ވާނާ މީޑިއާ އިން އަލަށް ތައާރަފު ކުރި ސްޓްރީމިން ސާވިސް "އެޗްބީއޯ މެކްސް" އަށް، މަޝްހޫރު ބަތަލާ ނިކޯލް ކިޑްމަން ވެބް ސީރީޒެއް ޕްރޮޑިއުސްކޮށްދޭން ނިންމައިފި އެވެ.

ވެރައިޓީން ބުނީ މިއީ "ކްރައިމް ފާމް" ކިޔާ ސައިކޮސެކްޝަލް ލޯބީގެ ވާހަކައަކަށް ހަދާ އެއްޗެއް ކަމަށެވެ. ސީރިޒްގެ ސްކްރީންޕްލޭ ހަވާލުކޮށްފައި ވަނީ ޓީއެންޓީގެ "ކްލޯސް" ޖެނައިން ޝާމަން ބެރޮއިސްއާ އެވެ. އޭނާ ވެސް ސީރީޒްގެ ޕްރޮޑިއުސަރެއްގެ ގޮތުގައި ކިޑްމަންއާ އެކު ހިއްސާ ވާނެ އެވެ.

ނަމަވެސް "ކްރައިމް ފާމް" ގެ ކާސްޓާއި ޝޫޓިން ފަށާނެ އިރަކާއި ޑައިރެކްޓް ކުރާނެ މީހަކު އަދި އިއުލާނެއް ނުކުރެ އެވެ.

"ކްރައިމް ފާމް" ޕްރޮޑިއުސް ކުރަން ނިންމި އިރު، އެޗްބީއޯ އިން ގެނެސް ދޭން ތައްޔާރުވަމުން އަންނަ ލިމިޓެޑް ސީރީޒް "ދި އަންގޮއިން" އަކީ ވެސް ޕްރޮޑިއުސަރެއްގެ ގޮތުގައި ކިޑްމަން ހިއްސާވާ އަދި އޭނާ މުހިއްމު ރޯލަކުން ވެސް ފެނިގެން ދާނެ އެއްޗެކެވެ. މީގެ އިތުރުން އޭނާ އެކްޒެކެޓިވް ޕްރޮޑިއުސަރެއްގެ ގޮތުގައި ހިއްސާވާ އުފެއްދުންތަކުންގެ ތެރޭގައި ބެލުންތެރިންނަށް ގެނެސް ދޭން ތައްޔާރުވަމުން އަންނަ ހުލޫގެ "ނައިން ޕާފެކްޓް ސްޓްރޭންޖާޒް" އާއި އެމެޒޯންގެ "ދި އެކްސްޕެޓްރިއޭޓްސް" ވެސް ހިމެނެ އެވެ.

ދާދި ފަހުން އެޗްބީއޯ އިން ގެނެސް ދިން "ދަ ބިގް ލިޓްލް ލައިސް" ސީޒަން އިން ކިޑްމަން ފެނިފައިވެ އެވެ.