ބެންކޮކަށް މިއަދު މެންދުރު އައި ބާރުގަދަ ބިންހެލުމުގައި މަގުތައް ކަނޑައިގެން ގޮސްފައި.
28 މާޗް 2025 - 16:21
ގިނަ ދިވެހިންތަކެއް އުޅޭ ތައިލެންޑުގެ ބެންކޮކާއި މިއަންމާ އަށް މިއަދު މެންދުރު އައި ބާރުގަދަ ބިންގެލުމާ ގުޅިގެން، އެ ދެ ގައުމުގެ ހާލަތު މޮނީޓާކޮށް އަދި ތައިލެންޑުގައި ދިރިއުޅޭ ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އެމްބަސީ މެދުވެރިކޮށް މަސައްކަތް ކުރަމުން އަންނަ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނެފި އެވެ.
ރާއްޖޭގެ ގަޑިން މިއަދުގެ ހެނދުނު 10:30 ގައި 7.7 މެގްނިޓިއުޑްގެ ބާރުމިނުގައި އައި ބާރުގަދަ ބިންހެލުމާ ގުޅިގެން، އެއްވެސް ދިވެއްސަކަށް ގެއްލުމެއް ނުވާ ކަމަށް ތައިލެންޑުގައި ހުންނަވާ ދިވެހި ސަފީރު ފުއާދު ތައުފީގު "މިހާރު" އަށް ވިދާޅުވި އެވެ.
ފޮރިން މިނިސްޓްރީން ވެސް ބުނީ، ތައިލެންޑުގައި ދިރިއުޅޭ ދިވެހިންގެ ހާލު ރަނގަޅު ކަމަށް މިހާތަނަށް ވަނީ މައުލޫމާތު ލިބިފައި ކަމަށެވެ.
"އަދި މިޔަންމާގައި އެއްވެސް ދިވެހި ރައްޔިތަކު މިވަގުތު ހުރިތޯ ބެލުމަށް ޑިޕްލޮމެޓިކް ޗެނަލްތައް މެދުވެރިކޮށް މިދަނީ މަސައްކަތް ކުރަމުންނެވެ،" ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވެ އެވެ.
ތައިލެންޑުގައި ހުންނަވާ ދިވެހި ސަފީރު ފުއާދު ވިދާޅުވި ގޮތުން ނަމަ އެމްބަސީގައި 150 އެއްހާ މީހުން ރަޖިސްޓަރީ ކޮށްފައި ވެ އެވެ. އެ އެންމެންނަށް ގުޅައިގެން ހާލު ބެލުން ކުރިއަށް ގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމަކު، ތައިލެންޑަކީ ބޭސްފަރުވާ އަށާއި ވިޔަފާރީގެ ބޭނުންތަކަށް ދިވެހިން ގިނައިން ދާ ގައުމަކަށް ވާތީ އެ އަދަދު ދެގުނަ ވާނެ ކަމަށް ސަފީރު ލަފާކުރައްވަ އެވެ.
ތައިލެންޑާއި މިޔަންމާގައި ވެސް ކުއްލި ހާލަތު އިއުލާނު ކޮށްފައި ވާތީ، އެ ދެ ގައުމުގެ ކަމާބެހޭ އިދާރާތަކުން އަންގާ އެންގުންތަކަށް ސަމާލުވެ، އެއާ އެއްގޮތަށް އަމަލު ކުރުމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން އިލްތިމާސްކުރި އެވެ
މި ކާރިސާއާ ގުޅިގެން، ތައިލެންޑުގައި ތިބި ދިވެހިންގެ ތެރެއިން އެއްވެސް އެހީތެރިކަމެއް ބޭނުންވާ މީހުން ނުވަތަ އިތުރު މައުލޫމާތެއް ސާފުކުރަން ބޭނުން ނަމަ އެ ގައުމުގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ހޮޓްލައިން ނަންބަރަށް ނުވަތަ ފޮރިން މިނިސްޓްރީގެ ހޮޓްލައިން ނަންބަރަށް ގުޅުމަށް ދިވެހި ސަރުކާރުން އެދެ އެވެ.
މިޔަންމާގައި މިވަގުތު އެއްވެސް ދިވެއްސަކު އުޅޭ ނަމަ އަދި އެއްވެސް އެހީތެރިކަމެއް ބޭނުން ނަމަ ތައިލެންޑުގައި ހުންނަ ރާއްޖޭގެ އެމްބަސީ ހޮޓްލައިން ނަންބަރު: 611766502 66+ ގުޅުމަށް ފޮރިން މިނިސްޓްރީން އެދެ އެވެ. މިނިސްޓްރީ ހޮޓްލައިން ނަންބަރަކީ 9607983400+ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޓްރެވަލް ނިންޖާ
28 March 2025
ނޯ މައި އީދް ޕްލޭންސް.....
ދޮގުނަހަދާ
28 March 2025
އެއްވެސް ހާލެއް ނުބަލާ. އެމްބަސީއެއް ހުރިކަމެއްވެސް ނޭނގޭ. އެތާ އުޅޭ ގިނަމީހުން ތިބީ އުމްރާއަށްގޮސް. ހަމަސީދާ ބޭކާރު ތަނެއް.