އަންހެނުންގެ ދިރިއުޅުމާ ގުޅޭ ސިލްސިލާ "ކިޓީ ޕާޓީ" އަށް ފަހު، ޒީޓީވީން އަނެއްކާ ވެސް މި ޒާތުގެ ސިލްސިލާއެއް ގެނެސް ދޭން ތައްޔާރުވެއްޖެ އެވެ.
"ދިއްލީ ޑާލިންސް" ގެ ނަން ދީފައިވާ އާ ސިލްސިލާއަކީ ދިއްލީގެ ހައި ސޮސައިޓީގެ ނުފޫޒުގަދަ އަދި ޕޮޝް ލައިފްސްޓައިލެއްގެ ތެރޭގައި އުޅޭ ހަތް އަންހެނެއްގެ ވާހަކަ ކިޔައިދޭ ރިއަލް ލައިފް ޑްރާމާއެކެވެ. މީގެ ޓީޒާއެއް ވެސް ޒީޓީވީން މިހާރު އަންނަނީ ދައްކަމުންނެވެ.
ނަމަވެސް "ދިއްލީ ޑާލިންސް" ދައްކަން ފަށާނެ ދުވަހެއް އިއުލާނެއް ނުކުރެ އެވެ. ބެލެވޭ ގޮތުން ސިލްސިލާ ދައްކަން ފަށާނީ މި މަހުގެ ފަހުކޮޅު އެވެ.
ދެހާސް ވަނަ އަހަރު ގެނެސް ދިން "ކިޓީ ޕާޓީ" އަކީ ވެސް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު ސިލްސިލާއެކެވެ. އަށް އަންހެނެއްގެ ވާހަކަ ކިޔައި ދިން އެ ސިލްސިލާގެ އެންމެ މުހިއްމު ރޯލެއް ކުޅުނު އެކަކީ ބޮލީވުޑްގެ ކުރީގެ ބަތަލާ ޕޫނަމް ދިލަން އެވެ.
"ކިޓީ ޕާޓީ" ގެ ޖުމްލަ 436 އެޕިސޯޑް ގެނެސް ދިނެވެ. އެ ސިލްސިލާ ލިޔެފައި ވަނީ މަޝްހޫރު ލިޔުންތެރިޔާ ޝޯބާ ޑޭ އެވެ.
ނަމަވެސް "ދިއްލީ ޑާލިންސް" އާ ބެހޭ މާ ބޮޑު ތަފުސީލެއް އަދި ނުލިބެ އެވެ.