މި މަހުގެ 26 ގައި ރިލީޒްކުރަން ތާވަލުކޮށްފައި އޮތް، ސުޝާންތު ސިމްގް ރާޖްޕާތުގެ ފިލްމު "ދިލް ބޭޗާރާ" އަންނަ އަހަރަށް ފަސްކޮށްފި އެވެ.
މަޝްހޫރު ކާސްޓިން ޑައިރެކްޓަރު މުކޭޝް ޗަބްރާގެ އަލަތު ފިލްމު އަންނަ އަހަރަށް ފަސްކުރި ނަމަވެސް އަދި ވަކި ތާރީހެއް ނުނިންމާ ކަމަށް މީޑިއާތަކުން ބުންޏެވެ. ފިލްމީ ޚަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ބުނިގޮތުގައި ފޮކްސް ސްޓާ ހިންދީން ގެނެސްދޭ ފިލްމު ރިލީޒްކުރާނެ އާ ތާރީހެއް ވަރަށް އަވަހަށް އިއުލާންކުރާނެ އެވެ.
"ދިލް ބޭޗާރާ" ގައި ސުޝާންތާ އެކު ބަތަލާގެ ރޯލުން ފެނިގެންދާނީ ސަންޖަނާ ސާންގީ އެވެ. ސައިފް އަލީ ޚާން ވެސް ހާއްސަ ފެނިލުމަކުން ފެނިގެންދާ ފިލްމުގެ ކާސްޓުންގެ ތެރޭގައި ޖާވިދު ޖެފްރީ އާއި މިލިންދް ގުނާޖީ ވެސް ހިމެނެ އެވެ.
އޭއާރް ރަހްމާން މިއުޒިކް ތައްޔާރުކޮށްދޭ ދިލް ބޭޗާރާ" އަކީ 2014 ގައި ރިލީޒްކުރި ހޮލީވުޑްގެ ފިލްމު "ފޯލްޓް އިން އަވާ ސްޓާޒް" ގެ ރިމެކެކެވެ. މި ފިލްމުގައި ކިޔައި ދެނީ ކެންސަރާ ހަނގުރާމަކުރާ ޒުވާން ދެ ލޯބިވެރިއެއްގެ ވާހަކަ އެވެ.
މުކޭޝް މި ފިލްމުގެ ރިމެކެއް ހަދަން ނިންމައި މީގެ ޝޫޓިން މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ފެށިއިރު، ފިލްމުގެ ނަމަކީ "ކިޒީ އޯރް މެނީ" އެވެ. އެކަމަކު ފިލްމުގެ ނަން "ދިލް ބޭޗާރާ" އަށް ބަދަލުކުރިކަން އިއުލާން ކުރީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.
މި ފިލްމު އަންނަ އަހަރަށް ފަސްކުރި އިރު، ސުޝާންތުގެ ތިން ފިލްމެއް މި އަހަރު ބެލުންތެރިންނާ ހަމައަށް އައިސްފައިވެ އެވެ. އެއީ މި މަހު ނެޓްފްލިކްސް އިން ސްޓްރީމްކުރި "ޑްރައިވް" ގެ އިތުރުން ސެޕްޓެމްބަރުގައި ރިލީޒްކުރި "ޗިޗޯރޭ" ގެ އިތުރުން މާޗްގައި ރިލީޒްކުރި "ސޯންޗިރައްޔާ" އެވެ.