"ދުރަންދަރު"އަށް ލިބުނު ބޮޑު ކާމިޔާބީއަށް ފަހު، ބޮލީވުޑްގެ ތަރި ރަންވީރު ސިންގް "ޑޮން 3" އިން ވަކިވި ކަމުގެ އަޑުތައް ފެތުރިއްޖެ އެވެ.
ބައެއް ރިޕޯޓްތައް ބުނި ގޮތުގައި، ރަންވީރު މިހާރު ބޭނުންވަނީ އޭނާގެ ކުރިއަށް އޮތް ފިލްމު "ޕްރަލޭ" އަށް ފޯކަސް ކުރާށެވެ. އެ ނިންމުމަކީ "ދުރަންދަރު"އަށް ލިބުނު ކާމިޔާބީއާ ގުޅިގެން އޭނާ ނިންމި ނިންމުމެއް ކަމަށް ބެލެވެ އެވެ.
ނަމަވެސް، ބައެއް ނޫސްތަކުގައި ބުނި ގޮތުގައި، ރަންވީރު "ޑޮން 3" އިން ވަކިވީ ޕްރޮޑިއުސަރު ފަރުހާން އަކްތަރާ ދެމެދުގައި ހިޔާލު ތަފާތުވުންތަކެއް އުފެދިގެންނެވެ. ރަންވީރުގެ ކުރިން، އެ ފިލްމުގެ ލީޑް އެކްޓްރެސްއަކަށް ހަމަޖެއްސި ކިއާރާ އަދުވާނީ އާއި ވިލަންގެ ރޯލަށް ހަމަޖެއްސި ވިކްރާންތު މަސީ ވެސް ވަނީ އެ ފިލްމުން ވަކިވެފަ އެވެ.
އެ ތަރިންގެ ވަކިވުމާ އެކު، "ޑޮން 3" ހުއްޓިދާނެ ކަމުގެ ބިރު އޮތް ނަމަވެސް، މިހާރު އަޑު ފެތުރިފައިވާ ގޮތުގައި، ބޮލީވުޑްގެ ސުޕަސްޓާރު ޝާހްރުކް ހާން އަލުން އެނބުރި އައިސް "ޑޮން" ފްރެންޗައިޒް ސަލާމަތްކޮށްދީފާނެ އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، "ޖަވާން"އަށް ލިބުނު ބޮޑު ކާމިޔާބީ އާއި އެ ފިލްމުން ޝާހުއަށް އޭނާގެ ފުރަތަމަ ގައުމީ އެވޯޑް ލިބުމާ ގުޅިގެން، އޭނާ މިހާރު ހުރީ އަލުން އެ ފިލްމުގެ ޑައިރެކްޓަރު، އެޓްލީއާ އެކު މަސައްކަތްކުރަން ވަރަށް ބޭނުންވެފަ އެވެ.
އެހެންވެ، "ޑޮން 3"ގެ ޑައިރެކްޓަރަކަށް އެޓްލީ ހަމަޖައްސައިފި ނަމަ ޝާހު އެ ފިލްމު ކުޅޭނެ ކަމަށް ބެލެވޭ ކަމަށް ރިޕޯޓްތައް ބުންޏެވެ.
ޝާހު ގަބޫލުކުރާ ގޮތުގައި، އޭނާގެ ތަފާތު އަދި ބާރުގަދަ ސިފައެއް ބެލުންތެރިންނަށް ދައްކައިދިނުމުގެ ގާބިލްކަން އެޓްލީގެ ކިބައިގައި އެބަހުއްޓެވެ.
"ޑޮން 3"އާ ބެހޭ ގޮތުން މިހާރު ދެކެވޭ ވާހަކަތަކަށް ބަލާއިރު، އެ ފިލްމުގެ ލީޑް އެކްޓްރެސްގެ ރޯލު ކުޅޭނީ ކްރިތީ ސެނޮން އެވެ.
ޑޮންގެ ފުރަަތަމަ ފިލްމު ގެނެސްދިނީ 1987 ގަ އެވެ. އެ ފިލްމުގައި ޑޮންގެ ރޯލު ކުޅުނީ އަމީތާބު ބައްޗަން އެވެ. ދެވަނަ ފިލްމު 2006 ގައި ގެނެސްދިން އިރު، އެ ފިލްމުގައި އެ ރޯލު ކުޅުނީ ޝާހްރުކް ހާން އެވެ.
އެ ދެ ފިލްމަކީ ވެސް ބެލުންތެރިންގެ މެދުގައި މަޝްހޫރުވި ކާމިޔާބު ފިލްމުތަކެކެވެ.