ހޮލީވުޑްގެ ބަތަލާ ޕަމޭލާ އެންޑަސަން އާއި ޕްރޮޑިއުސަރު ޖޮން ޕީޓާޒްގެ ކައިވެނި 12 ދުވަސް ފަހުން ނިމުމަކަށް އަތުވެއްޖެ އެވެ.

ކުރިން ވެސް ހަތަރު ކައިވެންޏެއް ކޮށް ދަރިން ވެސް ލިބިފައިވާ ޕަމޭލާ، 52، އާއި ޖޮން، 74، ކައިވެނިކުރީ މިދިޔަ މަހުގެ 20 ވަނަ ދުވަހު ކެލިފޯނިއާގެ މަލިބޫގައި ބޭއްވި ސިއްރު ހަފުލާއެއްގަ އެވެ.

ކައިވެނިކުރިތާ އެންމެ 12 ދުވަސް ފަހުން، ކައިވެނި ނިމުމަކަށް ގެނައިކަން ހިއްސާކުރަން ކުރީގެ މަޝްހޫރު ސިލްސިލާ "ބޭވޮޗް" ގެ ބަތަލާ ނެރުނު ބަޔާނެއްގައި ބުނީ ދެ މީހުންގެ ކައިވެންޏާ ގުޅޭ ގޮތުން ރަސްމީކޮށް ފުރިހަމަކުރަން ޖެހޭ ކަންކަން ހުއްޓުމަކަށް ގެނެސް ވަކިވާން ނިންމީ ދެ މީހުން އަމިއްލަ އަށް ވާހަކަ ދައްކައިގެން އެއްބަސްވުމަކަށް އައުމަށް ފަހު ކަމަށެވެ.

އެހެންވެ މި ދަނޑިވަޅުގައި އެދެނީ ޕްރައިވެސީ އަށް ކަމަށާއި އެ ފުރުސަތު ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށް ބުނެފައިވެ އެވެ. ނަމަވެސް ވަކިވާން ނިންމި ސީދާ ސަބަބާ ބެހޭ ގޮތުން އެެއްވެސް ވާހަކައެއް ހާމަކޮށްފައެއް ނުވެ އެވެ.

އެކަމަކު އެހާ އަވަހަށް ކައިވެނި ރޫޅުމުން ވަރަށް ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ޕަމޭލާ އަށް ޖޯކް ޖަހައިފަ އެވެ.

ޖޮންއާ ކައިވެނިކުރުމުގެ ކުރިން 2017-2019 އަށް ޕަމޭލާ ވަނީ ފްރާންސްގެ ފުޓްބޯޅަ ތަރި އާދިލް ރަމީއާ ވެސް ލޯބީގެ ގުޅުމެއް ބާއްވައިފަ އެވެ. އަދި ޖޫލިއަން އަސާންޖާ އާއި ޕަމޭލާއާ ދެމެދު ހާއްސަ ގުޅުމއް އޮންނަ ކަމުގެ އަޑުތަކެއް ވެސް ކުރިން އަރާފައިވެ އެވެ. ޕަމޭލާ އެންމެ ފުރަތަމަ ކައިވެނިކުރީ މިއުޒިޝަން ޓޮމީ ލީއާ އެވެ. އޭނާގެ ދެ ކުދިންގެ ބައްޕަ އަކީ ވެސް ޓޮމީ އެވެ.

ޖޮންގެ ކުރީގެ ހަތަރު ކައިވެނީގެ ތެރެއިން ފަސް ކުދިން ލިބިފައިވެ އެވެ.