ބޮޑުބެރު ވީޑިއޯ ލަވަތަކާ އެކު އެމްއެންޑީއެފްގެ ގައުމީ ލަވަ އަލްބަމް ނެރެފި

މި އަހަރުގެ ގައުމީ ދުވަހާ ގުޅުވައިގެން އެމްއެންޑީއެފުން ނެރޭ ގައުމީ ލަވަ އަލްބަމް، ބޮޑުބެރު ލަވަ ހިމެނޭ ވީޑިއޯ އަލްބަމެއްގެ ގޮތުގައި މިއަދު ނެރެފި އެވެ.

"ގައުމީ ދުވަސް 1438: ބޮޑުބެރު ލަވަ" އިގެ ނަމުގައި ތައްޔާރުކޮށްފައިވާ ހަތް ލަވައިގެ އަލްބަމް މިއަދު ނެރުނީ ޓީވީއެމްގެ "ހޭޔަންބޯ" ޕްރޮގްރާމްގަ އެވެ. އަލްބަމް ނެރެދެއްވީ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ މެނެޖިން ޑިރެކްޓަރު އިބްރާހީމް ހަލީލާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމެވެ.

އެމްއެންޑީއެފްގެ 16 ވަނަ ގައުމީ ލަވަ އަލްބަމް ނެރުމަށް ފަހު، ހޭޔަންބޯ ޕްރޮގްރާމްގައި އޭގެ ލަވައެއް ވެސް ވަނީ ދައްކާލައިފަ އެވެ.

މި އަލްބަމްގެ ލަވަތައް އަޅާފައި ވަނީ ސީޑީގެ ބަދަލުގައި ޕެން ޑްރައިވަށެވެ.

އެމްއެންޑީއެފްގެ ވީޑިއޯ އަލްބަމް ޓީވީއެމްގެ "ހޭޔަންބޯ" ޕްރޮގްރާމްގައި މިއަދު ނެރެނީ.

ޖުމުލަ ހަތް ލަވައެއް ހިމެނޭ މި އަލްބަމްގައި، އެމްއެންޑީއެފްގެ ބޮޑުބެރު ގުރޫޕުގެ އިތުރުން ރާއްޖޭގެ މަޝްހޫރު ބޮޑުބެރު ގުރޫޕްތަކުގެ ތެރޭގައި ހިމެނޭ ހަބޭސް، ހަރުބީ، ވަރުނުލާ، މަންދީރަ، ބިދަބިން އަދި އަންހެން ބޮޑުބެރު ގުރޫޕެއް ކަމަށްވާ ފަތްމިނި ގުރޫޕްގެ ލަވަތައް ވަނީ ހިމަނައިފަ އެވެ.

އަލްބަމްގެ ލަވަތަކުގެ ތެރޭގައި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރުގެ ޅެމެއް ވެސް ހިމަނާފައިވެ އެވެ. އަދި ރާއްޖޭގެ މަޝްހޫރު ޅެންވެރިންތަކެއް ވަނީ ޅެން ހަދައި ދެއްވައިފަ އެވެ. އޭގެ ތެރޭގައި އަބްދުއްރަޝީދު ހުސައިން، އާދަމް ނަސީރު އިބްރާހީމް، އަބްދުﷲ އަފީފު، ޖައުފަރު އަބްދުއްރަހްމާންގެ އިތުރުން ރަމްލާ އަބްދުލްޣަނީ އަދި ކޮމާންޑް ސާޖަންޓް މޭޖާ އަބްދުﷲ ސައީދު ހިމެނިވަޑައިގަންނަވަ އެވެ.

އެމްއެންޑީއެފުން މިއަދު ނެރުނު ވީޑިއޯ އަލްބަމް: މި އަލްބަމް ނެރުނީ ޕެންޑްރައިވެއްގައި.

އަލްބަމްގެ ލަވަތަކަށް މިޔުޒިކް ތައްޔާރުކޮށްފައި ވަނީ އެމްއެންޑީއެފް ބޭންޑް އެންޑް މިޔުޒިކް ވިންގުންނެވެ. އަދި އަލްބަމްގެ ވީޑިއޯ ލަވަތައް ތައްޔާރުކޮށް، އެޑިޓްކޮށްފައި ވަނީ އެމްއެންޑީއެފްގެ މީޑިއާ އެންޑް ޕަބްލިޝިން ސާވިސް އިންނެވެ.

މުޅިން ވެސް ވީޑީއޯ ލަވަތައް ހިމެނޭ މި އަލްބަމްގެ ލަވަތައް އެމްއެންޑީއެފް ޔޫޓިއުބް ޗެނަލުން ބަލާލެވޭ ގޮތަށް ހަދާފައިވާ އިރު، އޭގެ އޯޑިއޯ ވާޝަން އެމްއެންޑީއެފްގެ ސައުންޑްކްލައުޑް އެކައުންޓުން ޑައުންލޯޑް ވެސް ކުރެވޭނެ އެވެ.