ބޮކިފަތި

އާދިއްތަ ދުވަހާ ގުޅޭ


މިސާލަކަށް ތި ދެކުދިން ރައްޓެހިވެގެންއުޅޭކަން އަހަރެން ސިއްރުކުރިޔަސް އެ ވާނީ މައްސަލައަކަށް،" ކުޑަމަނިކު ބުންޏެވެ. "އަމީނާއަށް ނުފެންނަ ތާކަށް އާދަނު ލާ ފޮރުވައިގެން އަމީނާ ކޯފާވިޔަސް އޭގެ ހުރިހާ ހަސްކާއެއް ވެސް އަންނާނީ އަހަންނަށް. ވަރަށް ނުރައްކާތެރިކަމެއް އަހަރެން މިކުރަނީ. އެކަމަކު އާދަނަކީ ނުލާހިކު ބަސްއަހާ، ތޫނުފިލި، މުރާލި ކުއްޖެއް ވީމާ އާދަނަށް ރަނގަޅު ގޮތެއް ހޯދައިދޭން އަހަރެން ބޭނުންވާތީ މި ކަން މި ކުރަނީ. އަހަރެން މިބަލަނީ ތީ އަހަރެންގެ ދަރިއެއްކަމަށް. އާދަނު ހުރޭ މަޑުމަޑުން. ހުރިހާ ކަމެއް ތައްޔާރުވީމަ އަހަރެން ބުނާނަން. އެއްވެސް ގޮތަކަށް އަމީނާއަށް ނާންގާތި އަހަރެން އަމީނާޔާ އާދަނާ ދުރުކުރަން އުޅޭކަން."

ކުޑަމަނިކު އެހެން ބުނިތާ ދެ ހަފުތާއެއްހާ ދުވަސް ފަހުން އައިސް ސިއްރު ގޮތަކަށް އަހަންނާ ބައްދަލުކުރިއެވެ. އޭރު އަހަރެން ހުންނަނީ ބިރުން ސިހިސިހިއެވެ.

"މިހާރު މިއުޅެނީ ސަރުކާރު ޚަދަރުގަ އާދަނު ރާއްޖެއިން ބޭރަށް ކިޔަވަން ފޮނުވަން،" މަޑުމަޑުން ކުޑަމަނިކު ބުންޏެވެ. "މީ ފަސޭހަކަމެއް ނޫން. ޚަރަދު ކުޑަ ކަމެއް ވެސް ނޫން. އަމުދުން އާދަނު ކަހަލަ ކުއްޖަކަށް ހުވަފެނަކުން ވެސް ނުފެންނަ ވަރުގެ ކަމެއް ކޮށްދޭން މިއުޅެނީ. އާދަނު ދާނީ އިންޑިޔާއަށް. އެއްވެސް މީހެއް ގާތުގަ މި ވާހަކަ ބުނެގެން ނުވާނެ. އަމުދުން އަމީނާ ގާތުގަ. ބުނެފިއްޔާ އޭނަ ވެސް އިންޑިޔާއަށް ހިނގައިދާނެ. އިސާހިތަކު މިކަން ފަޅާއަރާފާނެ. އާދަނުގެ ކިޔެވުމާ އެކުއެކީގަ މުޅި ޒިންދަގީ ވެސް ދިޔައީ."

އެއް ޖަންގަލިން ނުކުމުގެން ގޮސް އަހަރެން ވަންނަން ޖެހެނީ އަނެއް ޖަންގައްޔަށެވެ. އިންޑިޔާއަކީ ހަމަ އެކަނި ޗާޓުން އަހަރެން ދެކޭ ތަނެކެވެ.

"އެކަމަކު އަހަރެން އެކަނިމާއެކަނި އިންޑިޔާއަށް ގޮސް ކީއްކުރާނީ؟" އަހަރެން ބުނީމެވެ.

