ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

އަންނަ ޑިސެމްބަރު މަހު ރިލީޒްކުރާ ސަލްމާން ޚާންގެ "ދަބަންގް" ސީރީޒްގެ ތިން ވަނަ ފިލްމުގެ މޯޝަން ޕޯސްޓަރު ދައްކާލައިފި އެވެ.


ޑިސެމްބަރު މަހުގެ 20 ގައި ގެނެސްދޭން ނިންމާފައިވާ ފިލްމު މި ފަހަރު ޑައިރެކްޓްކޮށްފައި ވަނީ ސަލްމާންގެ 2009 ގެ "ވޯންޓެޑް" ޑައިރެކްޓްކުރި ޕަރްބޫދޭވާ އެވެ. ފިލްމުގެ ކާސްޓުން ވެސް މި ފަހަރު "ދަބަންގް" ގެ ފުރަތަމަ ދެ ފިލްމުން ވެސް ބަތަލާގެ ރޯލުން ފެނުނު ސޮނާކްޝޯގެ އިތުރުން އަލަށް ތައާރަފުވާ ބަތަލާއަކު ވެސް ފެންނާނެ އެވެ.

އެއީ ފިލްމުގެ ކާސްޓުންގެ ތެރޭގައި ހިމެނޭ އެކްޓަރު މަހޭޝް މަންޖްރޭކަރްގެ ހަގު އަންހެން ދަރިފުޅު ސާއީ މަންޖްރޭކަރެވެ. އަދި "ދަބަންގް 3" ގެ އައިޓަމް ލަވަތަކުން މިދިޔަ އަހަރު ފިލްމު "ލަވް ޔާތުރީ" އިން ސަލްމާން ބޮލީވުޑަށް ތައާރަފުކޮށްދިން ވަރީނާ ހުސައިނާއި މޯނީ ރޯއި ވެސް ފެނިގެން ދާނެ އެވެ.

"ދަބަންގް 3" އަކީ މި އަހަރު ރިލީޒްވާ ސަލްމާންގެ ދެވަނަ ފިލްމެވެ. ފުރަތަމަ ފިލްމަކީ ޖޫންގައި ގެނެސްދިން "ބާރަތު" އެވެ.

ނިތޭޝް އާއި ސާޖިދުގެ އިތުރު ފިލްމެއް

މިހާރު ސިނަމާތަކުގައި ދައްކަމުން އަންނަ "ޗިޗޯރޭ" ގެ ޑައިރެކްޓަރު، ނިތޭޝް ތިވާރީ، އެ ފިލްމުގެ ޕްރޮޑިއުސަރު ސާޖިދު ނަދިއަދުވާލާއާ ގުޅިގެން އިތުރު ފިލްމެއް ގެނެސްދޭން ނިންމައިފި އެވެ.

އެކަމަކު އެ ފިލްމާ ބެހޭ އެއްވެސް ތަފުސީލެއް އަދި ހިއްސާއެއް ނުކުރެ އެވެ. އެކީގައި ކިޔަވަން އުޅުނު ބައެއްގެ އެހާރާއި މިހާރުގެ ވާހަކައެއް ކިޔައިދޭ "ޗިޗޯރޭ" އަކީ 2016 ގެ "ޑަންގަލް" އަށް ފަހު، ނިތޭޝް ގެނެސްދިން ފުރަތަމަ ފިލްމެވެ.

މީގެ މައިގަނޑު ތަރިންނަކީ ސުޝާންތު ސިންގް ރާޖްޕޫތާއި ޝްރަދާ ކަޕޫރެވެ.

ކަރަން އާއި ނެޓްފްލިކްސްގެ އަތުގުޅާލުމެއް

ކަރަން ޖޯހަރާއި ނެޓްފްލިކްސް ގުޅިގެން އުފެއްދުންތަކެއް ގެނެސްދޭން ނިންމައި، އޭގެ މަސައްކަތްތައް ވެސް މިހާރު ވަނީ ފަށައިފަ އެވެ.

ކަރަންގެ ފިލްމު ކުންފުނި ދަރުމާ ޕްރޮޑަކްޝަނުން ވަނީ ޑިޖިޓަލް ކޮންޓެންޓަށް ހާއްސަ ސްޓޫޑިއޯއެއް ވެސް ދަރުމާގެ ދަށުން ގާއިމުކޮށްފަ އެވެ. އޭގެ ނަމަކީ ދަރުމެޓިކް އެވެ. މީގެ ދަށުން ފިލްމުތަކާއި ސީރީޒްތައް ވެސް ގެނެސްދޭން ހަމަޖެހިފައިވާ އިރު، ކަރަން ޓްވިޓާގައި އާންމުކުރި ވީޑިއޯއެއްގައި އެ ވާހަކަތައް ހިއްސާކޮށްފައިވެ އެވެ.

ނެޓްފްލިކްސް އިން ކަރަންއާ ގުޅިގެން ގެނެސްދޭ ފުރަތަމަ އުފެއްދުމަކަށް ވާނީ ރޭޕްގެ މައްސަލައަކަށް ބިނާކޮށް ހަދާ "ގިލްޓީ" އެވެ. އޭގެ ބަތަލާއަކީ ކިއާރާ އަދުވާނީ އެވެ. ދާދި ފަހުން ވަނީ ރޫޗީ ނާރައިން ޑައިރެކްޓްކުރާ "ގިލްޓީ" ގައި ކިއާރާ ފެނިގެންދާނެ ގޮތް ވެސް ދައްކާލައިފަ އެވެ.

"މޭޑް އިން ޗައިނާ" ގެ މޯޝަން ޕޯސްޓަރު

ރާޖްކުމާރު ރާއޯ އާއި މޯނީ ރޯއި ލީޑް ރޯލް ކުޅެފައިވާ ކޮމެޑީ ފިލްމު "މޭޑް އިން ޗައިނާ" ގެ މޯޝަން ޕޯސްޓަރު ދައްކާލައިފި އެވެ.

ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް އިން ގެނެސްދޭ މި ފިލްމަކީ މިޚިލް މުސާލޭ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. ފިލްމުގެ ކާސްޓުންގެ ތެރޭގައި ބޮމަން އިރާނީ އާއި އަމީރާ ދާސްތޫރާއި ސުމިތު ވިއާސް އަދި އަމިތު ބިމްރޯތު ވެސް ހިމެނެ އެވެ.

"މޭޑް އިން ޗައިނާ" އަކީ އެންމެ ފުރަތަމަ މިދިޔަ މަހުގެ 15 ގައި ރިލީޒްކުރަން ތާވަލުކުރި ފިލްމެކެވެ. އޭގެ ފަހުން ތާރީހަށް ގެނައި ބަދަލާ އެކު ފިލްމު ފަހުން ރިލީޒްކުރަން ނިންމީ މި މަހުގެ 20 ގަ އެވެ.

އެކަމަކު އެ ތާރީހު ވެސް ބަދަލުކޮށް މިހާރު ފިލްމު ބެލުންތެރިންނާ ހަމައަށް އަންނާނީ ދިވާލީއާ ދިމާކޮށް އަންނަ މަހުގެ 25 ގަ އެވެ.