ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ޑިސެމްބަރު މަހުގެ 20 ގައި ރިލީޒްކުރާ ސަލްމާން ޚާންގެ "ދަބަންގް 3" ގެ ޓްރެއިލާ ދައްކާލައިފި އެވެ.


ޕްރަބޫދޭވާ ޑައިރެކްޓްކޮށްފައިވާ ފިލްމުގެ ޓްރެއިލާ އިން މިއީ ސަލްމާންގެ ފޭނުން ސިނަމާތަކުގައި ފޯރި ނަގާނެ ކަހަލަ ފިލްމެއްކަން އެނގެ އެވެ. "ދަބަންގް" ސީރީޒްގައި އޭނާ ކުޅޭ ޗުލްބުލް ޕާންޑޭ ކިޔާ ލާނެތް ފުލުހެއްގެ ކެރެކްޓާ އަކީ މި ފަހަރު ވެސް ބެލުންތެރިން ހެއްވާލާނެ ރޯލެކެވެ. ޓްރެއިލާ އިން ފެންނަ ގޮތުގައި "ދަބަންގް 3" ވާނީ މާސް އޯޑިއަންސް ބޭނުންވާ ހުރިހާ ރަަހަތަކެއް ހެޔޮވަރު ބޮޑު މަސާލާގަނޑަކަށެވެ.

މި ފިލްމުގެ ބަތަލާއިންގެ ތެރޭގައި "ދަބަންގް" ގެ ކުރީގެ ދެ ފިލްމުގެ ބަތަލާ ސޮނާކްޝީ ސިންހާގެ އިތުރުން އަލަށް ތައާރަފުކުރާ ސާއީ މަންޖްރޭކަރާއި އޭނާގެ ބައްޕަ މަހޭޝް މަންޖްރޭކަރާއި އަރުބާޒް ޚާނާއި މާހީ ގިލް އާއި، ސުދީޕާއި ޕްރަމޯދު ކައްނާ އާއި ޕަންކަޖް ތުރިޕަތީ ފަދަ ތަރިން ހިމެނެ އެވެ.

މީގެ އިތުރުން މިދިޔަ އަހަރު ސަލްމާން ޕްރޮޑިއުސްކުރި ފިލްމު "ލަވްޔާތުރީ" ގެ ބަތަލާ ވަރީނާ ހުސައިން "ދަބަންގް 3" ގެ އައިޓަމް ލަވައަކުން ފެނިގެން ދާނެ އެވެ.

މި ފިލްމަކީ މި އަހަރު ރިލީޒްވާ ސަލްމާންގެ ދެވަނަ ފިލްމެވެ. މި އަހަރު ނެރުނު އޭނާގެ ފުރަތަމަ ފިލްމަކީ "ބާރަތު" އެވެ.

"އުޖުޅާ ޗަމަން" އަށް އާ ތާރީހެއް

އަންނަ މަހުގެ 8 ގައި ސަނީ ސިންގްގެ "އުޖުޅާ ޗަމަން" ރިލީޒްކުރަން ނިންމާފައި ވަނިކޮށް، އަޔޫޝްމަން ކުރާނާގެ "ބާލާ" އަންނަ މަހުގެ 7 އަށް ތާވަލުކުރުމުން އުފެދިފައިވާ ނުތަނަވަސްކަމުގެ ތެރެއިން "އުޖުޅާ ޗަމަން" ރިލީޒްކުރާ ތާރީހު ބަދަލުކޮށްފި އެވެ.

މި ދެ ފިލްމުގައި ވެސް ކިޔައިދެނީ ތަލަ ޒުވާނަކަށް ކުރިމަތިވާ ހާދިސާތަކެކެވެ. ދެ ފިލްމުގެ ޕްލޮޓްގައި ހުރި އެއްގޮތްކަމާ ހުރެ "އުޖުޅާ ޗަމަން" ގެ ޓީމުން ވަނީ "ބާލާ" އަކީ އެ މީހުންގެ ފިލްމުގެ ޕްލޮޓުން ވައްކަންކޮށްގެން ހަދާފައިވާ ފިލްމެއް ކަމަށް ވެސް ބުނެފަ އެވެ.