"ކިޔަވާނީނު!" އަހަންނަށް ވިސްނައިދިނުމުގެ ގޮތުން ކުޑަމަނިކު ބުންޏެވެ. "އާދަނު ހުންނާނީ ކިޔަވާ ތަނުގަ. އެ ތަނުން ނުކުންނާކަށް ނުޖެހޭނެ. އާދަނު މި ފޮނުވާލަނީ ތިން އަހަރު ދުވަހަށް. ވަރަށް މަސައްކަތުން މި ފުރުސަތު މި ހޯދީ. އެ ކަން ހަނދާންކުރާތި. ނުފޫޒުގަދަ މީހުންގެ ދަރިން ތިއްބާ އާދަނަކަށް ނުވެސް ދެވޭނެ. އެއީ ހަގީގަތް. ތިން އަހަރު ދުވަސް ވާއިރު އަމީނާ ބޮޑުވެގެން ކޮންމެވެސް ބޭފުޅަކާ ކައިވެނިފުޅު ބައްލަވައިގެންފާނެ. އާދަނު ގެއްލޭނެ އަމީނާއަށް. ދެން ވާނެ ގޮތަކީ، މަޑުމަޑުން ހުރިހާ ކަމެއް ހަމަޖެހިދާނެ. އަމީނާއަކަށް ނޭނގޭނެ އާދަނު ވީތަނެއް ވެސް. އާދަނު ރަނގަޅަށް ކިޔަވާ، ފިސާރި މީހަކަށް ވެގެން އާދޭ. އާދަނަށް ވެސް ރަނގަޅުވާނީ އެ ގޮތް. ހުރިހާ ފިކުރެއް ހުސްކޮށްލާފަ ވަރަށް ބަސްއަހައިގެން ކިޔަވާތި."

އަހަންނަށް ފޮށްޓާ ހުރިހާ އެއްޗެއް ވެސް ތައްޔާރުކޮށްދިނީ ކުޑަމަނިކެވެ. އިސާހިތަކު އަހަރެން އިންޑިޔާއަށް ފުރީމެވެ. ހަގީގަތުގައި އަހަރެން ވަރަށް ހިތްދަތިވިއެވެ. ވަރަށް ދެރަވިއެވެ. ހިތަށްއެރިއެވެ. އަމީނާ ހާދަހާ ދެރަވާނެއެވެ. އަހަރެންގެ ހިތުގަޖެހޭނެ ވަރަކާ އަހަރެން ހިތްދަތިވާނެ ވަރަކާ ބެހޭގޮތުން އޭރަކު ނުވިސްނެއެވެ. އަހަންނަށް މީހަކާ ހިތާވެވުނު ވާހަކަ ހިއްސާކޮށްލެވޭނެ އެހެން މީހަކު ވެސް ނެތެވެ. މަޑުމަޑުން ހުރެފައި ހިތާވެވުނީ މީހަކަށް އެއްޗެެއް ކިޔައިދެވޭ ވަރުގެ އަންހެނަކާ ނޫނެވެ. އަނެއްކޮޅުން ކުޑަމަނިކު އޮތީ ހުރިހާ ކަމެއް ސިއްރުކުރުމަށް ބުނެފައެވެ.

އިންޑިޔާގައި އަހަރެން ހުރިއިރު ހަނދާންބެހެއްޓީ އެންމެ ކަމެކެވެ. ރަނގަޅަށް ކިޔެވުމެވެ. ކިޔަވައިގެން މޮޅު މީހަކަށް ވެގެން އެނބުރި މާލެދިޔުމެވެ. އިންޑިޔާގައި އަހަރެން ހުރިއިރު އަމީނާގެ އެއްވެސް ޚަބަރެއް ނުވެއެވެ. އަހަރެން މަތިން އަމީނާ ހަނދާންކުރިކަމެއް، އަހަރެން ހޯދިކަމެއް ވެސް ނޭނގެއެވެ. ކަށިން މަދުނަގައިގެން ކިޔަވައި، ތިން އަހަރު ފަހުން އަހަރެން މާލެއައިރު ވެސް ނަސީބަކުން ކުޑަމަނިކު ދުނިޔޭގައި ހުއްޓެވެ.

"ކޮބާ! މިހާރު އާދަނު ތިހިރީ މޮޅު މީހަކަށް ވެފަ،" އަހަރެންގެ ކޮނޑުގައި ފިރުމާލައިފައި ކުޑަމަނިކު ބުންޏެވެ. "އާދަނު މިހާރު ތިހިރީ ހަރުދަނާ މީހަކަށް ވެފަ. މިހާރު ތީ އެއްކަލަ ރަށުން އައި އާދައިގެ ސޮރެއް ނޫން. ދެން ވަޒީފާއަަކަށް ވަންނަންއުޅޭ."

އަހަރެން ހުރީ އެހެން ޚަބަރަކަށް ފެންބޮވައިފައެވެ. އަމީނާއަށް ވީގޮތް އޮޅުންފިލުވަން ބޭނުންވެފައެވެ.

