ޝާހްރުކް އަންހެނުން ގޯރީއާ އެކު މިދިޔަ މަހު ރާއްޖޭގައި.
04 އޯގަސްޓް 2019 - 07:43
ސްޕެއިންގެ މަގުބޫލު ސިލްސިލާ "މަނީ ހައިސްޓް" އަށް ބިނާކޮށް ޝާހްރުކް ހާން ފިލްމެއް ޕްރޮޑިއުސް ކުރަން ނިންމާފައިވާ ކަމަށް މުމްބާއީ މިރާ އިން ބުނެފި އެވެ.
އެ ނޫހުން ބުނީ އެ ސިލްސިލާގެ ރައިޓްސް ޝާހްރުކްގެ ފިލްމު ކުންފުނި ރެޑް ޗިލީޒް އެންޓަޓައިންމަންޓުން ހޯދުމަށް ފަހު އެއަށް ފިލްމެއް ހެދުމުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ. އެކަމަކު އެއާ ބެހޭ އެއްވެސް ތަފަސީލެއް ނުދެ އެވެ.
"މަނީ ހައިސްޓް" އަކީ 2017 އިން ފެށިގެން ގެނެސް ދޭންފެށީ ކްރައިމް ޑްރާމާ ސިލްސިލާއެކެވެ. މީގެ ފުރަތަމަ ސީޒަން އެންޓަނާ 3 އިން ގެނެސް ދިނުމަށް ފަހު މިދިޔަ ޖުލައި މަހު ނިންމައިލި ދެވަނަ ސީޒަން ސްޓްރީމް ކުރީ ނެޓްފްލިކްސްއިންނެވެ. ސިލްސިލާގެ ޖުމްލަ 23 އެޕިސޯޑް ދެ ސީޒަނުން ގެނެސް ދީފައިވެ އެވެ.
"މަނީ ހައިސްޓް" ގައި ކިޔައި ދެނީ ބަޔަކު ވަރަށް ބޮޑަށް ދުރާލައި ރާވައިގެން ބޭންކްތަކެއް ލޫޓްވައިލަން ކުރާ މަސައްކަތްތަކެއްގެ ތެރޭގައި ހިނގާ ހާދިސާތަކެކެވެ.
ނެޓްފްލިކްސް އިން ގެނެސް ދިން ސީޒީރަކަށް ބިނާކޮށް ފިލްމެއް ހަދަން ޝާހްރުކް ނިންމި އިރު، އޭނާ އާއި އެ އެ ކުންފުނި ގުޅިގެން ތިން ޕްރޮޖެކްޓެއްގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ. އެއީ އިމްރާން ހާޝިމީ ލީޑް ރޯލް ކުޅޭ "ބާޑް އޮފް ބްލަޑް" އާއި ބޮބީ ޑިއޯލް ލީޑް ރޯލް ކުޅޭ "ކްލާސް އޮފް 83" ގެ އިތުރުން އަހާނާ ކުމްރާ ލީޑް ރޯލް ކުޅޭ "ބެތާލް" އެވެ.
"ބާޑް އޮފް ބަލްޑް" އަންނަ މަހުގެ 27 ގައި ސްޓްރީމް ކުރަން ފަށާނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy