ބެލުންތެރިންގެ ބޮޑު މަގުބޫލު ކަމެއް ހޯދި ކުރީގެ ޓީވީ ސިލްސިލާ "ގޮސިޕް ގާލް" ގެ ސްޕިން-އޮފެއް ތަފާތު ކާސްޓަކާ އެކު ގެނެސް ދޭން ނިންމައިފި އެވެ.
ކުރީގެ ސިލްސިލާ އިން ކުރިފަޅުވައިގެން އުފައްދަން ނިންމާފައިވާ ސިލްސިލާ އަކީ ވޯނާ މީޑިއާ އިން އަންނަ އަހަރުގެ ބަހާރު މޫސުމުގައި ލޯންޗް ކުރަން ނިންމާފައިވާ އާ ސްޓްރީމިން ސާވިސް އެޗްބީއޯ މެކްސް އިން ގެނެސްދޭން ތައްޔާރު ކުރާ އެއްޗެކެވެ.
"ގޮސިޕް ގާލް" ގެ އާ ސީރީޒްގައި، ނިއު ޔޯކްގައި އުޅޭ ޒުވާން ދަރިވަރުންތަކެއްގެ ދިރިއުޅުމާއި އެ މީހުންގެ ތެރޭގައި ސޯޝަލް މީޑިއާގެ ފޯރި އޮންނަ މިންވަރު ވަރަށް ތަފާތު އަދި ޝައުގުވެރިކޮށް ގެނެސްދޭނެ އެވެ.
ބައެއް ރިޕޯޓްތައް ބުނާ ގޮތުން އާ ސިލްސިލާ އިން ކުރީގެ ސިލްސިލާގައި ވެސް މުހިއްމު ރޯލެއް ކުޅުނު ކްރިސްޓެން ބެލް، 39، ފެނުމުގެ ފުރުސަތު ބޮޑެވެ.
ސީޑަބްލިއު ނެޓްވޯކުން ހަ ސީޒަނަކަށް ގެނެސް ދިން "ގޮސިޕް ގާލް" އަކީ ސެޕްޓެމްބަރު 19، 2007 އިން ޑިސެމްބަރު 17، 2012 އާ ހަމައަށް ގެނެސް ދިން ސިލްސިލާއެކެވެ. އެ މުއްދަތުގެ ތެރޭގައި އޭގެ 121 އެޕިސޯޑް ގެނެސް ދީފައިވެ އެވެ.
"ގޮސިޕް ގާލް" ގެ ކާސްޓުންގެ ތެރޭގައި ބްލޭކް ލައިވްލީ، ލެއިޓެން މީޒްޓާ، ޕެން ބެޖްލީ، ޗޭޒް ކްރެފޯޑް، ޓޭލާ މޮމްސެން، އެޑް ވެސްޓްވިކް، ކެލީ ރަދަފޯޑް، މެތިއު ސެޓްލް، ޖެސިކާ ޒޯރް އަދި ކޭލީ ޑެފާ ހިމެނެ އެވެ.