"ދެން ދޭންވީ ދޯ އެއްކަލަ ޚަބަރު،" ކުޑަމަނިކު ބުންޏެވެ. "އަމީނާ މި ގެއަށް ވަރަށް ގިނައިން ވަޑައިގެންނެވި. އަބަދު އައްސަވާ އާދަނު ކޮބައިހޭ. އަހަރެން ބުނަނީ ނޭނގެޔޭ އާދަނު ވީތަނެއް. އާދަނު އެ ހިސާބުން އަމީނާއަށް ގެއްލުނީ. ދުވަސްކޮޅެއްވީތަނާ އަމީނާ ކައިވެނިފުޅުބައްލަވައިފި. މިހާރު ހުރިހާ ކަމެއް ހަމަޖެހިއްޖެ."

އަހަރެން އަމީނާ ހަނދާންނައްތައިލީމެވެ. އެ ވާހަކަ ނުވެސް ދައްކަމެވެ. އެއްވެސް މީހަކަށް ކިޔައެއް ނުދެމެވެ. އެ ނޫން ގޮތެއް ނެތެވެ. އެކަމަކު ލޯތްބަކީ ހިތުގައި ބިންވަޅު ނެގިފައޮންނަ އެއްޗެކެވެ. އަމީނާ ނުލިބޭނެކަން އެނގުނަސް، އޭނަގެ ނަން ހިތުން ފުހެލިޔަސް އެ ލޯބި އަހަރެން ހަނދާނެއް ނުނެތެއެވެ. އެކަމަކު އަމީނާއަށް އިންތިޒާރުކުރުން ހުއްޓައިލީމެވެ. ހިތަށްއެރިއެވެ. އަހަރެން ވެސް ޖެހޭނީ ދިރިއުޅުމެއް ފަށާށެވެ.

އަހަރެން މުޅި މާލެ ކޮޅީމެވެ. ބޮޑުވާބިއްލޫރި ހިފައިގެން ހިނގީމެވެ. އަމީނާ ނުލިބުމުން އަހަރެން ހޯދީ ދެން އަމީނާޔާ އެންމެ ވައްތަރު މީހާއެވެ. އެއީ އާމިރާއެވެ. ނަމުގައި ވެސް ވައްތަރުކަމެއް ހުއްޓެވެ. އާމިރާއަކީ ވެސް މާލޭގެ ބޭފުޅެކެވެ. އަމީނާ ފަދައިންނެވެ. އާމިރާ ފެންނަ ގިނަ މީހުން ބުނެއެވެ. ހާދަހާ އަމީނާޔާ ވައްތަރު އަންހެނެކެވެ. ހަމަ އެ ލޮަލެވެ. އެ ހިނިތުންވުމެވެ. އެ އިސްކޮޅެވެ. ހިނގާ ގޮތާއި، އަޑު ވެސް ވަރަށް ވައްތަރެވެ. އަހަރެން އިނީ އޭނަޔާއެވެ.

އާމިރާޔާ އިނދެގެން އަހަރެން ވަރަށް ގިނަ ދުވަހު އުޅުނީމެވެ. އެހެންނަމަވެސް ދަރިޔަކު ނުލިބުނެވެ. އެހެންވެ އަހަރުމެން ވާހަކަދައްކައިގެން ސުލްހައިގައި ވަރިވީއެވެ. އަހަންނަށް ވިސްނުނު ގޮތުގައި، ހިތުއަޅައިގެންހުންނަ ވަކި މީހަކާ ވައްތަރުވުމުން ހާސިލުވަނީ ޒުވާންކަމުގެ އެންމެ މަގުސަދެކެވެ. ހަޔާތަށް ބޭނުންވާ އެހެން މަގުސަދުތައް ހާސިލު ނުވެދާނެއެވެ. ޔަގީނުން ވެސް އަހަންނަށް ދިމާވީ އެހެންނެވެ.

