހަމަ ހަފުތާގެ އެއް ދުވަސްތަކެއްގައި އެއް ގަޑިތަކެއްގައި ކަމަށްވާތީ، ގިނަ ބަޔަކު ސުނިލްގެ ޝޯ އަށް ދޭ ސަމާލުކަން މިހާރު ވަނީ ބޮޑު ތަނުން ކުޑަވެފަ އެވެ. މިކަމާ ގުޅޭ ގޮތުން ހަދާފައިވާ ތަފާތު ޕޯލްތަކުން ދައްކާ ގޮތުގައި، އެ ޕޯލްތަކުގެ ނަތީޖާ އިން ސުނިލްގެ ޝޯ ދައްކަނީ މާ ބޮޑަށް ވެސް ވަނދުކޮށެވެ. އެގޮތުން "ދަ ކަޕިލް ޝަރުމާ ޝޯ" ކަމުދާ ކަމަށް ބުނާ މީހުންގެ ޕަސަންޓޭޖް 70 އިން މަތީގައި ހުރި އިރު، ސުނިލްގެ ޝޯގެ އެވްރެޖް ޕަސެންޓޭޖަކީ 20 އެވެ.

އެހެންވެ މިއިން ދައްކުވައި ދެނީ ކޮމީޑިއަންއެއްގެ ގޮތުގައި ކަޕިލް ފަހަތަށް ޖައްސައިލަން އެހެން ކޮމީޑިއަނުންނަށް އަދިވެސް އުނދަގޫކަމެވެ.