މިސްރުގެ ފެސްޓިވަލަށް ހަރުބީ ފުރައިފި

މިއަދުން ފެށިގެން ހަފުތާއެއްގެ މުއްދަތަށް މިސްރުގައި ކުރިއަށް ގެންދާ "އިސްމައިލިއާ އިންޓަނެޝަނަލް ފޯކްލޯރް ފެސްޓިވަލް" ގައި ބައިވެރިވާން ރާއްޖޭގެ ބޮޑުބެރު ގްރޫޕް ހަރުބީ މިސްރަަށް ފުރައިފި އެވެ.


ބޮޑުބެރު ލަވައަށް އިންގިލާބެއް ގެނައި މަޝްހޫރު ލަވަ ކިއުންތެރިޔާ އިބްރާހީމް މަމްދޫހް (މަންޑޭ) ވެސް ހަރަކާތްތެރިވާ ހަރުބީ ބުރާސްފަތި ދުވަހުގެ ރޭ މިސްރަށް ފުރީ 21 މީހުންގެ ޓީމަކާ އެކުގަ އެވެ.

އެ ގްރޫޕުން ބުނީ މިސްރުގެ ފެސްޓިވަލުން ފުރުސަތު ލިބުނީ އެ މީހުންގެ ފްރޮފައިލް އެ ފެސްޓިވަލް އިންތިޒާމުކުރާ ފަރާތަށް ފެނިގެން ލިބުނު ދައުވަތަކުން ކަމަށެވެ. އެހެންވެ މިއީ ހަރުބީ އަށް ލިބުނު ރަނުގެ ފުރުސަތެއް ކަމަށާއި މިކަމާ އުފަލުން ތިބި ކަމަށް ގްރޫޕްގެ މެމްބަރުން ވަނީ ބުނެފަ އެވެ.

ހެޔޮ އެދޭ ފަރާތްތަކާ އެކު ސްޕޮންސަ ވެސް ހޯދައިގެން މިސްރަށް ކުރާ ދަތުރުގައި "އިސްމައިލިއާ އިންޓަނެޝަނަލް ފޯކްލޯރް ފެސްޓިވަލް" ގައި ރާއްޖޭގެ ބޮޑުބެރުގެ ސަގާފަތް ވަރަށް ފުރިހަމަ އަށް ދައްކުވައި ދޭނެ ކަމަށް ހަރުބީން ބުންޏެވެ.

މި ފެސްޓިވަލަށް ހަރުބީ އަށް ފުރުސަތު ލިބުމުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ވެސް ވަނީ ފައިސާގެ އެހީއެއް ދީފަ އެވެ.

މިސްރަށް ފުރުމުގެ ކުރިން ހަރުބީގެ މެމްބަރުން އެއާޕޯޓްގައި ގްރޫޕް ފޮޓޯއަކަށް އެތުރިގެން.

މި މަހުގެ 20-27 އަށް މިސްރުގެ ކަލްޗަ މިނިސްޓްރީން އިންތިޒާމުކޮށްގެން ބާއްވާ "އިންޓަނެޝަނަލް ސަމާ ފެސްޓިވަލް ފޮ ސްޕިރިޗުއަލް މިއުޒިކް އެންޑް ޗާންޓިން" ގައި ވެސް ރާއްޖޭގެ ބޮޑުބެރު ގްރޫޕެއް ބައިވެރި ވާނެ އެވެ.އެ ފެސްޓިވަލްގައި ބައިވެރި ވާނީ ހަބޭސް ބޮޑުބެރު ގްރޫޕެވެ.