އަހަންނާ ވަރިވެގެން އާމިރާ އެހެން މީހަކާ އިންނައިރަށް އޭނައަށް ދަރިން ލިބުނެވެ. އަހަރެން ހުރީ އެހެން މީހަކާ ނީންނަން ނިންމައިގެންނެވެ. ސަބަބަކީ އާމިރާ އެހެން މީހަކާ އިނދެގެން އާމިރާއަށް ކުދިން ލިބުނީމައެވެ. އަހަރެން ނިންމީ ދަރިން ނުލިބެނީ އަހަންނަށްކަމަށެވެ. އެކަކަށް ވެސް އަހަރެން މީހަކާ ނީނދެ ހުންނަ ސަބަބެއް ނޭނގެއެވެ. އާމިރާ ވަރިކުރި ސަބަބެއް ވެސް ނޭނގެއެވެ. އެ ފަދަ ވާހަކަތަކަކީ މީހުނަށް ކިޔައިދޭން ފަސޭހަ ވާހަކަތަކެއް ނޫނެވެ.

އަމާންކަމާއެކު އަހަންނަށް ހުސްހަށިބަޔަށް ހުރެވުނީ އަހަރެއްހާ ދުވަހުއެވެ. މީހަކާ އިންނަން އާއިލާގެ މީހުން ކިޔަން ފެށިއެވެ. ރައްޓެހިން އަހަންނަށް ވިސްނައިދޭން ފަަށައިފިއެވެ. އެންމެން ވެސް އެދެނީ ތަންކޮޅެއް އާދައިގެ ދެރަ ވަރުގެ މީހަކާ އިނުމަށެވެ. މާލޭގެ ބަދަލުގައި މާލެޔާ ދުރު ރަށެއްގެ ކުއްޖަކާ އިނދެގެން މާލެ ގެނައުމަށެވެ. އަހަރެން ވެސް ހިތަށްއެރިއެވެ. އުމުރު އެއްކޮށް ހުސްހަށިބަޔަށް ހުންނާކަށް ނުވާނެއެވެ. އެއީ އަމިއްލަ ނަފުސަށް ދެވޭ އަނިޔާއެކެވެ. އަހަރެން ކިޔެވިއިރު އަހަރެންގެ މުދައްރިސަކު ބުނާތީ އެހީމެވެ. ކައިވެނިކުރަންވާނީ ރީތިކޮށް ޤުރުއާން ކިޔަވާ މީހަކާއެވެ. އޭރުން، ލިބޭ ދަރިންގެ އަޚުލާގު ވަރަށް ރަނގަޅުވާނެެވެ. ވީމާ އަހަރެން ރަހަ ތަފާތުކޮށްލީމެވެ. ސިފަ ދޫކޮށްލައިފައި އަޚުލާގަށް އިސްކަންދިނީމެވެ.

މާލެއާ ދުރަށް ދާން ނުކުމެގެން އަހަންނަށް ދެވުނީ ހިންމަފުށްޓާ ހަމަޔަށެވެ. އެއަށް ވުރެ ދުރަކަށް ނުދެވުނެވެ. އެ ރަށުން، މޫނުގައި ޗޯކުޖަހައިގެން ހެނދުނު ދަޅައިގައި ހިނގާ ކުޑަ އަންހެންކުއްޖަކު އަހަންނަށް ފެންނަން ފެށިއެވެ. އަހަންނަށް ވުރެ އެ މަންޖެ ހަގުވާނެކަން ބަލައިލީމާ ވެސް އެނގެއެވެ. އޭނަ ލަނީ ދިގުހެދުމެވެ. ބޮލުގައި ބޮލުފޮތިކޮޅެއް އޮވެއެވެ. ފެންނާނީ ފިލައެއް ހިފައިގެން ކިޔަވާގެއަށް ދާތަނެވެ. އޭނަގެ ނަމަކީ ބަދޫރާއެވެ. ފަހުން އެނގުނު ގޮތުގައި އަހަރުމެންގެ ދެމެދުގައި ދިހަ އަހަރުގެ ތަފާތެއް ހުއްޓެވެ. ބަދޫރާ ފެނުނީމަ ބަދޫރާޔާ ވާހަކަދައްކަން ވެެގެން އަހަރެން ވަރަށް ގިނަ ކަންތައް ކުރީމެވެ. ތުނބުންފުމެ، ކަރުކެހި ހަދަމެވެ. ބަދޫރާއެއް ނުބަލައެވެ. އެއްދުވަހަކު ސިއްސައިލީމެވެ. ބަދޫރާ ރޮއިގެންފައި އައިކޮޅަށް ދުވެފައި ދިޔައީއެވެ. ރޮމުންރޮމުން ފަހަތްބަލަމުންނެވެ. އޭގެ ފަހުން ދޭތެރެއަކުން ބަދޫރާ ބިރުގަންނަވަމެވެ. އަހަންނަށް އެކަން ވަރަށް މަޖައެވެ.

