ފަރްހާން އަހްތަރު ބޮކްސިން ކުޅުންތެރިއެއްގެ ރޯލަށް

ފަރުހާން އަހްތަރު "ޑޮން 3" އިއުލާންކުރާނެ ކަމުގެ އުންމީދުގައި ތިއްބައި އަނެއްކާ ވެސް އޭނާ ކުޅޭ ފިލްމެއް އިއުލާންކޮށްފި އެވެ.


ފަރުހާން ސޮއިކުރި ފިލްމަކީ ބޮކްސިން ކުޅުންތެރިއެއްގެ ވާހަކަ ކިޔައިދޭ "ތޫފާން" އެވެ.

މި ފިލްމަކީ އޭނާ 2013 ގައި ކުޅުނު ބައޮގްރަފިކަލް ޑްރާމާ "ބާގް މިލްކާ ބާގް" ގެ ޑައިރެކްޓަރު އޯމް ޕްރަކާޝް މެހެރާ ހަދާ ފިލްމެކެވެ. އިންޑިއާގެ ކުރީގެ އެތުލީޓް މިލްކާ ސިންގްގެ ވާހަކަ ކިޔައިދިން ފިލްމުގައި މިލްކާގެ ރޯލް "ބާގް މިލްކާ ބާގް" ގައި ކުޅެގެން ފަރުހާން ވަނީ އެންމެ މޮޅު އެކްޓަރުގެ ނެޝަނަލް އެވޯޑް ވެސް ހާސިލުކޮށްފަ އެވެ.

އެހެންވެ އަނެއްކާ ވެސް އަލުން މެހެރާގެ ފިލްމެއްގައި މަސައްކަތްކޮށްލަން ލިބުނުނު އުފާ އޭނާ ވަނީ ޓްވިޓާގައި ހިއްސާކޮށްފަ އެވެ. ފަރުހާން ބުނީ ހަ އަހަރު ފަހުން އަނެއްކާ ވެސް މެހެރާއާ އެކު މަސައްކަތްކޮށްލަން ފުރުސަތު ލިބުމުން ވަރަށް އުފާވެއްޖެ ކަމަށާއި މިއީ އަނެއްކާ ވެސް އައު ދަތުރެއް ކަމަށެވެ. އަދި "ތޫފާން" އަކީ ވަރަށް ވެސް ޝައުގުވެރި ބޮކްސިން ކުޅުންތެރިއެއްގެ ވާހަކަ ކިޔައި ދޭނެ ފިލްމަކަށް ވާނެ ކަމަށް ބުންޏެވެ.

މި ފިލްމާ ބެހޭ މާ ބޮޑު ތަފުސީލެއް މެހެރާ އާއި ފަރުހާން ވެސް އަދި ހިއްސާކޮށްފައި ނުވާ އިރު، މުމްބާއީ މިރާ އިން ބުނީ "ތޫފާން" ގެ ސްކްރީންޕްލޭ ލިޔެފައި ވަނީ ރާޖްނީތީ (2010) އާއި ދަ ލެޖެންޑް އޮފް ބަގަތު ސިންގް (2002) އަދި އާރަކްޝަން (2011) ފަދަ ފިލްމުތަކުގެ ސްކްރީން ރައިޓަރު އަންޖުމް ރާޖަބަލީ ކަމަށެވެ.

އެ ނޫހުން ބުނި ގޮތުގައި ފިލްމަށް ތައްޔާރުވުމުގެ ގޮތުން ފަރްހާން ވަރަށް އަވަހަށް ބޮކްސިން ޓްރޭނިން ހަދަން ފަށާނެ އެވެ. އަދި މި އަހަރުގެ މެދު ތެރޭގައި "ތޫފާން" ގެ ޝޫޓިން ފަށާނެ ކަމަށްވެ އެވެ.

ފަރްހާން ދާދި ފަހުން ވަނީ ޕްރިޔަންކާ ޗޯޕްޅާއާ އެކު ކުޅޭ ސޮނާލީ ބޯސްގެ "ދަ ސްކައި އިޒް ޕިންކް" ގެ ޝޫޓިން ނިންމާލައިފަ އެވެ.

"ރަންގް ދެ ބަސަންތީ" ފަދަ ކާމިޔާބު އަދި މޮޅެތި ފިލްމުތައް ގެނެސް ދިން މެހެރާ ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ގެނެސް ދޭނީ އަންނަ މާޗް މަހުގެ 8 ގައި ރިލީޒް ކުރާ "މޭރޭ ޕިޔާރޭ ޕްރައިމް މިނިސްޓާ" އެވެ.

އޭނާ އެންމެ ފަހުން ބެލުންތެރިންނަށް ގެނެސް ދިނީ 2016 ގައި އަނިލް ކަޕޫރްގެ ފިރިހެން ދަރިފުޅު ހާޝްވަރުދަން ކަޕޫރް ބޮލީވުޑަށް ތައާރަފު ކުރި "މިރްޒިޔާ" އެވެ. އެކަމަކު އެއީ ބެލުންތެރިންނަށް އެއްގޮތަކަށް ވެސް ކަމުދިޔަ ފިކްމެއް ނޫނެވެ.