ކޮންމެއަކަސް ކުރިން އަންނަ މަހުގެ 22 ގައި ރިލީޒްކުރަން ނިންމިި "ބާލާ" އަންނަ މަހު 7 އަށް ތާވަލުކުރީ "އުޖުޅާ ޗަމަން" ގެ ކުރިން ރިލީޒްކުރަން ކަމަށް ވިޔަސް، އެ ފިލްމުގެ ޓީމުން މިހާރު މިގެނައި ބަދަލާ އެކު "ބާލާ" ބެލުންތެރިންނާ ހަމަ އަށް އަންނާނީ "އުޖުޅާ ޗަމަން" އަށް ވުރެ ފަހުންނެވެ. ދެން ސުވާލަކީ "ބާލާ" ގެ ޓީމުން ފިލްމު ތާރީހެއް އިތުރު ބަދަލެއް ގެނެސްފާނެތޯ އެވެ؟

"އުޖުޅާ ޗަމަން" އަކީ އަލަށް ޑައިރެކްޝަނަށް ނުކުތް ޕްރޮޑިއުސަރު އަބީޝެކް ޕަތަކުގެ ފުރަތަމަ ފިލްމެވެ. "ބާލާ" އަކީ މިދިޔަ އަހަރު "އިސްތިރީ" ގެނެސްދިން އަމަރު ކޯޝިކް ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.

"ޑްރައިވް" ގެ އާ ލަވައެއް

އަންނަ މަހުގެ 1 ގައި ނެޓްފްލިކްސް އިން ސްޓްރީމްކުރާ ފިލްމު "ޑްރައިވް" ގެ އާ ލަވައެއް ދައްކާލައިފި އެވެ.

ފިލްމުގެ ލަވަތަކުގެ ތެރެއިން ކުރިން ވެސް ދެ ލަވައެއްގެ ވީޑިއޯ ދައްކާލާފައި ވަނިކޮށް އަލަށް ނެރުނު ލަވައަކީ "ޕްރޭމް ޕުޖާރީ" އެވެ. ޓިޕިކަލް ބޮލީވުޑް ސްޓައިލްގެ މި ލަވައިން ފެނިގެންދަނީ "ޑްރައިވް" ގެ ލީޑް ދެ ތަރިން ކަމަށްވާ ސުޝާންތު ސިންގް ރާޖްޕޫތާއި ޖެކްލިން ފެނަންޑޭޒެވެ.

"ޕްރޭމް ޕުޖާރީ" ގެ މިއުޒިކް އަމަރުތިއާ ބޯބީ ރަހޫތު ހަދާފައިވާ އިރު، ލަވަކިޔާފައި ވަނީ އަމިތު މިޝްރާ، އަކާސާ ސިންގް، ބޯބޯ އަދި ދޭވް އަރިޖިތެވެ.

"ޑްރައިވް" އަކީ ކަރަން ޖޯހަރު ޕްރޮޑިއުސްކޮށް، ތަރުން މަންސުޚާނީ ޑައިރެކްޓްކޮށްފައިވާ އެކްޝަން ތުރިލާއެކެވެ.

އައިއެފްއެފްއައި ހުޅުވައިދޭނީ ކަރަން

އަންނަ މަހު ބާއްވާ 50 ވަނަ އިންޓަނެޝަނަލް ފިލްމު ފެސްޓިވަލް އޮފް ޑިންޑިއާ (އައިއެފްއެފް) ހުޅުވުމުގެ ރަސްމުިއްޔާތު މަޝްހޫރު ޑައިރެކްޓަރު/ޕްރޮޑިއުސަރު ކަރަން ޖޯހަރު ހޯސްޓްކޮށްދޭ ގޮތަށް ހަމަޖެހިއްޖެ އެވެ.

ފެސްޓިވަލްގެ ގޯލްޑެން ޖުބިލީ މި އަހަރު ފާހަގަކުރާތީ މި އަހަރުގެ ފެސްޓިވަލް ވަރަށް ވެސް ހާއްސަވާނެ އެވެ. އައިއެފްއެފްއައި ކުރިއަށް ދާނީ އަންނަ މަހުގެ 20-28 އަށް ގޯއާގަ އެވެ.

ފެސްޓިވަލްގެ ސްޓިއަރިން ކޮމިޓީގައި ވެސް ކަރަން ހިމެނޭ އިރު، އޭނާއާ އެކު ޑައިރެކްޓަރު ސުބާޝް ގާއީ އާއި ޕްރޮޑިއުސަރު ސިދާތު ރޯއި ކަޕޫރް ވެސް ހިމެނެ އެވެ.

އައިއެފްއެފްއައި އިންތިޒާމުރަނީ ޑިރެކްޓަރޭޓް އޮފް ފިލްމު ފެސްޓިވަލް އާއި އެންޓަޓައިންމަންޓް ސޮސައިޓީ އޮފް ގޯއާ (އީއެސްޖީ) އިންނެވެ.