ސިނަމާތަކުގައި ރިލީޒްނުކޮށް، ބޮލީވުޑްގެ އިތުރު ފިލްމެއް ސީދާ ނެޓްފްލިކްސް އަށް

ސިނަމާތަކަށް ނުގެނެވި ދިގުލައިގެން ދިއުމުން މި މަހުގެ އެއް ވަނަ ދުވަހު ނެޓްފިލްސް އިން ގެނެސްދޭން ފެށި ފިލްމު "ޑްރައިވް" އަށް ފަހު، އަނެއްކާ ވެސް ބޮލީވުޑްގެ އިތުރު ފިލްމެއް ސިނަމާތަކުގައި ރިލީޒްނުކޮށް، ނެޓްފްލިކްސް އަށް ދޫކޮށްލަން ނިންމައިފި އެވެ.


މި ފިލްމަކީ މި މަހުގެ 15 އަށް ތާވަލުކޮށްފައިވާ ޑާންސް ފިލްމު "ބަންގްރާ ޕާ ލޭ" އެވެ. މިއީ މި އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ "އުރީ: ދަ ސާޖިކަލް ސްޓްރައިކް" ގެ ޕްރޮޑިއުސަރު ރޯނީ ސްކްރޫވާލާ ޕްރޮޑިއުސްކޮށް، އަލަށް ޑައިރެކްޝަނަށް ނުކުތް ސްނޭހާގެ ތައުރާނީގެ އަލަތު ފިލްމެވެ.

ސްނޭހާ އަކީ "ރޭސް" ފަދަ ފިލްމުތައް ގެނެސްދިން ޕްރޮޑިއުސަރު ރަމޭޝް ތައުރާނީގެ ދަރިފުޅެވެ.

އޭނާގެ "ބަންގްރާ ޕާ ލޭ" ގެ ލީޑް ރޯލް ކުޅެފައި ވަނީ "އުރީ" ގެ ބަތަލު ވިކީ ކޯޝަލްގެ ކޮއްކޮ ސަނީ ކޯޝަލް އާއި ރުކްޝާރު ދިލަން އެވެ.

ބޮލީވުޑް ހަންގާމާ އިން ބުނިގޮތުގައި މި ފިލްމު ނެޓްފްލިކްސް އިން ސްޓްރީމްކުރަން ނިންމާފައި ވަނީ ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި އޮތް ދުވަސް ކަމަށްވާ މި މަހުގެ 15 ކުރިން މި މަހުގެ 14 ވަނަ ދުވަހު އެވެ. މި ބަދަލާ އެކު "ބަންގްރާ ޕާ ލޭ" އެއްވެސް ސިނަމާއެއްގައި ރިލީޒެއް ނުކުރާނެ އެވެ.

"ބަންގްރާ ޕާ ލޭ" ގެ ޓްރެއިލާ.

ނަމަވެސް މި ބަދަލު ގެނައި ސަބަބެއް ހާމައެއް ނުކުރެ އެވެ. ފިލްމުގެ ޓީމްގެ މެމްބަރަކާ ހަވާލާދީ ހަންގާމާ އިން ބުނީ "ބަންގްރާ ޕާ ލޭ" ސިނަމާތަކުގައި ނާޅުވަން ނިންމީ ފިލްމުގެ ކޮލިޓީއާ ދޭތެރޭ ސުވާލުތަކެއް ހުރެގެން ނޫން ކަމަށާއި އެއަށްކޮށްފައިވާ މަސައްކަތްތަކާ ދޭތެރޭ ރޯނީ ވެސް ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.

އެކަމަކު ފާހަގަކޮށްލެވޭ ކަމަކީ ރޯނީ އެންމެ ފަހުން ގެނެސްދިން "ދަ ސްކައި އިޒް ޕިންކް" އަކީ ވެސް ބެލުންތެރިންނަށް އެހާ ކަމުދިޔަ ފިލްމަކަށް ނުވުމެވެ. އެ ފިލްމަކީ ތިން އަހަރު ފަހުން ޕްރިޔަންކާ ޗޯޕްޅާ ހިންދީ ސިނަމާ އަށް އެނބުރި އައި ފިލްމު ވެސް މެ އެވެ.

ކަރަން ޖޯހަރު ޕްރޮޑިއުސްކޮށްފައިވާ "ޑްރައިވް" ނެޓްފްލިކްސް އިން ސްޓްރީމްކުރަމުން އަންނަ އިރު، މި ފިލްމަކީ ވަނދު ސްކްރީންޕްލޭއަކަށް ހަދާފައިވާ ވަރަށް ފީކަޅާ ފިލްމެއްގެ ގޮތުގައި ކްރިޓިކުން ސިފަކޮށްފައިވެ އެވެ. ތަރުން މަންސުޚާނީ ޑައިރެކްޓްކުރި ފިލްމުގެ ތަރިންނަކީ ޖެކްލިން ފެނަންޑޭޒާއި ސުޝާންތު ސިންގް ރާޖްޕޫތާއި ވިކްރަމްޖީތު ވާކާއި ސަޕްނާ ޕައްބީ އެވެ.