ސަލްމާން ރުޝްދީގެ މަގުބޫލު ވާހަކަ "މިޑްނައިޓްސް ޗިލްޑްރެން" އަށް ބިިނާކޮށް ނެޓްފްލިކްސް އަށް ޑައިރެކްޓްކޮށް ދޭ ވެބް ސީރީޒަކީ ކެރިއަރުގައި މިހާތަނަށް ކުރިމަތިލާ އެންމެ ބޮޑު ޗެލެންޖް ކަމަށް ވިޝާލް ބަރަދުވާޖް ބުނެފި އެވެ.

މީގެ ކުރިން ޝޭކްސްޕިއާގެ ތިން ވާހަކައެއް އެޑަޕްޓްކޮށްގެން ހިންދީ ސިނަމާ އަށް ގެނައި ކުޅަދާނަ ޑައިރެކްޓަރު ބުނީ ރުޝްދީގެ ވާހަކައަކީ އޭނާ މީގެ ކުރިން އެޑަޕްޓްކުރި ވާހަކަތަކާ އަޅާނުކިޔޭނެހާ ބޮޑު މަސައްކަތެއް ކަމަށެވެ.

"އަހަރެން އުފާކުރަން ރުޝްދީގެ ވާހަކަ ޑައިރެކްޓްކޮށްދޭން ލިބުނީމަ. މިޑްނައިޓްސް ޗިލްޑްރެންއަކީ ވަރަށް ވެސް ފުރިހަމަ އަދި މޮޅު އަދި ރީތި ވާހަކައެއް. އަހަރެން މަސައްކަތް ކުރާނަން ވާހަކައިގައި ހުރި އަސަރުތައް މި ސީރީޒަށް ގެންނަން،" މިދިޔަ އަހަރު "ޕަޓާޚާ" ގެނެސް ދިން ވިޝާލް ބުންޏެވެ. "އެކަމަކު އަހަރެން ބުނާނީ ރުޝްދީގެ މި ވާހަކަ އަކީ އަހަރެން މިހާތަނަށް އެޑަޕްޓްކުރި ވާހަކަތަކާ އަޅާކިޔާ ނުލެވޭ ވަރުގެ އެއްޗެކޭ. އެހެންވެ މީތި އަހަރެން ސިފަކުރާނީ މިހާތަނަށް ކުރިމަތިލާ އެންމެ ޗެލެންޖިން ބޮޑު ޕްރޮޖެކްޓްގެ ގޮތުގައި."

އޭނާ ބުނީ ނެޓްފްލިކްސް އިން "މިޑްނައިޓްސް ޗިލްޑްރެން" ގެ ވެބް ސީރީޒް ޑައިރެކްޓް ކުރަން ހަވާލު ކުރުމާ އެކު ރުުޝްދީއާ ވެސް ބައްދަލުކޮށް، ހިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ.

" އަހަރެން މި ގެނެސްދޭނެ ގޮތުގެ ތަސައްވުރު އޭނައާ ހިިއްސާ ކުރީމަ ވަރަށް ހިތްހަމަޖެހި އުފާވެފައި ހުރީ،" ވިޝާލް ބުންޏެވެ.

ރުޝްދީ 1981 ގައި ނެރުނު އަދި ޖޭމްސް ޓެއިޓް މެމޯރިއަލް ބުކް ޕްރައިޒް ހޯދާފައިވާ "މިޑްނައިޓްސް ޗިލްޑްރެން" ގައި ކިޔައި ދެނީ އިންޑިއާ އަށް މިނިވަންކަން ލިބުނު ތާރީހު ކަމަށްވާ އޮގަސްޓް، 15، 1947 ގެ ސުންގަޑި ސުންމިނިޓްގައި އުފަންވާ ސަލީމް ސިނާއި ކިޔާ ކުއްޖެއްގެ ވާހަކަ އެވެ.

މި ވާހަކަ އަށް ބިނާކޮށް އިންޑިއާ ދަރިކޮޅުގެ ކެނެޑާގެ ޑައިރެކްޓަރު ދީޕާ ޕެހެތާ ވަނީ "މިޑްނައިޓްސް ޗިލްޑްރެން" ގެ ނަމުގައި 2012 ގައި ފީޗާ ފިލްމެއް ވެސް ގެނެސް ދީފަ އެވެ.

އިނގިރޭސި އަދީބު ޝޭކްސްޕިއާގެ ވާހަކަތަކުގެ ތެރެއިން ވިޝާލް ފިލްމުތައް ހަދާފައި ވަނީ "މެކްބެތު" އަށް ބިނާކޮށް 2003 ގައި ގެނެސް ދިން "މަގުބޫލް" އާއި 2006 ގައި "އޮތެއްލޯ" އަށް ބިނާކޮށް ހެދި "އޯމްކާރާ" ގެ އިތުރުން 2014 ގައި "ހެމްލެޓް" އަށް ބިނާކޮށް ގެނެސް ދިން "ހައިދަރު" އެވެ.

"މިޑްނައިޓްސް ޗިލްޑްރެން" ކާސްޓާއި މީގެ މަސައްކަތް ފަށާނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ.