22 ޖެނުއަރީ 2020 - 06:58
ޓީވީ ސިލްސިލާތަކުން މަޝްހޫރުކަން ހޯދި ދެ ތަރިން ކަމަށްވާ ހީނާ ޚާނާއި ކުޝާލް ޓަންޑަން ބިރުވެރި ފިލްމަކަށް ސޮއިކޮށް، އޭގެ މަސައްކަތް ފަށައިފި އެވެ.
މި ފިލްމަކީ ޒީ ނެޓްވޯކާގެ ޑިޖިޓަލް ޕްލެޓްފޯމް ޒީ5 އިން ހަދާ ފިލްމެކެވެ. އަންނަ މަހުގެ 7 ގައި ރިލީޒްކުރާ "ހެކްޑް" އިން ބޮލީވުޑަށް ތައާރަފުވާ ހީނާ، ކުޝާލްއާ އެކު ކުޅެ ފިލްމުގެ ނަން އަދި އިއުލާނެއްނުކުރެ އެވެ. އެކަމަކު މީގެ މަސައްކަތް ފެށި ވާހަކަ އާއި އިތުރު ކާސްޓުންނަކީ ކޮބައިކަން ޒީ5 އިން ވަނީ ހިއްސާކޮށްފަ އެވެ.
އެގޮތުން ފިލްމުން ފެންނާނެ ތަރިންގެ ތެރޭގައި ރިޝަބް ސިންހާ އާއި އަދިތީ އަރިއާ ހިމެނެ އެވެ.
ދެބާތުމާ މަންޑާލް ޑައިރެކްޓްކުރާ ފިލްމާ ބެހޭ ގޮތުން ހީނާ ބުނީ ބެލުންތެރިން ބިރުން ފިއްކަނޑައިގެންދާ ވަރުގެ ފިލްމަކަށް ވާނެ ކަމަށާއި ބިރުވެރި ފިލްމެއްގައި މަސައްކަތްކުރުމަކީ ވަރަށް ޝައުގުވެރި ކަމެއް ކަމަށެވެ.
"ބޭހަދު" އާއި "އޭކް ހަޒާރޯ މޭ މޭރީ ބެހެނާ ހޭ" ފަދަ ސިލްސިލާތައް ކުޅުނު އަދި "ބިގް ބޮސް" ގެ 7 ވަނަ ސީޒަނުގައި ވާދަކުރި ކުޝާލް ވެސް ބުނީ ބިރުވެރި ޖޯންރާ އަކީ އޭނާ ވެސް ވަރަށް ގަޔާވާ އެއްޗެއް ކަމަށާއި މި ފިލްމުގެ އެންމެ ހާއްސަ ކަމަކީ ސްކްރިޕްޓް ވަރުގަދަވުން ކަމަށެވެ.
ބެލެވޭ ގޮތުން ހީނާ އާއި ކުޝާލްގެ ޖޯޑު އެކީގައި ފެނިގެންދާ ފިލްމު އަންނަ އެޕްރީލް މަހުގެ ތެރޭގައި ސްޓްރީމްކުރާނެ އެވެ.
ހަންގާމާ ޕްލޭ އިން ވެސް ހީނާ ބަތަލާގެ ރޯލް ކުޅެފައިވާ ވެބް ސީރީޒެއް މިހާރު އަންނަނީ ގެނެސްދެމުންނެވެ. "ޑެމޭޖްޑް 2" ގެ ނަން ދީފައިވާ އެ ސީރީޒްގެ ބަތަލަކީ "ރާޒް: މިސްޓްރީ ކޮންޓިނިއުޒް" އާއި "ހާޓްލެސް" ފަދަ ބޮލީވުޑްގެ ފިލްމުތައް ކުޅުނު އަދިޔަމަން ސުމަން އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy