މާވެލް ސްޓޫޑިއޯސް އާއި ޑިޒްނީ ގުޅިގެން ގެނެސްދޭން ނިންމާފައިވާ ސުޕަހީރޯ ފިލްމު "ދި އިޓާނަލްސް" ބަތަލާގެ ރޯލް އެންޖެލީނާ ޖޮލީ އަށް ހުށަހަޅާފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައި ވަނިކޮށް، އެކަން ކަށަވަރުކޮށްދީ ފިލްމު ރިލީޒްކުރާ ތާރީހު ވެސް އިއުލާންކޮށްފި އެވެ.

މާވެލްގެ ސުޕަހީރޯ ދުނިޔޭގެ ތެރެއަށް ޖޮލީ އަންނަ ފުރަތަމަ ފިލްމު ބެލުންތެރިންނަށް ގެނެސްދޭން ނިންމާފައި ވަނީ ނޮވެމްބަރު 6، 2020 ގަ އެވެ. ޖޮލީއާ އެކު ފިލްމުން ފެންނާނެ އިތުރު ކާސްޓުންގެ ތެރޭގައި ސަލްމާ ހަޔޭކް، ރިޗަޑް މެޑެމް، ބްރަޔަން ޓައިރީ ހެންރީ، ކުމައިލް ނަންޖާނީ، ލޯރެން ރިޑްލޮފް، ލިއާ މެހިއު އަދި ޑޮން ލީ ހިމެނެ އެވެ.

މެތިއު އާއި ރަޔަން ފާޕޯގެ ސްކްރީންޕްލޭއަކަށް ހަދާ ފިލްމުގެ ޑައިރެކްޓަރަކަށް ހަމަޖައްސާފައި ވަނީ 2017 ގެ "ދަ ރައިޑާ" އާއި 2015 ގެ "ސޯންގްސް މައި ބްރަދާޒް ޓޯޓް މީ" ފަދަ ފިލްމުތައް ގެނެސް ދިން ކްލޯއީ ޒާއޯ އެވެ.

"ދި އެޓާނަލްސް" އަކީ މާވެލް ކޮމިކެއްގެ މައްޗަށް ބިނާކޮށް ހަދާ ފިލްމެކެވެ. މި ފިލްމަށް ޖޮލީ ސޮއި ކުރި އިރު، ދެން އެންމެ އަވަހަށް އޭނާ ސްކްރީނުން ފެނިގެން ދާނީ ޑިޒްނީން އަންނަ އޮކްޓޯބަރު މަހުގެ 18 ގައި ގެނެސްދޭ "މެލަފިސަންޓް" ގެ ދެވަނަ ބައި ""މެލަފިސަންޓް: މިސްޓްރެސް އޮފް އީވިލް" އިންނެވެ.