26 ފެބުރުއަރީ 2020 - 20:14
ސްޓާ ޕްލަސް އިން ދައްކަމުން އަންނަ ސިލްސިލާ "ކަސޯޓީ ޒިންދަގީ ކޭ" ގެ ޕްރޭނާގެ ކެރެކްޓާ އަށް ނިމުމެއް ގެންނަން އުޅޭކަމުގެ އިޝާރާތެއް އާ ޕްރޮމޯއަކުން ދައްކާލައިފި އެވެ.
ޕްރޮޑިއުސަރު އެކްތާ ކަޕޫރް އިންސްޓަގްރާމްގައި ވެސް ހިއްސާކޮށްފައިވާ ޕްރޮމޯގައި ފެންނަނީ އަނޫރާގް (ޕާތު ސަމްތާން)، ޕްރޭނާ (އެރިކާ ފެނަންޑޭޒް) އިމާރާތެއްގެ ބެލްކަނިން ވައްޓައިލާ ތަނެވެ. މި މަންޒަރުން ހަނދާން އާކޮށް ދެނީ 1993 ގެ ފިލްމު "ބާޒީގަރު" ގައި ޝާހްރުކް ޙާން، ޝިލްޕާ ޝެޓީ އިމާރާތެއްގެ މަތިން ވައްޓާލައި މަރައިލާ މަންޒަރެވެ.
ބައެއް ރިޕޯޓްތައް ބުނާގޮތުން "ކަސޯޓީ" ގެ ވާހަކައިން ކުރިއަށް އޮތް ދުވަސްތަކުގައި ބޮޑެތި ޓްވިސްޓްތަކެއް ފެންނާނެ އެވެ. އެގޮތުން ޕްރޭނާ މަރާލުމަށް ފަހު، އެ ކެރެކްޓާ އަލުން އަންނާނެތޯ ނުވަތަ ނޫންތޯ ވެސް ބުނާކަށް އަދި ނޭނގެ އެވެ. އެކަމަކު ޕްރޭނާ އަކީ ވާހަކައިގެ މައި އެއް ކެރެކްޓާ އެވެ. އަދި ޕްރޭނާގެ ކެރެކްޓާ އަށް ބެލުންތެރިން ހީނުކުރާ ކަހަލަ ޓްވިސްޓެއް ގެންނަކަން ކަށަވަރުކޮށް ދީފައި މި ވަނީ އޭނާ ދަރިއަކު ވެސް ލިބިފައި ވަނިކޮށެވެ.
ދެހާސް އަށާރައިން ފެށިގެން ދައްކަމުން އަންނަ "ކަސޯޓީ" ގެ އާ ސީޒަނުން ކުރިން ވެސް ވަނީ ބޮޑު ޓްވިސްޓެއް ގެނެސްދީފަ އެވެ. އެއީ ކޮމަލިކާގެ ރޯލް ކުޅެމުން ދިޔަ ހީނާ ޚާން ސިލްސިލާ ދޫކޮށްލަން ނިންމުމުން އޭނާގެ ކެރެކްޓާ ވެސް މަރުވީ ކަމަށް ދެއްކުމެވެ.
އެކަމަކު ކޮމަލިކާ ފަހުން ވަނީ މަރުން ސަލާމަތްވެ، ޕްލާސްޓިކް ސާޖަރީއަކާ އެކު މުޅިން ތަފާތު މޫނަކާ އެކު ގެނެސްދީފަ އެވެ. އެގޮތުން މިހާރު "ކަސޯޓީ" ގައި ކޮމަލިކާގެ ރޯލް ކުޅެނީ އާމްނާ ޝަރީފް (ކަޝިޝް) އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy