"ސައުންޑްސް އޮފް މޯލްޑިވްސް" މި އަހަރު ބެންކޮކްގައި

ބެންކޮކްގައި ދެ ދުވަހަށް ކުރިއަށް ގެންދާ ޝޯ އޮންނާނީ އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި.

ދިވެހި މިއުޒިކީ ފަންނާނުންގެ ހުނަރު ބައިނަލްއަގްވާމީ ޕްލެޓްފޯމްތަކުގައި ދައްކާލުމަށް ކުރިއަށް ގެންދާ "ސައުންޑްސް އޮފް މޯލްޑިވްސް" ގެ މި އަހަރުގެ ޝޯ ތައިލޭންޑްގައި ބާއްވަން ނިންމައިފި އެވެ.


ހައިރައިޒް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބާއްވާ އިވެންޓް އޮންނާނީ އަންނަ ޑިސެމްބަރު މަހު ތައިލެންޑްގެ ވެރިރަށް ބެންކޮކްގަ އެވެ.

ނަމަވެސް ޝޯ ބާއްވާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ. ހައިރައިޒް އިން ބުނެފައިވާ ގޮތުގައި ކުރީ އަހަރުތަކާ ހިލާފަށް މި އަހަރުގެ ސައުންޑް އޮފް މޯލްޑިވްސް ބެންކޮކްގައިި ބާއްވާނީ ދެ ދުވަހުގެ އިވެންޓެއްގެ ގޮތުގަ އެވެ. އަދި ކުރީގެ ޝޯތަކާ މި އަހަރުގެ ޝޯ ތަފާތުވެގެން ދާނެ ކަމަށް ވެސް ބޮޑެތި އިވެންޓްތައް އިންތިޒާމް ކުރާ ހައިރައިޒް އިން ބުންޏެވެ. އެގޮތުން މުނިފޫހިފިލުވުމުގެ ގިނަ ހަރަކާތްތަކާ އެކު ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރުމުގެ ހަރަކާތްތަކެއް ވެސް ކުރިއަށް ގެންދަން ވަނީ ރާވައިފަ އެވެ.

ބެންކޮކް ޝޯގައި ޕަފޯމް ކުރާ އާޓިސްޓުންނާއި ބޭންޑްތަކުގެ ނަންތައް އަދި އިއުލާނެއް ކުރެ އެވެ. ނަމަވެސް ބޮޑުބެރުގައި ރާއްޖޭގައި އެންމެ މަޝްހޫރު ހަބޭސް ފެނިގެން ދާނެކަން ހަމިހާރު ވެސް ވަނީ އިއުލާންކޮށްފަ އެވެ.

ހަބޭސް ބޮޑުބެރު ގްރޫޕް: ބެންކޮކްގައި ބާއްވާ ޝޯގައި ޕަފޯމް ކުރާނެ.

މި އަހަރު ބާއްވަނީ ސައުންޑްސް އޮފް މޯލްޑިވްސްގެ ހަތް ވަނަ ޝޯ އެވެ

މީގެ ކުރިން ސައުންޑްސް އޮފް މޯލްޑިވްސްގެ ޝޯތައް ބާއްވައިފައި ވަނީ ކުޑަ ބަނޑޮސް ރިސޯޓާއި މާލެ އާއި ސްރީލަންކާ ކޮލޮމްބޯގެ އިތުރުން މެލޭޝިއާގެ ކުއަލާލަމްޕޫރާއި އިންޑިއާގެ ބެންގަލޫރު އަދި ދުބާއީގަ އެވެ.