ބަދޫރާ ގޭގެ މީހުންނަށް އަހަރެން ވަރަށް ކަމުދާ މީހަކަށް ވިއެވެ. އެހެނަސް، ފުރަތަމަ ދަތުރުން ބަދޫރާގެ ހިތެއް ފަތަހައެއް ނުކުރެވުނެވެ. ދެވަނަ ދަތުރެއްގައި އަހަރެން ހިންމަފުށްޓަށް ދިޔައިރު ބަދޫރާ ހުރީ ފުރާވަރަށްއަޅައިފައެވެ. ބަދުރާގެ އުމުރުން އޭރު ސޯޅަ އަހަރެވެ. އެ ފަހަރު އަހަރެން ރަށަށްދާއިރަށް ބަދޫރާގެ އާއިލާގެ މީހުން އަހަންނަށް އެ ގެއަށް ދައުވަތުދިނެވެ. އަހަރެން ދިޔައިރު އުނދޯލީގައި އޮތީ ކުނާއަޅައި، ކަންނެޔޮޖަހައިފައެވެ. އަހަރެން ބޭންދީ އެ ތަނުގައެވެ. އޭގެ މާނައަކީ އެ މީހުންނަށް އަހަރެން ވަރަށް ކަމުދިޔުމެވެ. ގެއަކުން އެ ފަދަ އިން މަރުހަބާ ކިޔައިފި ނަމަ އޭގެ މާނައަކީ އެއީއެވެ. އެކަމަކު ބަދޫރާއާ ބެހޭގޮތުން އެެއްވެސް އެއްޗެއް ނުބުނެއެވެ.

ބަދޫރާގެ ކައިވެނީގެ ދައުވަތު އަހަންނަށް ލިބުނީ، ދެވަނަ ދަތުރު ނިންމައިފައި މާލެދިޔަފަހުންނެވެ. އެ ހިސާބުން އަނެއްކާ ވެސް މީހަކާ އިންނަން ނިންމީމެވެ. ސޯޅަ އަހަރެއް ކަމަކު އަހަރެން އިންއިރު ބަދޫރާއަކީ ފިޔޮއްގަނޑެކެވެ. އެހާ ވެސް ކުޑަވެފައި ނިކަމެއްޗެވެ. އެކަމަކު ވަރަށް ބަސްއަހައެވެ. ކިޔަމަންތެރިއެވެ. ލަފާކުރެވޭ ގޮތުގައި އެހެންވީ އުމުރުން ޅަކަމުންނެވެ.

ދުވަސްކޮޅެއްވީތަނާ ބަދޫރާގެ ފިޔަތައް ދިގުވެ، ސަމައްތަރު ހެޔޮ ބާޒަކަށް ބަދަލުވިއެވެ. އެހާ ވެސް ވަރުގަދަވެއްޖެއެވެ. ބަދޫރާ ބަލިވެއިނީއްސުރެ އޭނައަކަށް ބަތެއް ނުދެމެވެ. އަހަރެންގެ ނަޒަރުގައި ބަތަކީ މާ އާދައިގެ އެއްޗެކެވެ. އަހަރެން ބަދޫރާއަށް ކާންދިނީ ކައްޓަލާއާއި، މާޅޮސްކޭލާ، އަލަޔާއި، ތޮރާ ކަހަލަ އެއްޗެއްސެވެ. ކުކުޅުމަހާއި، މަހުމެޔާއި، އަންނާރާއި، އަތައެވެ. މާލެއިން އޭރު ބައެއް ވިޓަމިން ގަންނަން ލިބެއެވެ. އެ ހުރިހާ އެއްޗެއް ވެސް ބަދޫރާއަށް ދިނީމެވެ. ހަމަ އެންމެ އުންމީދެއްގައެވެ. ބަދޫރާ ވަރަށް ރީތި ކުއްޖެއް ވިހާތޯއެވެ. ލިބޭނީ އަންހެންކުއްޖެއް ކަމެއް އޭރަކު ކަށަވަރެއް ނުވެއެވެ. އެކަމަކު ތަޖުރިބާކާރުން ބުނީ ބަދޫރާ ވިހާނީ އަންހެންކުއްޖެއް ކަމަށެވެ.

ނުނިމޭ