ރާނީ މުކަރްޖީ ފުލުހެއްގެ ރޯލުން ފެނުނު ފިލްމު "މަރުދާނީ" ގެ ދެވަނަ ބައިގެ މަސައްކަތް ފަށަން ތައްޔާރުވަމުން އަންނަ އިރު، މި ފިލްމުން އާ އެކްޓަރަކު ބޮލީވުޑަށް ތައާރަފުކުރަން ނިންމާފައިވާ ކަމަށް މުމްބާއީ މިރާ އިން ބުނެފި އެވެ.

އެ ނޫހުން ބުނި ގޮތުގައި "މަރުދާނީ 2" އިން ބޮލީވުޑަށް އަލަށް ނެރޭނެ އެކްޓަރަކީ ޗަންކީ ޕާންޑޭ އަށް ބޮޑުބޭބެ ކިޔާ އަހާން ޕާންޑޭ އެވެ. އުމުރުން 21 އަހަރު އަހާން އަކީ މިހާރު ވެސް އިންސްޓަގްރާމްގައި ވަރަށް މަޝްހޫރު ޒުވާނެކެވެ.

ޗަންކީގެ ދަރިފުޅު އަނަންޔާ ޕާންޑޭ ވެސް މިހާރު އަންނަނީ ބޮލީވުޑް ދަތުރު ފަށައިގަންނަން ތައްޔާރުވަމުންނެވެ. އޭނާގެ އަލަތު ފިލްމު "ސްޓޫޑަންޓް އޮފް ދިޔާ 2" ރިލީޒް ކުރާނީ މެއި މަހުގެ 10 ވަނަ ދުވަހު އެވެ.

މުމްބާއީ މިރާ އިން ބުނި ގޮތުގައި "މަރުދާނީ" ގެނެސްދޭ ރާނީގެ ފިރިމީހާ އަދިތިޔާ ޗޯޕްޅާގެ ފިލްމު ކުންފުނި ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ވަނީ އަހާންއާ އެކު ތިން ފިލްމެއްގެ އެއްބަސްވުމެއް ހަދައިފަ އެވެ. އޭގެ ތެރެއިން ފުރަތަމަ ފިލްމަކީ "މަރުދާނީ 2" އެވެ. އަދި އޭގައި އޭނާ ކުޅޭނީ ގްރޭ ޝޭޑްސް އެކުލެވޭ ކެރެކްޓާއެއް ކަމަށްވެ އެވެ.

ދެހާސް ސާދައިގައި ޕްރަދީޕް ސަރުކާރު ޑައިރެކްޓްކޮށް ގެނެސް ދިން "މަރުދާނީ" އިން ވެސް އާ އެކްޓަރަކު ނެގަޓިވް ރޯލުން ބޮލީވުޑަށް ތައާރަފު ކުރި އެވެ. އެއީ 31 އަހަރުގެ ތާހިރު ރާޖް ބާސިން އެވެ. "މަރުދާނީ" އަށް ފަހު އޭނާ ކުޅުނު ފިލްމުތަކުގެ ތެރޭގައި "ފޯސް 2" އާއި "މަންޓޯ" ހިމެނެ އެވެ. އަދި އަންނަ އޮގަސްޓް މަހު، ނިތޭޝް ތިވާރީ ގެނެސްދޭ "ޗިޗޯރް" އިން ވެސް ތާހިރު ފެންނާނެ އެވެ.

"މަރުދާނީ 2" އިން އަހާން ބޮލީވުޑަށް ތައާރަފުކުރަން އުޅޭ ވާހަކަ މީޑިއާތަކުން ދެއްކި ނަމަވެސް، މިކަމާ ބެހޭ ގޮތުން ވައިއާރްއެފުން އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ.

މި އަހަރުގެ މެދުތެރޭގައި ސިނަމާތަކަށް ގެންނާނެ ކަމަށް ބުނެފައިވާ "މަރުދާނީ 2" ލިޔެ، ޑައިރެކްޓް ކުރަނީ އަލަށް ޑައިރެކްޝަނަށް ނުކުންނަ ގޯޕީ ޕުތުރާން އެވެ. އޭނާއަކީ "މަރުދާނީ" ގެ ޕްރިކްއެލްގެ ސްކްރީން ރައިޓަރެވެ.