ޖިންސީ ގޯނާގެ ތުހުމަތު ކުރެވިފައި ވަނިކޮށް ސޮނީ ޓީވީގެ "އިންޑިއަން އައިޑޮލް" ސީޒަން 11 އިން ޖަޖްކަން އަނޫ މަލިކަށް އަލުން ދިނުމާ ގުޅިގެން އޭނާ އާއި ސޮނީ އަށް ކުތިމަތިވެފައިވާ ޕްރެޝަރުތަކާ ގުޅިގެން އަނޫ އަމިއްލަ އަށް ޝޯ އިން ވަކިވެއްޖެ އެވެ.

މިކަން ސޮނީ އާއި އަނޫ ވެސް ކަށަވަރު ކޮށްދީފައިވެ އެވެ.

އަނޫ ޝޯ އިން ވަކިވީ އޭނާ ޝޯ އިން ވަކިކުރަން ސޮނީން ސީރިއަސްކޮށް ވިސްނަމުން އަންނަ ކަމަށް މީޑިއާތަކުން ދާދި ފަހުން ބުނެފައި ވަނިކޮށެވެ. މިކަމާ ގުޅިގެން އޭނާ ބުނީ މި ވަގުތު ބޭނުން ވަނީ ޝޯ އިން ތިން ހަފުތާގެ ބްރޭކެއް ނަގަން ކަމަށެވެ.

"އަހަންނަށް ޝޯ އިން އަލުން ފުރުސަތު ލިބުމާއި އަލުން ޝޯ އަށް އަންނަން ބޭނުންވި ސަބަބަކީ އަހަރެންގެ މައްޗަށް ކުރާ ތުހުމަތުތަކުގައި މިހާތަނަށް އެއްވެސް ހަގީގަތެއް ނެތްކަންކަން ސާފުވާން އޮތީމަ،" އޭނާ ބުންޏެވެ. "އަހަރެންގެ މައްޗަށް ކުރާ ތުހުމަތާ ގުޅިގެން ކުރާ ދައުވާއެއް ވެސް ނެތް. ހަމައެކަނި ތުންތުންމަތިން ބަޔަކު ދައްކާ ވާހަކަތަކެއް މިއީ. މީހެއްގެ މައްޗަށް ތުހުމަތުތަކެއްކުރާ އިރު ކަމުގެ ދެކޮޅު ބެލުމަކީ ވަރަށް މުހިއްމު ކަމެއް."

އަނޫ އަށް ޝޯ އިން އަލުން ފުރުސަތު ދިނީ މިދިޔަ އަހަރު ގެނެސްދިން "އިންޑިއަން އައިޑޮލް" ސީޒަން 10 ކުރިއަށް ދަނިކޮށް އޭނާގެ މައްޗަށް ކުރެވުނު ތުހުމަތުތަކާ ގުޅިގެން ޝޯ އިން ބޭރުކޮށްލާފައި ވަނިކޮށެވެ.

ގިނަ އަންހެނުންތަކެއް އަނޫގެ މަައްޗަށް ޖިންސީގެ ގޯނާގެ ތުހުމަތުކޮށްފައިވާ އިރު އެކަމާ ދެކޮޅަށް ހުއްޓުމެއް ނެތި އެންމެ ގަދައަށް އަޑު އުފުލައި، އަނޫއާ ދެކޮޅަށް ސޯޝަލް މީޑިއާގައި #މޫވްއައުޓްމަލިކްގެ ނަމުގައި ކެމްޕޭންކުރަމުން ގެންދިޔައީ ލަވަކިޔުންތެރިޔާ ސޯނާ މަހާޕަޓްރާ އެވެ.

އަދި އަނޫ ޝޯއިން ވަކިވުމާ ގުޅިގެން ސޯނާ ވަނީ އޭނާގެ ކެމްޕޭން ތާއީދުކުރި މީހުންނަށް ޝުކުރު އަދާކޮށް ޓްވީޓް ވެސް ކޮށްފަ އެވެ. އޭނާގެ ޓްވީޓްގައި ބުނީ އަނޫ އަކީ އެތައް ބަޔަކަށް ރިހުމާއި ވޭން ދީފައިވާ މީހެއް ކަމަށާއި އެކަމާ ދެކޮޅަށް ކުރި މަސައްކަތް ކާމިޔާވުމުން މިހާރު ރަނގަޅަށް ނިދައި ވެސް ލެވޭނެ ކަމަށެވެ.

ޕްރެޝަރުތަކާ ގުޅިގެން އަނޫ ޝޯ އިން ވަކިވި އިރު، އޭނާއަށް ފިޔަވަޅު އަޅައިދޭން ނެޝަނަލް ކޮމިޝަން އޮފް ވިމެން (އެންސީޑަބްލިއު) އިން ވަނި ސޮނީ ޓީވީ އަށް ގޮވާލައިފަ އެވެ.

އަނޫ ޝޯއިން ވަކިވި ނަމަވެސް "އިންޑިއަން އައިޑޮލް" ސީޒަން 11 ގެ މި ހަފުތާގެ އެޕިސޯޑްތަކުން އޭނާ ފެންނާނެ ކަމަށް ބެލެވެ އެވެ. އެއީ ކުރިން ރިކޯޑްކޮށްފައިވާ އެޕިސޯޑްތަކަކަށްވާތީ އެވެ.

އަނޫއާ އެކު ޝޯގެ ޖަޖްކަން ކުރަނީ ލަވަކިޔުންތެރިޔާ ނޭހާ ކައްކަރާއި ލަވަކިޔުންތެރިޔާ/މިއުޒިކް ޑައިރެކްޓަރު ވިޝާލް ދަދުލާނީ އެވެ.

އަނޫގެ ބަދަލުގައި ދެން ޝޯ އިން ފެންނާނީ ކާކުކަމެއް އަދި ކަށަވަރެއް ނުވެ އެވެ. މިދިޔަ އަހަރު އަނޫގެ ބަދަލުގައި ޝޯގެ ޖަޖްކަންކުރީ ލަވަކިޔުންތެރިޔާ ޖާވިދު އަލީ އެވެ.