"ބޭވޮޗް" އިން ވިދައިލި ހޮލީވުޑްގެ ކުރީގެ މަޝްހޫރު ބަތަލާ ޕަމެލާ އެންޑަސަން ފަސް ވަނަ ކައިވެންޏެއް ކޮށްފި އެވެ.

ދެ ކުދިން ވެސް ތިބި އުމުރުން 52 އަހަރުގެ ބަތަލާ މި ފަހަރު ކައިވެނިކޮށްފައި ވަނީ މަޝްހޫރު ޕްރޮޑިއުސަރު ޖޮން ޕީޓާޒް، 74، އާ އެވެ. އެ ދެ މީހުން ކައިވެނިކުރީ ކެލިފޯނިއާގެ މަލިބޫގައި މިދިޔަ ހޯމަ ދުވަހު ބޭއްވި ހަފުލާއެއްގަ އެވެ.

ޕަމޭލާއާ އެއްގޮތަށް ކުރިން ހަތަރު ކައިވެންޏެއްކޮށް، ތިން ކުދިން ތިބި ޖޮން އަކީ ވަރަށް ކާމިޔާބު އެތައް ފިލްމެއް ޕްރޮޑިއުސްކޮށްފައިވާ މީހެކެވެ. އޭގެ ތެރޭގައި 2018 ގައި ރިލީޒްކުރި "އަ ސްޓާ އިޒް ބޯން" އާއި އޭނާގެ އޮރިޖިނަލް ފިލްމާއި 2013 ގެ "މޭން އޮފް ސްޓީލް" 2001 ގެ "އަލީ" އާއި 1999 ގެ "ވައިލްޑް ވައިލްޑް ވެސްޓް" ގެ އިތުރުން 1998 ގެ "ރެއިންމޭން" ފަދަ އެތައް ފިލްމެއް ހިމެނެ އެވެ.

ޖޮންއާ ކައިވެނިކުރުމުގެ ކުރިން 2017-2019 އަށް ޕަމޭލާ ވަނީ ފްރާންސްގެ ފުޓްބޯޅަ ތަރި އާދިލް ރަމީއާ ވެސް ލޯބީގެ ގުޅުމެއް ބާއްވައިފަ އެވެ. އޭނާ އެންމެ ފުރަތަމަ ކައިވެނިކުރީ މިއުޒިޝަން ޓޮމީ ލީއާ އެވެ. ޕަމޭލާގެ ދެ ކުދިންގެ ބައްޕަ އަކީ ވެސް ޓޮމީ އެވެ.

ޖޮންއާ ކައިވެނިކުރުމުގެ ކުރިން ޕަމޭލާ އެންމެ ފަހުން ކައިވެނިކުރީ ޕޯކާ ޕްލެޔާ ރިކް ސެލަމަންއާ އެވެ. އެ ކައިވެނި ރޫޅުނީ 2015 ގަ އެވެ.